ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އުފެއްދެވި ޔުމްނު ރަޝީދު ވެއްޓުމާ ގުޅޭ މައްސަލަ ބަލާ ރިޔާސީ ކޮމިޝަން އުފެދިތާ މަހެއްވާން ކައިރިވެފައިވަނިކޮށް، އިއްޔެ ވަނީ އެ ކޮމިޝަންގެ ގަވާއިދު ރައީސް އޮފީހުން ގެޒެޓުކޮށްފައެވެ.
ގެޒެޓުކުރެވުނު ގަވާއިދުގައިވާ ގޮތުން މި ކޮމިޝަނަށް ކިޔަނީ "2025 އެޕްރީލު 18 ވަނަ ދުވަހު މާލޭގައި ހިނގި ހާދިސާ ތަހުގީގުކުރާ، ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ކޮމިޝަން" އެވެ. އަދި ކޮމިޝަނާ ގުޅޭ ގަވާއިދަށް ކިޔަނީ "2025 އެޕްރީލު 18 ވަނަ ދުވަހު މާލޭގައި ހިނގި ހާދިސާ ތަހުޤީޤުކުރާ، ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ކޮމިޝަނުގެ ހިންގާ ގަވާއިދު" އެވެ.
މި ގަވާއިދުގައި ކޮމިޝަނުން ތަހުގީގު ކުރުމުގައި ބޭނުންކުރާނެ އުސޫލުތަކާއި އިޖުރާއާތުތައް ކަނޑައަޅަންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ކޮމިޝަންގެ ބައްދަލުވުންތައް ހަފްތާގެ ފަސް ދުވަހު ބާއްވަންވާނެ ކަމަށް ގަވާއިދުގެ 9 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން، ގަވާއިދުގެ 17 ވަނަ މާއްދާގައި ކޮމިޝަންގެ މެމްބަރުންގެ ސުލޫކީ މިންގަނޑު ބަޔާންކޮށްފައިވާއިރު، 23 ވަނަ މާއްދާގައި ކޮމިޝަންގެ މަސައްކަތް ނިމޭނީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރުން ކޮމިޝަނާ މަތިކޮށްފައިވާ މަސައްކަތް ނިމުމުން ކަމަށް ބަޔާންކޮށްފައިވެއެވެ.
މި ކޮމިޝަން އުފައްދާފައިވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ފަތިހު ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު ރަޝީދު (21އ) ވެއްޓުނު ހާދިސާ ތަހުގީގުކުރުމަށެވެ. މި ހާދިސާއާ ގުޅިގެން ގިނަ ބައެއްގެ ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.





