މިގައުމަށް ބޭނުން ވަނީ ޓްރާންސްޕޯޓު މިނިސްޓަރު އަމީން ފަދަ އިޚުލާސްތެރި ވަޒީރުން!

ކަންފަތް ތޫނު ނޫސްވެރިންނަކަށް ނީވޭހައި މަޑުމަޑުން ނޫސްކޮންފަރެންސެއްގައި އިވި ދިޔަ ވާހަކައެކެވެ. "އެގުޅުއްވަނީ މިނިސްޓަރު!" ފޯނުގެ އިސްކިރީން ދިއްލެން ފެށުމާއެކު ޕޮލިސް ކޮމިޝަނަރުގެ ސަމާލުކަމަށް އޭނާގެ އެހީތެރިން ގެނައި ވާހަކައެކެވެ.

އެންމެ 10 ޑެސިބަލަށް ވުރެން އިތުރު ނުވާނެހައި ފަނޑު އަޑެކެވެ. އެކަމެއް ހިނގައި ދިޔަތާ، މާގިނަ އިރެއް ނުވެއެވެ. ބޮނޑިބަތް އެއްޗެއްގެ ހޫނުކަން ކިރިޔާ ކެނޑޭހައި ވަގުތު ކޮޅެކެވެ. ޕޮލިސް ކޮމިޝަނަރު އިސްތިއުފާ ދެއްވައިފިއެވެ.

ނާދިރު ފަހަރެއްގައި މެނުވީ އެފަދަ ޒިންމާދާރު ކަމެއް މަސްއޫލުވެރިއެއްގެ ފުށުން ފެނިގެނެއް ނުދާނެއެވެ. ޢަލީ ޝުޖާޢު، ބަހަނާތަކެއް ދެއްކުމަކާ ނުލައި، އުޒުރުތަކެއް އަމުނާލުމެއް ނެތި އިސްތިއުފާ ދެއްވީއެވެ. ސާފު އިސްތިއުފާގެ ސިޓީއެކެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގައި ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީނާ ސުއާލު ކުރެވުނީއެވެ. މައްސަލައަކީ އަމީނަށް ނިސްބަތްވާ މައިފުނަ ގޭގައި އޮތް ޕާޓީއަކަށްފަހު ހިނގައި ދިޔަ ސިލްސިލާ ހާދިސާތަކެއް ނިމުނުއިރު އިންސާނެއްގެ ފުރާނައަށް ނުރައްކާ ވާވަރުގެ ކަމެއް ހިނގާފައި އޮތުމެވެ.

މިއަދު މަޖިލީހުގައި ސުއާލު ކުރުމުން މިނިސްޓަރު އަމީން ވަނީ، ނޫސްވެރިންގެ ބައްދަލުވުން ހިނގި ވަގުތު އޭނާ ޕޮލިސް ކޮމިޝަނަރަށް ގުޅުއްވި ކަމަށް އެއްބަސްވެ ވަޑައިގެންފައެވެ. މިނިސްޓަރު ވިދާޅުވީ، އޭނާ ގުޅުއްވީ އޭނާ ދިރިއުޅުއްވާ ގެއަށް ވަންނަން ފުލުހުންނަށް ކޯޓު އަމުރެއް ބޭނުން ނުވާނެ ވާހަކަ، ކޮމިޝަނަރަށް ދަންނަވާށެވެ.

މިވަރުގެ އިޚުލާޞްތެރި ވަޒީރުން ރައީސް މުޢިއްޒުގެ ސަރުކާރުގައި ތިއްބަވާނެ ނަމަ، އުމަރު ބިން ޢަބްދުލްޢަޒީޒުގެ ވެރިކަމުގެ ދެވަނަ އިސްދާރެއް މިޤައުމުން ފެނިގެން ދާނެ ކަން ޔަގީނެވެ.

މިނިސްޓަރު އަމީން ވިދާޅުވާ ވާހަކަ ޤަބޫލު ކުރެވެއެވެ. މިނިސްޓަރު ވިދާޅުވަނީ އެ ފޯނު ކޯލަކީ ތަހުޤީޤަށް ފަސޭހަ ކޮށްދެއްވުމަށް ގުޅުއްވި ގުޅުއްވުމެއް ކަމަށެވެ. މިނިސްޓަރު އެހެން ވިދާޅުވެފައި އަދި ފަހުން އެހެން ވާހަކައެއްވެސް ވިދާޅުވެއެވެ.

އެއީ، އެ ގެއަކީ އޭނާގެ އިތުރުން އެއްބަނޑު އެއްބަފާ އިތުރު ތިން ބޭފުޅުންގެ ގެއެއް ކަމަށެވެ. ރަނގަޅު ވާހަކަ ފުޅެކެވެ! އެހެންވެ، އެ ގޭގައި ކުށެއް ކޮށްފިނަމަ އެ ކަމުގެ ޒިންމާ ވަކި މަގާމެއްގައި ހުންނެވުމުގެ ސަބަބުން މިނިސްޓަރު ނަންގަވާކަށެއް ނުޖެހޭނެ ކަމަށެވެ. އެވެސް ތެދުފުޅެކެވެ! އެކަމަކު އެހެން ބަޔަކުވެސް ހިއްސާވާ ގެއަކަށް ފުލުހުން ވަނުމަށް ކޯޓު އަމުރެއް ބޭނުން ނުވާނެ ކަމަށް މިނިސްޓަރަށް ވިދާޅުވެވި ދާނެތޯއެވެ.

މިމައްސަލައަކީ ޒުވާން އަންހެނެއް ކަމަށްވާ ހައްވާ ޔުމްނު ރަޝީދުގެ ހާދިސާއާ ގުޅޭ މައްސަލައެކެވެ. އެޕްރީލް 18 ވަނަ ދުވަހުގެ ހެނދުނު އޭނާ ފެނުނީ ފުރާޅެއްގެ މަތިންނެވެ.

ދުވަހުގެ ހާދިސާގެ ފަހުން ނިއުޅެމުންދިޔަ ކަންކަމުން އެނގުނީ އެހެން ގެއެއްގައި އޮތް ޕާޓީއަކާއި އޭނާ ފުރާޅުމައްޗަށް ވެއްޓުމާ ގުޅުމެއް ވާކަމަށެވެ.

މަގުމަތު ހަލަބޮލިވެ، ތުހުމަތުތަކުގެ އިނގިލި ދިއްކުރެވުނެވެ. ފޯނުތައް ހިފެހެއްޓި، ބަޔެއްގެ އުޅުންތަކަކަށް ހުރަސް އެޅުނެވެ. ނަމަވެސް އެ ހާދިސާގައި ނަން ކިޔުނު ޕައިލެޓުންގެ ހަރަކާތްތަކަށް ހުރަހެއް ނޭޅުނެވެ.

ވީހުގެ އުމުރުގެ އެންމެ ޒުވާނަކު ފުލުހުންގެ ދަލުގައި ޖެހުނެވެ. ރައުދު ފުލުހުންގެ ބަންދުގައި އިތުރު 20 ދުވަހަށް ބައްޓަން 4 ވަނަ ފަހަރަށް މިހާރު ވަނީ މުއްދަތު ޖަހާފައެވެ. އެތައް ބަޔެއްގެ ކައްފާރާއެއްގެ ގޮތުގައެވެ.

ފުލުހުން ބަލަން ވަންނަން ދިޔައީ، މިނިސްޓަރު އަމީންގެ އާއިލީ ގެކޮޅަށެވެ. ވަނެވެ. ބެއްޔެވެ. މާބޮޑު ކާމިޔާބީއެއް ނުލިބުނެވެ. ކެމެރާތައް ހުއްޓަސް ނަރުތައް ނިމޭ ހިސާބުން އެއްޗެއް އަޅައި ގަންނަ ގޮތެއް ނުވެއެވެ.

މިނިސްޓަރުގެ އިޚުލާޞްތެރި ވާހަކަކޮޅުގައި ވިދާޅުވީ އެހާދިސާއާ މިނިސްޓަރާ އެއްވެސް ގުޅުމެއް ނުވާ ކަމަށެވެ. އާންމުންވެސް އެކަން ޤަބޫލު ކުރެއެވެ. އެކަމެއް ހިނގި އިރު މިނިސްޓަރު ހުންނެވީ ގައުމަށް ވަޑައިގަންނަވާ ދަތުރުފުޅެއްގައި ރާއްޖޭގެ ސަރަހައްދާ މާދުރުގައި ވައިގެ ތެރޭގައެވެ.

މި މައްސަލައާ ގުޅުވައިގެން މިނިސްޓަރު އަމީނުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން މަޖިލީހަށް ވެއްދީއެވެ.

ދައުލަތުގެ ފައިސާއިން ހިންގާ ސިޔާސީ ޕާޓީއަކުން ދައުލަތް ޖަވާބު ދާރީ ކުރުމުވުމަކީ ދައުލަތުން ސިޔާސީ ޕާޓީއަށް އިމްލާ ކުރާ ވާޖިބެއް ކަން ޔަގީނެވެ.

މިނިސްޓަރު އަމީންގެ މަގާމަކަށް ނުރައްކަލެއް ނެތެވެ.

މިނިސްޓަރު ވަނީ ވަރަށް ފަންނީ ގޮތަކަށް މައްސަލާގެ ވަށައިގެންވާ ކަންކަމަށް ވާހަކަ ދައްކަވާފައެވެ.

މީޑިއާގައި ބުނެފައި ވަނީ އެގޭގައި އޮތީ ޑްރަގް ޕާޓީއެއް ކަމަށެވެ. ތެދަކަށް ނުވެދާނެއެވެ. އެކަމަކު މީސްމީޑިގައި މާޒީގެ ބައެއް މަންޒަރުތަކާއެކު ބައެއް މީހުންގެ ވަނަވަރު، މަންޒަރާއި އަމަލުން ދައްކައި ދީފައި ވެއެވެ.

މިނިސްޓަރު މިއަދު ވިދާޅުވީ ވަރަށް ޓެކްނިކަލް، ކްލީން ޗިޓް ވާހަކަފުޅެކެވެ. ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން އޭނާއަށް ބޮޑުބޭބެ ވިދާޅުވާ އެއްވެސް ބޭފުޅެއްގެ ބައިވެރިވުން އެކަމުގައި އޮތް ކަމަކަށް އެއްވެސް އިދާރާއަކުން ނިންމާފައެއް ނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ހަމައެފަދައިން ޑްރަގް ޕާޓީއެއް ކަމަށް ތުމަތު ކުރެވުނަސް ތަހުގީގީ އިދާރާއަކުން އެފަދަ ކަމެއް ހިނގާފައިވާ ކަމަށް ނިންމާފައެއް ނުވެއެވެ. އަދި އިތުރަށް މިނިސްޓަރު ވަނީ އެފަދަ ކަމެއް ހިނގާފައިވާ ކަމުގެ މައުލޫމާތު އެމްޑީޕީ މެމްބަރުންނަށް ލިބިވަޑައިގެންފައި ވަނީނަމަ އެކަމެއް ތަހުގީގު އިދާރާތަކާ ޙިއްސާކޮށްދެއްވުމަށް ވެސް ނަސޭހަތްތެރިވެ ވަޑައިގެންފައެވެ.

ދެން އޮތީ ނުފޫޒުގެ ވާހަކައެވެ. މިނިސްޓަރު އަމީން ވަނީ ފުލުހުންގެ އިދާރާއަކީ، ޓްރާންސްޕޯޓު މިނިސްޓްރީ ދަށުން ހިނގާ ތަނެއް ނޫންކަން އެމްޑީޕީގެ މެމްބަރުންނަށް ސާފުކޮށް ދެއްވާފައެވެ! "މޯލްޑިވްސް ޕޮލިސް ސާވިސްއަކީ އަޅުގަނޑުގެ ބެލުމުގެ ދަށުގައި ހިންގާ އިދާރާއެއް ނޫން. މިނިސްޓަރެއްގެ ހައިސިއްޔަތުން އަޅުގަނޑަށް ޖަވާބުދާރީވާ ތަނެއް ވެސް ނޫން. އަޅުގަނޑު ނުފޫޒު ފޯރުވާފައެއް ވެސް ނޯންނާނެ،" އަމީން  ވިދާޅުވިއެވެ.

ފޮޓޯ: މަޖިލިސް އިދާރާ

ހިއްސާ ކުރައްވާ!