ދުނިޔޭގެ މުވާސަލާތާއި މައުލޫމާތުގެ ދާއިރާގެ ދުވަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ. އެކްސްގައި ލިޔުއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދުނިޔެ ދެކެމުންދާ މުވާސަލާތުގެ ހަލުއި ތަރައްޤީ ބޭނުން ކުރަންވީ، ޤައުމު އިޝްތިހާރުކޮށް، ރާއްޖޭގެ މަޤްބޫލުކަން އިތުރު ކޮށް، އާމްދަނީގެ މަގުތައް އިތުރު ކުރުމަށް ކަމަށެވެ.
"މުވާޞަލާތީ ގޮތުން ދުނިޔެ މިދެކޭ ހަލުވި ކުރިއެރުމުގެ ބޭނުން އަޅުގަނޑުމެން ހިފަންވީ ދިވެހިރާއްޖެ އިޝްތިހާރުކޮށް، މަޤްބޫލުކަން އިތުރު ކުރުމަށް. ޤައުމަށް އާމުދަނީ ހޯދޭނެ މަގުތައް ފަހި ކުރުމަށް." ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ، "މުވާޞަލާތާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާގެ އެކި މަސައްކަތްތައް ރާއްޖޭގައި ކުރައްވަވާ ހުރިހާ ޚިދުމަތްތެރީންނަށް،" ދުވަހުގެ ތަހުނިޔާ ވިދާޅުވެފައެވެ.
އަދި "ޤައުމުގެ ތަރައްޤީއާއި މުސްތަޤްބަލަށް މުހިންމު މި ޚިދުމަތުގައި އިތުރު ކުރިއެރުމާއި ކާމިޔާބީއަށް" އެދިވަޑައިގަންނަވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.







