ޑިމޮކްރެސީގެ ހާލަތު ދަނީ މޯޅިވަމުން: ޢަބްދުﷲ ޝާހިދު

ޝަރުޢީ ދާއިރާގެ މިނިވަންކަމާއި ޤާނޫނުގެ ބާރު ދެމެހެއްޓުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ވަޢުދުފުޅެއް ކަމަށާއި ސަރުކަރުން އެކަން ދަމަހައްޓާނެ ކަމަށް، ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލު ވިދާޅުވެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، ޑރ. ޚަލީލު ވަނީ، އިދިކޮޅުގައި ޒިންމާދާރު މަގާމުގައި ތިއްބެވި ފަރާތްތަކުން، ބައިނަލްއަޤްވާމީ މުޖުތަމަޢަށް ޙާލަތު ވިދާޅުވެ ދެއްވާއިރު، ހަގީޤަތާއި ތެދު ބަޔާންކޮށް ދެއްވުމަށް އެދި ވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.

ޑރ. ޚަލީލުގެ އެކްސް ޕޯސްޓު ދިމާވަނީ، އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ޔޫރަޕްގައި ކުރިއަށް ގެންދަވާ ސިލްސިލާ ބައްދަލުވުންތަކުގައި ދެއްވާ ބަޔާންތަކާ އެވެ.

ޝާހިދު ވަނީ އިންޓަރނޭޝަނަލް ޑިމޮކްރެސީ ޔޫނިއަމްގެ ފޯރަމް2520ގައި ތަޤްރީރު ކުރައްވާފައެވެ. ޝާހިދުގެ ތަޤްރީރު ބިނާކުރައްވާފައި ރާއްޖޭގެ ޑިމޮކްރެސީ ދޭސީވަމުން ދިއުމުގެ މައްޗަށެވެ. އެރޮނގުން، މައިގަނޑު ތިން މައުޟޫއަކަށް އޭނާ ވާހަކަ ދެއްކެވިއެވެ. އެއީ، ރާއްޖޭގެ ޑިމޮކްރެޓިކް އަގުތައް ސޮއްސެމުން ދިއުމާއި، މުއައްސަސާތަކުގެ މިނިވަންކަން ގެއްލެމުން ދިއުމުގެ މައްޗަށާއި ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މައްޗަށެވެ. އަދި ޑިމޮކްރެސީ ނެގެއްޓުމަށް ބައިނަލްއަޤްވާމީ ފަރާތްތަކުން އެއްބާރުލުން ދިއުމަށް އެދިވަޑައި ގެންނެވިއެވެ.

ޝާހިދުގެ ތަޤްރީރުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގަތް ގޮތްވެސް ބައިވެރިންގެ ސަމާލުކަމަށް ގެންނެވިއެވެ. ރައީސް މުޢިއްޒުގެ ކެމްޕޭނަށް ފާޑު ވަމުން އެމަނިކުފާނު "ވެރިކަމަށް ވަޑައިގެންނެވީ އިތުރުފުޅު ހައްދަވައިގެން" ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި "ބޭރު މީހުންނާ މެދު ނަފްރަތު އުފައްދަވާ ޝިއާރުތަކާއި މުޖުތަމައު ބައިބައި ކުރެއްވުމުގެ" ކެމްޕޭނެއްގެ ތެރޭން ކާޟިޔާބު ހޯއްދެވީ ކަމަށް ވެސް ވިދާޅުވިއެވެ.

ޝާހިދު ވަނީ ރައްޔިތުން ޙަވާލު ކުރާ މެންޑޭޓް ފޭރިގަތުމަށް ސަރުކާރުން މަސައްކަތް ކުރާ ކަމަށްވެސް ތުހުމަތު ކުރައްވާފައެވެ. ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭގޮތަށް ފާސްކޮށްފައިވާ ޤާނޫނާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން، ޝާހިދު ވިދާޅުވީ، "ވޯޓު ލަނީ ރައްޔިތުން، ގޮނޑި ކާމިޔާބު ކުރަނީ ކެންޑިޑޭޓް. އެކަމަކު ބަންދު ކޮޓަރިއެއްގައި ޕާޓީ ލީޑަރު އިންނަވާފައި ރައްޔިތުން ކެންޑިޑޭޓާ ހަވާލު ކުރި މެންޑޭޓް ނިގުޅައި ގަނެވިދާނެ" ކަމަށެވެ.

މިނިވަން މުއައްސަސާތަކުގެ މިނިވަންކަން ނިގުޅައި ގަންނަ މުންދާ ކަމަށްވެސް ތުހުމަތު ކުރެއްވިއެވެ. "އެންމެ މަތީ ކޯޓު ވަނީ އައްސިކޮށްފައި" ކަމަށް ވިދާޅުވަމުން އޭސީސީއާއި އީސީއަކީ މިހާރު ރައީސުލްޖުމްހޫރިއްޔާގެ "ގޮނޑިކޮއްކޮ" އިން ކަމަށް ސިފަ ކުރެއްވިއެވެ.

ޝާހިދުގެ ވާހަކަތަކާ ގުޅޭ ގޮތުން ކޮމެންޓަކަށް އެދި ކާފު ނޫހުން ވާނީ ސަރުކާރުގެ ތަރުޖުމާނަށް ދަންނަވާފައެވެ. ޝާހިދުގެ ވާހަކަތަކަށް ރައްދެއް ކަމަށް ބެލެވޭ ޕޯސްޓުގައި ޚާރިޖީ ވަޒީރު ޑރ. ޚަލީލު ވަނީ ރައީސް މުޢިއްޒުގެ ސަރުކާރުގެ ރެކޯޑް ސާފުކަމަށް ވިދާޅުވެ ޔަޤީންކަން ދެއްވާފައެވެ.

ޚަލީލު އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވީ، "ރައީސް ޑރ މުޢިއްޒު ޝަރުއީ ދާއިރާއަށް ހުރަހެއް ނާޅުއްވާނެ" ކަމަށެވެ. އަދި "ޑިއު ޕްރޮސެސްއަށް (ވެސް) ހުރަހެއްވެސް ނާޅުއްވާނެ" ކަމަށެވެ. މަޖިލީހުން ވަކިކޮށްފައިވާ ދެ ފަނޑިޔާރުންގެ މައްސަލައަށް އިޝާރާތް ކުރައްވަމުން ޑރ. ޚަލީލު ވިދާޅުވީ، "އެއީ، ޖުޑީޝަލް ސާވިސަސް ކޮމިޝަނުން ކުރި ތަހުގީގަށް ފަހު،" އެ ފަނޑިޔާރުންނާ މެދު އެޅުއްވި ފިޔަވަޅެއް ކަމަށެވެ.

ޝާހިދުގެ ތަޤްރީރުގައި މީޑިއާގެ މިނިވަންކަން ނިގުޅައިގަތުމާ ބެހޭ ގޮތުންވެސް ވާހަކަ ދެއްކެވިއެވެ. ނަމަވެސް ޝާހިދުގެ ވާހަކަފުޅާ ޚިލާފަށް، މިއަހަރުގެ މީޑިއާގެ މިނިވަންކަމުގެ ގިންތީގައި ރާއްޖެއަކީ މި ސަރަހައްދުން އެންމެ މަތިން ގިންތި ކުރެވިފައިވާ އެއް ޤައުމެވެ. އާންމުކޮށް ދެކުނު އޭޝިއާގައި ރާއްޖެފަދަ ޤައުމުތައް ފިޔަވައި އެހެން ޤައުމުތައް ވަނީ މިޑިއާގެ މިނިވަންކަމުގެ ގިންތީގައި ސޮއްސާލާފައެވެ.

ޑިމޮކްރެސީ ޔޫނިއަން ފޯރަމްގައި ޝާހިދު ބަންޑުންކޮށްލެއްވި އުދާސްތަކަކީ، ރާއްޖޭގެ ޑިމޮކްރެސީއަށް ތަޢުޒިޔާ ވިދާޅުމެއް ނޫން ކަން ބައިވެރިންގެ ސަމާލުކަމަށް ގެންނެވިއެވެ. "އަޅުގަނޑުމެން މިތާ މިތިބީ މޯޅިވަމުންދާ ޑިމޮކްރެސީއަށް ހިތާމަ ކުރާކަށެއް ނޫން. ހާލަތު ބަދަލުކޮށްލުމަށް އަޅުގަނޑުމެން ކުރިމަތިލާނަން" ކަމަށެވެ.

"ޚުދުމުޚުތާރުކަން އޮތީ އިންތިހާއަށް. އަޅުގަނޑުމެންގެ އަޒުމުވެސް އެހާމެ މަތިވެރި" ކަމަށް ޝާހިދު އިއުލާން ކުރެއްވި އެވެ. ނަމަވެސް މައިދާނުގައި އެމްޑީޕީއަކަށް އަމަލުން އެކަމެއް ނުދެއްކެއެވެ.

ޒުވާނުން ކުރަމުން ދިޔަ މުޒާހަރާއަށް ވެސް ޝާހިދު އިޝާރާތް ކުރެއްވިއެވެ. ޖެންޒީގެ ނަމުން ވިދާޅުނުވި ނަމަވެސް، "ދުލެއް ނުކުރާނަން" ހަރަކާތުގައި މުޒާހަރާ ކުރާ ޒުވާނުންނާއި ޕާޓީ އެކްޓިވިސްޓުންނަށް ހިތްވަރު ދެއްވައި އިދިކޮޅު ހަރަކާތް ނަގަހައްޓަވާނެ ކަމަށް އިޝާރާތް ކުރެއްވިއެވެ. ޝާހިދު ވިދާޅުވީ "ކުރިންވެސް (އިދިކޮޅު ހަރަކާތް) ބިނާ ކުރީ އަޅުގަނޑުމެން؛ ދެންވެސް އެކަން ކުރާނީ އަޅުގަނޑުމެން" ކަމަށެވެ.

"ދުލެއް ނުކުރާނަން" ހަރަކާތަކީ، އެމްޑީޕިއާ ގުޅުމެއް ނެތް، ވީހުގެ އަހަރުތަކާއި އޭގެ ފަހުގެ އަހަރުތަކުގެ ޒުވާނުން އިސްނަގައިގެން މާލޭގައި ކުރިއަށް ގެންދިޔަ ސިލްސިލާ މުޒާހަރާތަކެކެވެ. މި މުޒާހަރާތައް މަޝްހުވީ ޖެންޒީގެ މުޒާހަރާތަކުގެ ނަމުންނެވެ. ނަމަވެސް ޝާހިދުގެ ވާހަކަފުޅުގައި ޖެންޒީއަށް އިޝާރާތެއް ނުކުރައްވައެވެ.

"މިހާރު ވަގުތީ ގޮތަކަށް މުޒާހަރާތައް ވަނީ ހުއްޓާލާފަ. ޚިޔާލު ތަފާތުން ތަކެއް އެބަ އުޅޭ. އެކަމަކު އެމްޑީޕީން ކްރެޑިޓް ނަގަން އުޅުން އެއީ ބޮޑު މައްސަލައެއް" ޖެންޒީގެ މުޒާހަރާގައި އުޅޭ ފަރާތަކުން ނަން ހާމަނުކުރުމަށް އެދި ކޮމެންޓު ކުރިއެވެ.

ހިއްސާ ކުރައްވާ!