ކައުންސިލަރުން ބޭނުންވާ ކަންކަން ކުރުމަށް ސަރުކާރުގެ ތެރޭން އެއްވެސް ދައްޗެއް ނެތް ކަމަށް، މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ މުޙައްމަދު ޢަރީޝް ވިދާޅުވެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޢަރީޝް ވިދާޅުވަނީ، "ރައްޔިތުން އިންތިޚާބުކުރި ކައުންސިލަރުން ބޭނުންވާ ކަންކަން ސަރުކާރުގެ ތެރެއިން އެއްވެސް ހިފެހެއްޓުމެއްނެތި ކުރެވޭނެ ނިޒާމު ވަނީ ޤާއިމުވެފައި" ކަމަށެވެ.
ޢަރީޝްގެ ވާހަކައަށް ބާރުދެއްވަމުން، އާދަމް ޝަރީފް، މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް، ވިދާޅުވަނީ އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގައި އެކަން ހަމަޖެހިފައި އޮތް ގޮތް ކަމަށެވެ. ކައުންސިލްތަކާ ގާތުން ގުޅިގެން މަސައްކަތް ކުރުމަށް އެ މިނިސްޓްރީން ވެސް މެކަނިޒަމެއް ހަމަޖައްސާފައި ވާނެ ކަމަށް ވިދާޅުވެ، ކައުންސިލްތަކުން ހުށަހަޅާ ކަންކަން ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނިންމުމަކީ އެ މިނިސްޓްރީގެ އަމާޒުކަމަށް ވިދާޅުވިއެވެ.
"ކައުންސިލުން އެދޭ ކަންކަމުގައި ސަރުކާރުގެ ވުޒާރާތަކާ ގުޅިގެން މަސައްކަތް ފަހިކުރުމަށް ހުރިހައި ވުޒާރާއެއްގެ ފޯކަލް ޕޮއިންޓާ ވިލަރެސް ކުރެވޭނެ ނިޒާމެއް ވާނީ ޤާއިމް ކުރެވިފައި" މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވިއެވެ.
އެގޮތުން ކައުންސިލުން އަންނަ ރިކުއެސްޓްތައް ލިބުމާއެކު، ވަގުތުން ލައިން މިނިސްޓްރީތަކާ ގުޅައިގެން އެކަމެއް ބެލުމަށް ފަހުން އެންމެ ގިނަވެގެން 3 ދުވަސްތެރޭގައި އެކަމަށް އެޓެންޑް ކުރެވޭނެ ކަމުގައިވެސް ވަޒީރު ވިދާޅުވިއެވެ.
ކައުންސިލްތައް ބާރުވެރިކުރުމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްޞަ ތަޞައްވުރެއް ގެންގުޅުއްވައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވަނީ، "ރައްޔިތުންނަށްޓަކައި އަޅުގަނޑު ވެރިކަން ކުރަނީ. ރައްޔިތުންނާއެކު، ރައްޔިތުންނާ ގާތުން ހުރިހާ ކަމެއްވެސް މި ކުރަނީ. އަދި ޤާނޫނުއަސާސީވެސް އޮތީ އެހެން" ކަމަށެވެ. އަދި ރައީސުލްޖުމްހުރިއްޔާ ވަނީ، ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް މިންތީގެ ހަމަހަމަކަން ޤާއިމު ކުރުމަށްޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އެޅުއްވުމަށްވެސް ވަޢުދުވެވަޑައިގެންފައެވެ. އެގޮތިން ރައީސް ވިދާޅުވީ، ކައުންސިލްތަކުގެ އަންހެނުންގެ އިންސައްތަ 40 އަށް ހައްދަވާނެ ކަމަށެވެ.




