ޒަޔަނިސްޓުންގެ ޤާނޫނު ހެދުމާބެހޭ މިނިސްޓަރުންގެ ކޮމިޓީއަކުން މިއަދު ނިންމާ ފައި ވަނީ ޤަޠަރަކީ "ޓެރަރިޒަމަށް އެހީތެރިވާ ޤައުމެއް" ގެ ގޮތުގައި ކަނޑައަޅައި ޤަތަރުގެ އަގު ވައްޓާލުމަށް ބިލެއް އެކުލަވާލާށެވެ. އިޒްރޭލު މީޑިއާއިން ދަނީ މެދުއިރުމަތީގެ ދަތުރުގައި ޓްރަމްޕް ވަޑައިގަތް ސައުދީ އަރަބިއްޔާއާއި ޤަތަރަށް އަމާޒުކޮށް ބަހުގެ ހަނގުރާމައެއް ފަށާފައެވެ.
ހިފާފައިވާ ފަލަސްޠީނުގެ ބިމުގައި އިންދާފައިވާ ޒަޔަނިސްޓުންގެ ސަރުކާރަށް ތާއީދު ކުރާ ހައްދުފަހަނައަޅާފައިވާ އެންމެ ހަރުކަށި ކައްޓަރު ޔަހޫދީންގެ ޕާޓީތަކުގެ އެމްކޭއިން ބުނަނީ، ޤަތަރުން ޓެރަރިޒަމަށް ވާގިވާ ކަމަށް ކަނޑައަޅަނީ، އިޒްރޭލުގެ އިސްތިއުމާރާ ދެކޮޅަށް މަސައްކަތް ކުރާ ޙަމާސްއާއި ދެކުނު ލުބުނާންގެ ބިންތައް ހިފައިގެން އުޅޭ ޒަޔަނިސްޓު ސިފައިންނާ ދެކޮޅަށް ޙަމަލަދޭ ޙިޒްބުﷲ އަށް ޤަތަރުން ހެޔޮ އެދޭތީ ކަމަށެވެ.
އިޒްރޭލުގައި ޤަތަރާ ދެކޮޅަށް އެހެން މައްސަލައެއްވެސް ބަލަމުން ދެއެވެ. އެއީ ނަތަންޔާހޫއާއި އޭނާގެ އޮފީހުގެ އެންމެ އިސްވެރިން ޤަތަރުން ހަދިޔާއާއި ފައިސާ ހޯދިކަމަށް ބުނާ ގަތަރުގޭޓްގެ މައްސަލައެވެ.
މިއީ މިހާރުވެސް ކޯޓުގައި ކޮރަޕްޝަންގެ އެތައް މައްސަލައެއްގެ ޝަރީއަތުގައި އުޅޭ ނަތަންޔާހޫ ޤަތަރުގޭޓް މައްސަލައިން ސަލާމަތް ކުރުމަށް ރާވާފައިވާ ހިންތާއެއް ކަމަށްވެސް ބެލެވެއެވެ.






