ޔޫރަޕިއަން ޔޫނިއަން އަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ޤީލާ ޢަލީ އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ޔޫރަޕިއަން ކޮމިޝަންގެ ރައީސް، އުރްސުލާ ވޮން ޑާ ލެޔެން އަށް މިއަދު އަރުވައިފިއެވެ. ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ބްރަސްލްސް ގައި ހުންނަ ޔޫރަޕިއަން ކޮމިޝަން ހެޑްކުއާޓާސް، ބާލެމޮންޓް ބިލްޑިންގް ގައެވެ.
ފަތްކޮޅުއެރުވުމަށްފަހު، ސަފީރު ޤީލާ އަލީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ހަރ އެކްސެލެންސީ އުރްސުލާ ވޮން ޑާ ލެޔެން އަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރެއްވިއެވެ. އަދި ދިވެހިރާއްޖެ އާއި ޔޫރަޕިއަން ޔޫނިއަން އާ ދެމެދު އޮންނަ ގާތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދިވެހިރާއްޖެއިން މަސައްކަތްކުރަމުންގެންދާނެ ކަމުގެ ޔަގީންކަން އެކަމަނާ އެރުވިއެވެ.
މީގެއިތުރުން، ދިވެހިރާއްޖެ އިން ޔޫރަޕިއަން ޔޫނިއަން އަށް ކަނޑައަޅާފައިވާ ސަފީރުގެ މަޤާމާ ޤީލާ ޢަލީ ހަވާލުވެވަޑައިގަތުމުން އެކަމަނާއަށް ޔޫރަޕިއަން ކޮމިޝަނުގެ ރައީސް މަރުހަބާ ވިދާޅުވިއެވެ. އަދި ދިވެހިރާއްޖެ އާއި ޔޫރަޕިއަން ޔޫނިއަން އާ ދެމެދު އޮންނަ ގާތް ގުޅުން އިތުރަށް ބަދަހިކުރުމުގެ މަސައްކަތުގައި ޔޫރަޕިއަން ކޮމިޝަނުގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވިއެވެ.



