އެމެރިކާ އެތަކެއް އޮފިޝަލުންނާ ހަވާލާދީ "ސީއެންއެން" ޓވީން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ދަނޑިވަޅުގައި އިޒްރޭލު ނުބައި މިސްކޮށް ފިޔަވަޅު އެޅެމުންދާއިރު އިޒްރޭލުން އީރާނަށް ހަމަލައެއް ދީފާނެ ކަމަށް އެމެރިކާއަށް އައު އިންޓެލިޖެންސް މަޢުލޫމާތު ލިބިފައިވެއެވެ. އެ މަޢުލޫމާތުން ދައްކާގޮތުގައި "އިސްރާއީލުން އީރާނުގެ ނިއުކްލިއަރ ފެސިލިޓީތަކަށް ހަމަލާދިނުމަށް ދަނީ ތައްޔާރުވަމުންނެވެ." މިއީ ޑޮނަލްޑް ޓްރަމްޕްގެ އިދާރާއިން ތެހެރާނާއެކު ޑިޕްލޮމެޓިކް އެއްބަސްވުމަކަށް ވާސިލުވުމަށް މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައި އެކަން ފެއިލްކޮށްލުމަށް ޔަހޫދީ ޒަޔަނިސްޓުން ކޮށްލަން ބޭނުންވާ ކަމެކެވެ.
އެމެރިކާގެ އޮފިޝަލުން ދެކޭގޮތުގައި "މި ހަމަލާއަކީ ޓްރަމްޕަށް ކަނޑައެޅިގެން ޖެއްސުމަށް އިޒްރޭލުން ކުރަން އުޅޭ" ކަމެކެވެ. އަދި އެމީހުން ލަފާ ކުރާ ގޮތުގައި "މިކަމުގެ ސަބަބުން މެދުއިރުމަތީ ސަރަޙައްދުގައި ފުޅާ ދާއިރާއެއްގައި ހަނގުރާމައެއް ފެށުމުގެ ނުރައްކަލެއް" އެބަ އޮތެވެ.
އަދި އެމީހުން އިތުރަށް ބުނެފައިވަނީ "އިސްރާއީލުން އީރާނުގެ ނިއުކްލިއަރ ފެސިލިޓީއަކަށް ހަމަލާދިނުމުގެ ފުރުސަތު ފާއިތުވި މަސްތަކުގައި ފާހަގަކުރެވޭ ވަރަށް އިތުރުވެފައިވާ" ކަމަށެވެ. އަދި "އެމެރިކާ-އީރާން އެއްބަސްވުމަކުން އީރާނުގެ ހުރިހާ ޔުރޭނިއަމް ނައްތާނުލެވޭނެކަމުގެ ފުރުސަތު އޮތުމުން އިސްރާއީލުގެ ހަމަލާގެ ފުރުސަތު އިތުރުވާނެ" ކަމަށެވެ.
އަދި މިދުވަސްވަރު މިފަދަ ހަމަލައެއް ދީގެން ދުނިޔެ ނުތަނަވަސް ކޮށްލުމުން ނަތަންޔާހޫއަށް ވެރިކަމުގައި ހުރުމަށް ވަގުތުކޮޅެއް ލިބިގެން ދާނެއެވެ.
ޖާސޫސީ މަޢުލޫމާތު އެނގޭ މަސްދަރުތަކުން ބުނަނީ މި ކަންބޮޑުވުން ހަމައެކަނި އުފެދެނީ އިސްރާއީލުގެ އިސް އޮފިޝަލުންގެ ފަރާތުން ފާޅުގައި އަދި ސިއްރުން ނެރެފައިވާ މެސެޖުތަކުން އެފަދަ ފިޔަވަޅެއް އިސްރާއީލުން ދިރާސާ ކުރަމުންދާތީ އެކަންޏެއް ނޫނެވެ. އިންޓަރސެޕްޓް ކުރެވިފައިވާ އިޒްރޭލުގެ މުވާސަލާތުތަކާއި، ކުއްލި ހަމަލާއަކަށް ތައްޔާރުވުމަށް އިސްރާއީލުގެ ހަނގުރާމަވެރި ހަރަކާތްތައް ވެސް ވަނީ ފާހަގަ ކުރެވިފައި ކަމަށް އެފަރާތްތަކުން ބުނެއެވެ.
"ސީ އެން އެން" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އިސްރާއީލުގެ އުދުވާނީ ތައްޔާރީތަކުގެ ތެރޭގައި، ވައިގެ ހަތިޔާރުތައް އުފުލުމާއި ވައިގެ ތަމްރީނެއް ފުރިހަމަކުރުން ވެސް ހިމެނެއެވެ.
މީގެ ކުރިން އިސްރާއީލުގެ "ޗެނަލް 12″ ވެބްސައިޓުން ބުނެފައި ވަނީ އީރާނަށް "އިސްރާއީލުގެ ކޮންމެވެސް މިންބވަރެއްގެ ހަމަލާއެއް" ދީފާނެ ކަމަށެވެ.



