ނޫ އިގްތިސާދު ކުރިއެރުވުމަށް ރާއްޖެއިން ދެމިއޮންނާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްވައިފި

ކަނޑުގެ ނަސްލުތައް ދެމެހެއްޓުމާއި މޫސުމީ ބަދަލުތަކަށް ހައްލު ހޯދުމަށް އެކުލަވާލެވޭ މާލީ ވަޞީލަތްތައް އިޞްލާޙްކުރުމަށް ވަކާލާތުކުރުމުގައި ދިވެހިރާއްޖެއިން އަބަދުވެސް ދެމިއޮންނާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަތީފު ދެއްވައިފިއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އިއްޔެ ބޭއްވުނު ޕެސިފިކް ފޯރަމުގެ ހޮނުލުލޫ އިންޓަނޭޝަނަލް ފޯރަމް (އެޗް.އައި.އެފް) ގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެމަނިކުފާނުގެ ވާހަކަފުޅުގައި، ވޭތުވެދިޔަ 50 އަހަރުގެ ތެރޭގައި އިންޑޯ-ޕެސިފިކް ސަރަޙައްދުގައި ޕެސިފިކް ފޯރަމުން ކޮށްފައިވާ މަސައްކަތްތަކަށް ތަޢުރީފްކުރެއްވިއެވެ. އަދި މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެފަދަ ކުދި، ތަރައްޤީވަމުން އަންނަ ޖަޒީރާ ޤައުމުތަކަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުގެ މައްޗަށްވެސް އަލިއަޅުއްވާލެއްވިއެވެ.

"ރާއްޖޭގެ ބޮޑު ބަޔަކީ ކަނޑުގެ ދިރުމަށް ބަރޯސާވެފައިވާ ޤައުމަކަށްވުމުން، ގައު ހުދުވުން، ކަނޑުގެ ލޮނުގަނޑު އުފުލުން، އަދި ކަނޑުގެ އޮޔަށް ބަދަލު އައުން ފަދަ ކަންކަމުގެ ސަބަބުން ރާއްޖެއަށް އަގު ނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތައް ވަމުންދޭ،" ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

ނޫ އިޤްތިޞާދެއް ކުރިއަރުވައި، މަސްވެރިކަމާއި ކަނޑުގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމާއި، ކަނޑުގެ ސަރަޙައްދުތައް މެނޭޖްކުރުމަކީ ރާއްޖެއިން އަބަދުވެސް ވަކާލާތުކުރަމުންދާނެ ކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް، މިފަދަ މަޝްރޫޢުތަކަކީ ދެމެހެއްޓެނިވި ގޮތެއްގައި ބައިނަލްއަޤްވާމީ މާލީ އެހީތެރިކަން ބޭނުންވާ މަޝްރޫޢުތަކެއްކަން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޖީ.ޑީ.ޕީ. އަށް ބަރޯސާވެގެން އެކަށައަޅާ މާލީ އެހީތެރިކަމުގެ ވަޞީލަތްތައް މުރާޖަޢާކުރުމަށް ގޮވާލައްވާފައެވެ. އަދި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ނާޒުކު ޙާލަތު ވަޒަންކޮށް، އެ ޙާލަތްތަކުގެ މައްޗަށް އެކުލަވާލެވޭ އޮނިގަނޑަކަށް މާލީ ވަޞީލަތްތައް ބަދަލުކުރުމަށް ގޮވާލެއްވިއެވެ.

"އަޅުގަނޑުމެން އެދެނީ ކޮންސެޝެނަލް އިންސްޓްރޫމަންޓާއި ދަރަނި ލުއިކޮށްދޭ ވަޞީލަތްތަކަށް އަމާޒު ބަދަލުކުރުމަށް،" ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލެއްވީ ނޫ އިޤްތިޞާދާއި ކްލައިމެޓް ފައިނޭންސިންގގެ މައްޗަށް ބައްލަވާލައްވައި، ޤައުމުތަކުގެ ކުރިމަގާއި، ޤައުމިއްޔަތު ދެމެހެއްޓުމާއި، ވިލުންވެރި ކުރިމަގެއް ދެމެހެއްޓުމުގައި ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުންނެވެ.

އިންޑޯ-ޕެސިފިކް ސަރަޙައްދުގެ ސިޔާސީ، އިޤްތިޞާދީ އަދި ސަލާމަތީ މައްސަލަތަކަށް ޙައްލު ހޯދުމަށް ބާއްވާ މި ފޯރަމްގައި ދާއިރާތަކުގެ ތަޖުރިބާކާރުންނާއި ސިޔާސަތު އެކުލަވާލާ ފަރާތްތައް ބައިވެރިވެއެވެ.

މި ފޯރަމްގައި ރާއްޖެއިން ބައިވެރިވުމަކީ، ނޫ އިޤްތިޞާދާއި މޫސުމީ ބަދަލުތަކުގެ މައްސަލަތަކުގައި ރާއްޖޭގެ އަޑު ބައިނަލްއަޤްވާމީ މައިދާނުގައި އިއްވުމަށް ލިބުނު މުހިންމު ފުރުޞަތެކެވެ. މީގެ އިތުރުން، މި ފޯރަމްގައި ބައިވެރިވުމުގެ ސަބަބުން، ރާއްޖެއަށް ދިމާވެފައިވާ ތިމާވެށީގެ ގޮންޖެހުންތަކަށް ބައިނަލްއަޤްވާމީ އެހީތެރިކަން ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ނޫ އިޤްތިޞާދަށް ދެއްވާ އަހައްމިއްޔަތުކަން މި ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައިވެރިވެވަޑައިގަތުމުން ހާމަވެގެންދެއެވެ. އަދި މިއީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް، ދެމެހެއްޓެނިވި ތަރައްޤީ ހާސިލުކުރުމަށް ސަރުކާރުން ގެންގުޅުއްވާ ވިސްނުންފުޅުގެ ބައެއްކަން ހާމަވެގެން ދެއެވެ.      

 

ހިއްސާ ކުރައްވާ!