ބޮޑެތި މައްސަލަތައް އިސްލާޙުކުރުމުގެ ހިތްވަރު އެބަހުރި: ރައީސުލްޖުމްހޫރިއްޔާ

ޤައުމުގައި ހުރި ބޮޑެތި މައްސަލަތަކަށް ޙަޤީޤީ ޙައްލު ހޯދުމަކީ އެމަނިކުފާނަށް މުހިންމު ކަމެއް ކަމަށާއި، އެކަމަށް މިސަރުކާރުގެ ޕޮލިޓިކަލް ވިލް އޮންނާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، ދިވެހިރާއްޖޭގައި ދުންފަތުގެ ޖެނެރޭޝަނަލް ބޭން ކަނޑައަޅުއްވައި، ޤާނޫނު ނަންބަރު 2010/15 (ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނު) އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަޞްދީޤުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

މިއަދު ތަޞްދީޤުކުރެއްވި އިސްލާހުގެ ދަށުން، 1 ޖެނުއަރީ 2007 އިން ފެށިގެން، އޭގެ ފަހަށް ރާއްޖޭގައި އުފަންވެފައިވާ ހުރިހާ ކުދީންނަށް، އަދި މީގެ ފަހުން އުފަންވާނެ ހުރިހާ ކުދީންނަށްވެސް، ދުންފަތުގެ އިސްތިޢުމާލު ކުރުމާއި ދުންފަތް ގަނެވިއްކުން މަނާވެގެން ދިޔައީއެވެ. މީގެ އިތުރުން، ދުންފަތް، އިލެކްޓްރޯނިކް ސިނގިރޭޓް، ވޭޕް ފަދަ ތަކެތި އުފެއްދުމަށް ބޭނުންކުރާ ހުރިހާ މެޝިނަރީއާއި އާލާތްތަކާއި، އެފަދަ ތަކެއްޗާއެކު ބޭނުންކުރާ ހުރިހާ ބާވަތެއް، ރާއްޖެ އެތެރެކުރުމާއި ގެންގުޅުން މަނާކުރެވުނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެމަނިކުފާނުގެ އަމާޒަކީ ޤައުމުގައި ހުރި ބޮޑެތި މައްސަލަތަކަށް ޙަޤީޤީ ޙައްލުތަކެއް ހޯދައިދިނުން ކަމަށާއި މިފަދަ ނޭދެވޭ ކަންކަމުން ދުރުވެގަތުމަކީ، ޤައުމުގެ މުސްތަޤްބަލައްޓަކާ ކުރެވޭ މުހިންމު ބޮޑު ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި، މިފަދަ މަސައްކަތްތަކަކީ އެންމެން ބަލައިގަންނަ، އެންމެންނަށްޓަކައި ކުރެވޭ ކަމެއްގެ ގޮތުގައި ދެކުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިފަދަ ހައްސާސް މައްސަލަތަކަށް ހައްލު ހޯދުމަށް މި ސަރުކާރުގެ ޕޮލިޓިކަލް ވިލް އޮތް ކަމަށާއި، މި އިޞްލާޙް ތަންފީޒުކުރުމުގައި މުޅި މުޖުތަމަޢު ބައިވެރިވާނަމަ، ޤައުމުގެ މުސްތަޤްބަލު ސަލާމަތްކުރެވޭނެ ކަމުގެ ޔަޤީންކަން އޮތްކަމަށެވެ. އަދި، ޤައުމުގެ ކުރިމަގާއި ޒުވާނުންގެ ކުރިމަގު ބައްޓަންކޮށް، ތަރައްޤީގެ އަމާޒު ކަށަވަރުކުރުމުގައި މިބިލަކީ އެޅިގެންދާ މުހިންމު ފިޔަވަޅެއްކަމުގައި ވެގެންދާކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޓޮބޭކޯ ސިޒޭޝަންގެ ޚިދުމަތްތައް ފެށި، އާންމުންނަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމްތަކެއް ހިންގޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ޤާނޫނު ތަންފީޒުކުރުމުގައި އަމާޒަކީ ޖޫރިމަނާކޮށްގެން ދައުލަތަށް ފައިސާ ހޯދުން ނޫންކަމަށާއި، އަމާޒަކީ ދުންފަތުގެ ނުރައްކަލުން ދިވެހި ޤައުމު މުޅީން ސަލާމަތްކޮށް، މަސްތުވާތަކެއްޗާ އެނޫންވެސް ނޭއްގާނީ އާދަތަކާ ދުރުހެލި، ދުޅަހެޔޮ، ހަރުދަނާ މުޖުތަމަޢެއް ބިނާކުރުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ޤައުމު އިސްކޮށްގެން، ރައްޔިތުންނަށް ހެވާއިލާބަ އެދިގެން މިހާތަނަށް ސަރުކާރުތަކުން، ދުންފަތުގެ މައްސަލަތައް ފަދަ މައްސަލަތަކަށް ޙައްލުހޯދުމުގެ ސިޔާސީ ވިސްނުމެއް ގެންގުޅެފައިނުވާކަމަށެވެ. ނަމަވެސް، މިހާރުގެ ސަރުކާރުން މިފަދަ މުހިންމު މައްސަލަތަކަށް އިސްކަންދީ، ޙައްލު ހޯދުމަށް މަސައްކަތްކުރާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

ހިއްސާ ކުރައްވާ!