ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 އިފްތިތާޙްކޮށްދެއްވައިފި

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 މިއަދު ހަވީރު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ރަސްމީކޮށް އިފްތިތާޙްކޮށްދެއްވައިފިއެވެ. މި މައުރަޒު އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން ބާއްވާ މި މައުރަޒަކީ "މޯލްޑިވްސް އެކްސްޕޯ 2025″ ގެ ނަމުގައިވެސް ފާހަގަކުރެވޭ މައުރަޒެކެވެ. މި މައުރަޒު ކުރިއަށްދާނީ މިމަހުގެ 23 އިން 31 ގެ ނިޔަލަށް، ޖުމްލަ 9 ދުވަހުގެ މުއްދަތަށެވެ. މައުރަޒު ކޮންމެ ދުވަހަކު ހަވީރު 4:00 އިން ރޭގަނޑު 11:00 އާ ހަމައަށް އާންމުންނަށް ހުޅުވާލެވިފައި ހުންނާނެއެވެ.
މައުރަޒު އިފްތިތާޙްކުރެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ އަނބިކަނބަލުން ވަނީ މައުރަޒުގެ އެކި ސްޓޯލްތަކަށް ޒިޔާރަތްކުރައްވާ، އެ ސްޓޯލްތަކުގައި ކުރިއަށްދާ ކަންކަން ބައްލަވާލައްވާފައެވެ. މި މައުރަޒުގައި 14 ކެޓެގަރީއަކުންނާއި 82 ސަބް ގިންތިއަކުން ޖުމްލަ 383 ފަރާތަކުން ބައިވެރިވެފައިވާކަން ފާހަގަކުރެވެއެވެ.

މައުރަޒުގައި އެންމެ ގިނައިން ތަކެތި ބައިވެރިކޮށްފައިވަނީ އަތްތެރި މަސައްކަތުގެ ދާއިރާއިންނެވެ. މިއީ ދިވެހިންގެ އަތްތެރި މަސައްކަތުގެ ހުނަރުވެރިކަން ދައްކުވައިދޭ ކަމެއްގެ ގޮތުގައި ބެލެވެއެވެ.
މި މައުރަޒަކީ ދިވެހިންގެ އުފެއްދުންތެރިކަމާއި ހުނަރުވެރިކަން ދައްކުވައިދިނުމުގެ އިތުރުން، ޤައުމީ ފެންވަރުގައި އުފެއްދުންތެރިކަން އިތުރުކުރުމަށް ބާރުއެޅުމުގެ މަޤްޞަދުގައި ބޭއްވޭ މުހިންމު ހަރަކާތެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. މި މައުރަޒުން ދިވެހި އުފެއްދުންތެރިންނަށް އެމީހުންގެ އުފެއްދުންތައް ދެއްކުމާއި، ވިޔަފާރީގެ ފުރުޞަތުތައް ހޯދުމުގެ މަގު ފަހިވެގެންދާނެ ކަމަށް ބެލެވެއެވެ. މި މައުރަޒަކީ ދިވެހިންގެ އުފެއްދުންތެރިކަމާއި ހުނަރުވެރިކަން ފާހަގަކޮށް، އެންމެ ކުދި، ކުދި އަދި މެދުފަންތީގ މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްޞަ ސަމާލުކަމެއް ދީގެން ބޭއްވޭ މުހިންމު ހަރަކާތެކެވެ.

މި މައުރަޒުގައި އުފެއްދުންތެރި އިޤްތިޞާދީ ޑިސްޓްރިކްޓް، ޑިޖިޓަލް އަދި އީޖާދީ ޑިސްޓްރިކްޓް، މުނިފޫހިފިލުވުމުގެ ޑިސްޓްރިކްޓް އަދި ބާޒާރު ޑިސްޓްރިކްޓްގެ ނަމުގައި ވަކި ސަރަޙައްދުތަކެއް ވަނީ ޚާއްޞަކުރެވިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ މި ހުރިހާ ޑިސްޓްރިކްޓަކަށް ޒިޔާރަތްކުރައްވައި، އެ ސަރަޙައްދުތަކުގައި ކުރިއަށްދާ ޙަރަކާތްތައް ގާތުން ބައްލަވާލައްވާފައެވެ. މި ޑިސްޓްރިކްޓްތަކުގެ ތެރެއިން ކޮންމެ ޑިސްޓްރިކްޓެއްގައިވެސް އެ ދާއިރާއަކާ ގުޅުންހުރި ޚާއްޞަ ޙަރަކާތްތަކެއް ހިމެނޭ އިރު، އެކި ވިޔަފާރިތަކުގެ ބައިވެރިވުމާއެކު މި ޙަރަކާތްތައް ކުރިއަށްގެންދެވެއެވެ. މިއީ ޤައުމީ ފެންވަރުގައި ދިވެހިންގެ އުފެއްދުންތެރިކަމާއި ވިޔަފާރީގެ ޤާބިލުކަން ދައްކުވައިދޭ މުހިންމު ފުރުޞަތެކެވެ.

ހިއްސާ ކުރައްވާ!