ހާރިޖީ ވަޒީރު ޑޮކްޓަރ އަބްދުﷲ ޚަލީލް ރަސްމީ ދަތުރުފުޅެއްގައި އިންޑިއާ އަށް

މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ އަބްދުﷲ ޚަލީލް ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ފުރައިވަޑައިގެންފިއެވެ. އެ މަނިކުފާނުގެ މި ދަތުރުފުޅަކީ މިމަހުގެ 26 ގައި ރާއްޖެ އާއި އިންޑިއާ ދެމެދު ބޭއްވުމަށް ހަމަޖެހިފައިވާ ހައިލެވަލް ކޯ ގުރޫޕްގެ ދެވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. އެ މަނިކުފާނުގެ މި ދަތުރުފުޅުގައި އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާރޒް ޑޮކްޓަރ އެސް. ޖައިޝަންކަރާއި ބައްދަލުކުރައްވައި ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމުގެގޮތުން މަޝްވަރާތައްކުރިއަށް ގެންދިއުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި ބައްދަލުވުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައި އިންޑިއާ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި، އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއާއެކު ބޭއްވުނު ބައްދަލުވުމަށްފަހު އެކުލަވާލެވުނު ތަސައްވަރު، "އަ ވިޝަން ފޮރ ކޮމްޕްރިހެންސިވް އިކޮނޮމިކް އެންޑް މެރިޓައިމް ސެކިއުރިޓީ ޕާރޓްނަރޝިޕް" ގައި ހިމެނޭ ކަންތައްތައް ތަންފީޒުކުރުމާ ބެހޭގޮތުން ދެ ޤައުމުގެ މެދުގައި މަޝްވަރާކުރުމަށް ބޭއްވޭ ބައްދަލުވުން ތަކެކެވެ. މިގޮތުން އިޤްތިޞާދީ، ސިއްހީ، ޑިޖިޓަލް ފައިނޭންސިންގް އަދި މެރިޓައިމް ސެކިއުރިޓީ ފަދަ ދާއިރާތައް ހިމެނެއެވެ. މި ކޯ ގުރޫޕްގެ ފުރަތަމަ ބައްދަލުވުން ބާއްވާފައިވަނީ 29 ޖަނަވަރީ 2025 ގައި މާލޭގައެވެ.

މިނިސްޓަރ ޚަލީލްގެ މިދަތުރުފުޅުގައި އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، ޚާރިޖީ ވުޒާރާ، ދިފާޢީ ވުޒާރާ، މާލީ  ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވުޒާރާ، އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާ، އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރީއާ ބެހޭ ވުޒާރާ، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ އިސްވެރިން ހިމެނިވަޑައިގަންނަވައެވެ.

ހިއްސާ ކުރައްވާ!