ގ. އެރރިޔަދޫ، ރައުދު އަހްމަދު ޒިލާލަށް ދައުވާކޮށްދިނުމަށް ފުލުހުންގެ އިދާރާއިން މިދިޔަ ހޮނިހިރު ދުވަހު އެދިފައިވާ ކަމަށާއި، 15 ދުވަހުގެ ތެރޭގައި ދައުވާކުރުމާމެދު ގޮތެއް ނިންމާނެ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މިއަދު ހާމަކޮށްފިއެވެ.
21 އަހަރުގެ ރައުދު ހައްޔަރުކޮށްފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ފަތިހު، ހ. ފެންޓެނޯއީގޭގެ ނުވަވަނަ ފްލޯގެ ކުޑަދޮރަކުން ގ. ރަނައުރާގެ، ހައްވާ ޔުމްނު ރަޝީދު (21 އަހަރު) ވެއްޓި، ބޮޑެތި އަނިޔާތަކެއް ލިބުނު މައްސަލައާ ގުޅިގެންނެވެ.
މި ހާދިސާ ހިނގިއިރު ޔުމްނު އާއި ރައުދު ހިމެނޭހެން ޖުމްލަ ނުވަ މީހަކު މަސްތުވާތަކެއްޗާއެކު ޕާޓީ ކުރުމުގެ ކަންތައްތަކެއް ހިންގާފގާފައިވާ ކަމަށް ރިޕޯޓުކޮށްފައި ވެއެވެ. ރައުދާއި ޔުމްނުގެ ހަށިގަނޑުން ނެގި ސާމްޕަލް ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ.
މި މައްސަލައިގައި ހިމެނޭ އެހެން ފަރާތްތަކުގެ ކުޑަކަމުދާ ތަކެތީގެ ސާމްޕަލް ނެގުމަށް އެދުމުން އެކަމަށް އިންކާރުކޮށްފައިވާތީ، އެ މީހުންގެ ސާމްޕަލް ނުނަގާ ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. ނަމަވެސް، ފަހުން ފުލުހުން ބުނެފައިވަނީ މި މައްސަލައިގައި ހިމެނޭ އެންމެންގެ މައްސަލަ ތަޙުޤީޤު ކުރަމުންދާ ކަމަށާއި، އެ މީހުން ފުރުން މަނާކޮށްފައިވާ ކަމަށެވެ.
ރައުދު އެންމެ ފަހުން ހައްޔަރުކޮށް، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މި މަހުގެ 23 ވަނަ ދުވަހު ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ. އޭގެ ކުރިން، މި މަހުގެ 22 ވަނަ ދުވަހުގެ ހެނދުނު ރައުދު ދޫކޮށްލާފައިވަނީ، އޭނާ ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ކުރިން ނެރުނު އަމުރެއް ރައުދުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމާ ގުޅިގެންނެވެ.
ރައުދު އެންމެ ފުރަތަމަ ހައްޔަރުކުރި ފަހަރު، ކްރިމިނަލް ކޯޓުން ވަނީ ހަތަރު ފަހަރެއްގެ މަތިން އޭނާގެ ބަންދަށް މުއްދަތު ދީފައެވެ. އެގޮތުން، 25 އޭޕްރީލްގައި ފަސް ދުވަސް، 30 އޭޕްރީލްގައި 10 ދުވަސް، 10 މެއިގައި ފަސް ދުވަސް، އަދި 15 މެއިގައި 20 ދުވަހުގެ މުއްދަތު ދީފައިވެއެވެ.






