މިއުނިކްގައި މި މަހުގެ 31 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޔޫއެފާ ޗެމްޕިއަންސް ލީގް ފައިނަލްގައި ޕެރިސް ސަންޖަރމަން (ޕީއެސްޖީ) އާއި އިންޓަރ މިލާން ބައްދަލުކުރާއިރު، މެޗުގެ ނަތީޖާއާ ގުޅޭގޮތުން މަސްނޫއީ ބުއްދި (މަބު) އާއި ބެޓިން ކުންފުނިތަކުން ކުރާ ލަފާތައް ހާމަކޮށްފި އެވެ.
ފްރާންސްގެ ބެޓިން ކުންފުނިތަކުން ލަފާކުރާ ގޮތުގައި ޕީއެސްޖީ ކާމިޔާބުކުރުމުގެ ފުރުސަތު 2.20 އަށް ހުރިއިރު، އިންޓަރ މިލާން ކާމިޔާބުކުރުމުގެ ފުރުސަތު އޮތީ 3.45 ގައެވެ. މިއީ ޕީއެސްޖީ ކާމިޔާބުކުރުމުގެ ފުރުސަތު މަތިކަން ދައްކުވައިދޭ ތަފާސްހިސާބެކެވެ.
ޑޭޓާ އަދި އާޓިފިޝަލް އިންޓެލިޖެންސް (މަބު) ދާއިރާގައި ކުރިއަރާފައިވާ ފްރާންސްގެ ކުންފުންޏެއް ކަމަށްވާ އަވީޒިއާއިން ހާމަކުރި ގޮތުގައި، ޕީއެސްޖީ ކާމިޔާބުކުރުމުގެ ފުރުސަތު 62.5 އިންސައްތައިގައި ހުރިއިރު، އިންޓަރ މިލާން ކާމިޔާބުކުރުމުގެ ފުރުސަތު 37.5 އިންސައްތައިގައި އެވެ. އަދި މެޗު ނިމޭނީ 2-1 އިން ޕީއެސްޖީ ކާމިޔާބުކޮށްގެން ކަމަށް އެ ކުންފުނިން ލަފާކުރެ އެވެ.
ކުޅިވަރުގެ ތަފާސްހިސާބުތަކުގައި ޚާއްސަވެފައިވާ އޮޕްޓާއިން ވެސް ޕީއެސްޖީ ކާމިޔާބުކުރުމުގެ ފުރުސަތު މަތިކަމަށް ލަފާކޮށްފައިވެ އެވެ. އެ ކުންފުނިން ހެދި 10،000 ސިމިއުލޭޝަންގައި 53.4 އިންސައްތަ ހާލަތުގައި ޕީއެސްޖީ ކާމިޔާބުކުރާއިރު، 46.4 އިންސައްތަ ހާލަތުގައި އިންޓަރ މިލާން ކާމިޔާބުކުރާ ކަމަށް ދައްކައެވެ.
މީގެ އިތުރުން، ޗެޓް ޖީޕީޓީ އަދި ޖެމިނައި ފަދަ މަބު މޮޑެލްތަކުން ވެސް ޕީއެސްޖީ ކާމިޔާބުކުރުމުގެ ފުރުސަތު މަތިކަމަށް ލަފާކުރެ އެވެ. ޕީއެސްޖީ އަކީ މި މުބާރާތުގެ ތާރީޚުގައި މިހާތަނަށް ޗެމްޕިއަންކަން ހޯދާފައިނުވާ ޓީމެކެވެ.





