ޗައިނާގެ ދަރިވަރުންގެ ވިސާތައް ވަގުތުން ބާޠިލުކުރަން ނިންމައި އެ ނިންމުމަށް އަމަލު ކުރާނެ ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ވަނީ އިއުލާނުކޮށްފައެވެ.
ރޫބިއޯ ދެއްވި ބަޔާނެއްގައި ވިދާޅުވި ގޮތުގައި ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން "ޗައިނާގެ ދަރިވަރުންގެ ވިސާތައް ބާޠިލުކުރާނެ" ކަމަށާއި، ޚާއްސަކޮށް ޗައިނާގެ ކޮމިއުނިސްޓް ޕާޓީއާ ގުޅުން ހުރި ދަރިވަރުންނާއި، މޮޅެތި މާއްދާތައް ކިޔަވާ މޮޅެތި ދަރިވަރުންގެ ވިސާތައް ބާޠިލުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، އެމެރިކާގެ އިދާރާތަކުން "ޗައިނާ އާއި ހޮންކޮންގުން ކުރިއަށް އޮތްތަނުގައި އެމެރިކާއަށް ވަނުމަށް ހުށަހަޅާ ހުރިހާ ވިސާ އެޕްލިކޭޝަންތަކެއް ވެސް ވަރަށް ބޮޑަށް ބަލައި ވިސާ ދޫކުރުމުގެ މިންގަނޑުތައް ހަރުކަށި ކުރާނެ" ކަމަށް ވެސް ވިދާޅުވިއެވެ.
މި އިއުލާނަކީ ބޭރުގެ ދަރިވަރުންގެ އައު ވިސާ އެޕްލިކޭޝަންތައް ހުއްޓުވުމަށް އެމެރިކާ ސަރުކާރުން ކުރީ ދުވަހު ނިންމި ނިންމުމާ ގުޅިގެން ބެއިޖިންގއިން ފާޅުކުރި ފާޑުކިޔުންތަކަށް ފަހު، އެމެރިކާއިން ޗައިނާއަށް ކުރިމަތިކުރުވި ސީދާ ގޮންޖެހުމެކެވެ. އެމެރިކާގެ ސަރުކާރުގެ އެތެރޭގެ ލިޔުމެއްގައިވާ ގޮތުން، ޓްރަމްޕްގެ ސަރުކާރުން ވަނީ މުސްލިމު ކިޔަވާ ކުދިންނާއި ޗައިނާ ދަރިވަރުންގެ ސޯޝަލް މީޑިއާ އެކައުންޓްތައް ބަލައި އެމީހުންގެ ބޯކޮޅު ބެލުން ހަރުދަނާކޮށްފައެވެ.
ސަރުކާރުގެ އެތެރޭގެ ލިޔުމުގައި އެމެރިކާގެ އެމްބަސީތަކާއި ކޮންސިއުލޭޓްތަކަށް އަންގާފައިވަނީ "އިތުރު އިރުޝާދު ދެވެންދެން އައު ދަރިވަރުންގެ ވިސާތަކަށް ނުވަތަ ތައުލީމީ އެކްސްޗޭންޖް ވިސާތަކަށް އެޕޮއިންޓްމަންޓް ނުދިނުމަށެވެ." ރަސްމީ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2023-2024 ގެ ތައުލީމީ އަހަރުގައި ޗައިނާއިން 277,398 ދަރިވަރުން އެމެރިކާގައި ކިޔަވަމުން ދިޔަ ނަމަވެސް، އަހަރުތަކަކަށްފަހު ފުރަތަމަ ފަހަރަށް އިންޑިއާ ދަރިވަރުންގެ އަދަދު ވަނީ އިތުރުވެފައެވެ.




