ދެ ޙަރަމްގެ ދީނީ ކަންތައްތަކުގެ އިސްވެރިޔާ ޝައިޚް އަބްދުއްރަޙްމާން އައްސުދައިސް ވިދާޅުވެފައިވަނީ 2025 ވަނަ އަހަރުގެ ހައްޖު މޫސުމުގައި ހުކުރު ޚުޠުބާ ކުރުކޮށް، އިންތިޒާރު ކުރަންޖެހޭ ވަގުތު މަދުކުރެވޭނެ ކަމަށެވެ.
މި ނިންމުން ނިންމާފައިވަނީ މައްކާއާއި މަދީނާގައި ދިމާވާ ގަދަ ހޫނުގެ ސަބަބުން ޙައްޖުވެރިންނަށް ކުރިމަތިވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުންނެވެ. ޚާއްޞަކޮށް އުމުރުން ދުވަސްވީ މީހުންނާއި މަސްޖިދުލް ޙަރާމްގެ މަތާފް، މަތީ ފަންގިފިލާތައް އަދި ގޯތިތެރޭގައި އަދި މަސްޖިދުއް ނަބަވީގައި ތޮއްޖެހިގެން ތިބޭ ޙައްޖުވެރިންގެ ރައްކާތެރިކަމާއި ފަސޭހައަށް އިސްކަންދިނުމުގެ ގޮތުން މިފިޔަވަޅު އެޅުއްވީއެވެ.
މީގެ އިތުރުން، ބަންގީގެ ވަގުތާއި ޚުޠުބާ ފެށުމާ ދެމެދުގެ ވަގުތުވެސް ކުރުކުރެވޭނެ ކަމަށް ޝައިޚް އައްސުދައިސް ވިދާޅުވެފައިވެއެވެ.
"މި ފިޔަވަޅުތަކަކީ އިސްލާމްދީނުގައި ދަތިތައް ލުއިކޮށްދިނުމުގެ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން އަޅާ ފިޔަވަޅުތަކެކެވެ. އަދި މި ފިޔަވަޅުތަކުން ޙައްޖުގެ އަޅުކަމުގެ ރޫޙާނީ މަޤްޞަދުތައް ހާސިލުވުމަށް އެއްވެސް އުނިކަމެއް ނާންނާނެއެވެ،" ޝައިޚް އައްސުދައިސް ވިދާޅުވިއެވެ.





