މަރަޑޯނާގެ މަރުގެ މައްސަލައިގައި އަލުން ޝަރީޢަތް ކުރަން ނިންމައިފި

ފުޓްބޯޅަ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރެއިން ކުޅުންތެރިއެއް ކަމަށް ބެލެވޭ ޑިއެގޯ މަރަޑޯނާގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެވުނު މެޑިކަލް ޓީމުގެ މައްޗަށް ކުރެވުނު ޝަރީޢަތް ބާތިލްކޮށް، އަލުން ޝަރީޢަތް ކުރަން ނިންމައިފިއެވެ.

މި މައްސަލައިގައި ޝަރީޢަތް ކުރި ތިން ފަނޑިޔާރުންގެ ތެރެއިން އެއް ފަނޑިޔާރު، ޖުލިއެޓާ މަކިންޓަޗް، އޭނާގެ މަޤާމުން އިސްތިއުފާ ދިނުމާ ގުޅިގެން މި ނިންމުން ވަނީ ނިންމާފައެވެ. އަލުން ޝަރީޢަތް ފެށޭނެ ތާރީޚެއް އަދި ހާމަކޮށްފައެއް ނުވެއެވެ.ADV

2020 ވަނަ އަހަރު 60 އަހަރުގެ އުމުރުގައި މަރަޑޯނާ ނިޔާވީ ބޮލުގެ އޮޕަރޭޝަނަކަށްފަހު ރިކަވަރީގައި އޮއްވައި ހިތުގެ މައްސަލައަކާ ގުޅިގެންނެވެ. މަރަޑޯނާގެ މަރާ ގުޅިގެން އާޖެންޓީނާގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިތާމަކޮށްފައިވެއެވެ. ޚާއްޞަކޮށް އިޓަލީގެ ނޭޕަލްސްގައި އޭނާގެ މަރާ ގުޅިގެން ބޮޑު ހިތާމައެއް ކޮށްފައިވެއެވެ.

މަރަޑޯނާއަކީ 1986 ވަނަ އަހަރު މެކްސިކޯގައި ބޭއްވި ވޯލްޑް ކަޕްގައި އާޖެންޓީނާ ޗެމްޕިއަން ކަމުގެ މަޤާމަށް ގެންދިއުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިޔާއެވެ. އަދި ނޭޕޯލީ ކްލަބާއެކު އިޓަލީގެ ސީރީ އޭ އާއި ޔޫރަޕިއަން މުބާރާތްތަކުގައި ވެސް ބޮޑެތި ކާމިޔާބީތަކެއް ހޯދައިދިން ތަރިއެވެ.

ފުޓްބޯޅަ ދުނިޔޭގެ އެންމެ އައިކޮނިކް ކުޅުންތެރިންގެ ތެރޭގައި ހިމެނޭ މަރަޑޯނާ ވަނީ އޭނާގެ ކެރިއަރުގައި މަސްތުވާތަކެތީގެ ވަބާގެ ޝިކާރައަކަށްވެ، އަދި ނޭޕަލްސްގައި ހުރި ދުވަސްވަރު ގޭންގް ގުރޫޕުތަކާ ގުޅުން ބައްވާފައެވެ.

ހިއްސާ ކުރައްވާ!