ޕީއެސްޖީ ސަޕޯޓަރުން ފަލަސްތީނަށް ސަޕޯޓު ކުރާކަން ޗެމްޕިއަންސް ލީގު ފައިނަލުގައި ހާމަކޮށްފި

މިއުނިކްގައި ނިމިގެން ދިޔަ ޔޫއެފާ ޗެމްޕިއަންސް ލީގު ފައިނަލުގައި ޕެރިސް ސެއިންޓް-ޖަރމޭން (ޕީއެސްޖީ) އާއި އިންޓަރ މިލާން ބައްދަލުކުރިއިރު، ޕީއެސްޖީގެ ސަޕޯޓަރުން ޣައްޒާގެ ރައްޔިތުންނަށް އެއްބާރުލުން ދޭކަން އެކި ގޮތްގޮތުން ދައްކުވައިދީފިއެވެ.

މެޗު ފެށުމުގެ ކުރިން، ސަތޭކަ އެތަކެއް ޕީއެސްޖީ ސަޕޯޓަރުން މެޗު ބާއްވާ ޖަރުމަނުވިލާތުގެ މިއުނިކް މަގުތަކުގައި ފަލަސްތީނުގެ ދިދަ ހިފައިގެން ހިނގާލައި، "އަޅުގަނޑުމެންނަކީވެސް ޣައްޒާގެ ދަރިންނޭ" ގޮވަމުން ދިޔައެވެ.

އެލިއަންޒް އެރީނާގައި މެޗު ފެށުމުގެ ކުރިން، ޕީއެސްޖީ ސަޕޯޓަރުން ބޮޑު ބެނާއެއް ނަގައި ދައްކާލިއެވެ. އޭގައި "ޣައްޒާގައި ހިންގަމުގެންދާ ނަސްލު ފޮހެލުން ހުއްޓާލާ" މިހެން ލިޔެފައި އޮތެއެވެ. މީގެ އިތުރުން ސްޓޭޑިއަމްގައި ފަލަސްތީނުގެ ދިދަތަކާއި ސްކާފުތައް އަނބުރަމުން ދިޔަ މަންޒަރު ފެނުނެވެ.

މި މެޗުގައި ޕީއެސްޖީ  5-0 ން މޮޅުވެ، ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ހޯދިއެވެ. މި މޮޅު ކާމިޔާބީއާއެކު، މި ސީޒަންގައި ޕީއެސްޖީ އަށް ފްރާންސްގެ ޑޮމެސްޓިކް ލީގާއި ކަޕް ޑި ފްރާންސްގެ ޗެމްޕިއަންކަންވެސް ލިބިފައިވެއެވެ.

މި މެޗުގައި ލަނޑު ޖެހި ކުޅުންތެރިންގެ ތެރޭގައި މޮރޮކޯގެ އަޝްރަފް ހަކީމީ ހިމެނެއެވެ. ހަކީމީ އަކީ އޭނާގެ ކެރިއަރުގައި ފަލަސްތީނަށް އެއްބާރުލުން ދޭކަން ފާޅުގައި ދައްކުވައިދޭ ކުޅުންތެރިއެކެވެ.

މި ސީޒަންގެ ޗެމްޕިއަންސް ލީގުގެ އެހެން މެޗުތަކުގައިވެސް ޕީއެސްޖީގެ ސަޕޯޓަރުން ފަލަސްތީނަށް އެއްބާރުލުން ދޭކަން ދައްކުވައިދޭ ބެނާތައް ނަގައި، ގޮވެލިތައް ގޮވާލާފައިވެއެވެ. މޭ މަހުގެ ކުރީކޮޅު އާސެނަލްއާ ދެކޮޅަށް ކުޅުނު ސެމީ ފައިނަލް މެޗުގައި "ފްރީ ޕަލެސްޓައިން" މިހެން ލިޔެފައިވާ ބެނާއެއް ވެސް ނަގާފައިވެއެވެ. އަދި އެޓްލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގައިވެސް މިފަދަ ބެނާތައް ނަގާފައިވެއެވެ.ADV

ހިއްސާ ކުރައްވާ!