މިދިޔަ މޭ މަހު އިނގިރޭސިވިލާތުގެ މަސްވެރިން ހިފި ބޯވައިގެ އަދަދު ވަނީ ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު 240 ގުނަ އިތުރުވެފައެވެ. މޭ 27 ވަނަ ދުވަހު އެކަނިވެސް ބްރިކްސްހަމް ފިޝް މާކެޓަށް 48 ޓަނުގެ ބޯވަ ގެނަސްފައިވެއެވެ.
ބޯވަ ތިޔާގި ވެގެން އުޅެނީ، ކަނޑުގެ ލޮނުގަނޑު ހޫނު ވެގެންނެވެ. ޔޫކޭ މެޓް އޮފީހުން ބުނަނީ މޭ މަހު އިނގިރޭސިވިލާތާ ކައިރި ސަރަޙައްދުތަކުގައި ކަނޑުގެ ލޮނުގަނޑުގެ މަތީފަށަލައިގެ ހޫނުމިން، 2.5 ޑިގްރީ ސެލްސިއަސް އަށް އަދި އައަރލެންޑުގެ ހުޅަނގު ފަރާތުގައި 4 ޑިގްރީ ސެލްސިއަސް އަށް އިތުރުވެފައިވާ ކަމަށެވެ. މިއީ މިހާތަނަށް މިހިސާބުގެ ކަނޑުގެ ލޮނުގަނޑުގެ ހޫނު މިން ރެކޯޑު ކުރެވިފައިވާ އެންމެ މަތީ މިނެވެ.
ކަނޑުގެ ލޮނުގަނޑުގެ ހޫނު މިންވަރު މަތިވުމާ ގުޅިގެން ބޯވައިގެ އާބާދީ އިތުރުވެ، ބޯވަ ބިސްތަކާއި ލާވާތައް އާލާވުމުގެ ފުރުސަތު ބޮޑުވެފައިވެއެވެ. ނަމަވެސް މިކަމުގެ ސަބަބުން ކަކުންޏާއި އިހި ފަދަ އެހެން ދިރޭ ބާވަތްތަކަށް ނޭދެވޭ އަސަރު ކޮށްފައިވާކަމަށް ޔޫކޭގެ ސެންޓަރ ފޮރ އެންވަޔަރަންމަންޓް، ފިޝަރީޒް އެންޑް އެކުއަކަލްޗަރ ސައިންސްއިން ބުނެއެވެ.
މަސްވެރިން ބުނަނީ ކަކުންޏާއި އިހީގެ މަސްވެރިކަން ދަށްވެފައިވާ ކަމަށެވެ. އަދި ބޯވައާއެކު ޖެލީފިޝްއާއި ގާރޫނު މުދަލާއި ކަނޑުކޮސް ފަދަ ބާވަތްތައް ގިނަވެފައިވާ ކަމަށެވެ. ނަމަވެސް ބޮޑުމަހާއި ޕްލޭންކްޓަން ތަދު ކަމަށް ބުނެއެވެ.
މި ޖޫން މަހުގައި، އިނގިރޭސިވިލާތާއި ކައިރި ހިސާބުގައި ކަނޑުގެ ހޫނުމިން ދަށްވެފައިވީ ނަމަވެސް، އަދިވެސް ހޫމިން ހުންނަނީ އާންމު މިންވަރަށްވުރެ މަތީގައއެވެ. އަދި އޯގަސްޓް މަހު އިތުރަށް ހޫނުވުމުގެ ފުރުސަތު ބޮޑުކަމަށް ބުނެއެވެ.
ދުނިޔެ ހޫނު ވުމުގެ ސަބަބުން މަސްވެރިކަމަށާއި ކަނޑުގެ ތިމާވެށްޓަށް ދުރު ރާސްތާގައި ގެއްލުން ލިބިދާނެކަމުގެ ބިރު ބޮޑެވެ.






