އެމެރިކާގައި އެގްރޯޓެރަރިޒަމްގެ ތުހުމަތު ޗައިނާގެ ސައިންސްވެރިން

އެފްބީއައި އިން ތުހުމަތުކުރާ ގޮތުގައި ޗައިނާގެ ސައިންސްވެރިން އެމެރިކާއަށް ނުރައްކާތެރި ފަންގަހެއް އެތެރެކޮށް، އެގްރޯޓެރަރިޒަމްގެ ބިރުވެރިކަމެއް ކުރިމަތިކޮށްފިއެވެ. ދަނޑުގޮވާމުގެ ބާވަތްތައް ހަލާކުކޮށްލާ މި ފަންގަސް ފެނިފައިވަނީ އެމެރިކާއަށް އެތެރެވި ޗައިނާ މީހެއްގެ ލަގެޖުންނެވެ.

އެމެރިކާއިން ބަލާފައި ވަނީ އެއީ އެމެރިކާގެ އިގްތިސާދުގެ މުހިންމު ބައެއް ކަމަށްވާ އެމެރިކާގެ ދަނޑުވެރިކަމަށް ގެއްލުން ދިނުމަށް ކުރި ކަމެއް ކަމަށެވެ. ޗައިނާގެ ރިސާޗް އިންސްޓިޓިއުޓްތަކާ ގުޅުން ހުރި މި ސައިންސްވެރިންނަށް ބަޔޯސެކިއުރިޓީ ގާނޫނުތަކާ ޚިލާފުވެފައިވާ ކަމަށް ބަލައި ތަހުގީގު ކުރަން ފަށާފައި ވެއެވެ.

ޗައިނާއިން ބުނެފައި ވަނީ މި ކަމަކީ އެއްވެސް ނުބައި ނިޔަތެއް އޮތް ކަމެއް ނޫނެވެ. އަދި އެމެރިކާގެ ތުހުމަތުތައް ދޮގުކޮށް، އެއީ އޮޅުމެއް ކަމަށް ބެއިޖިންގ އިން ބުނެ އެވެ.

މިއީ މިހާރުވެސް ގުޅުން ވަޅޯ ވެފައިވާ އެމެރިކާ އާއި ޗައިނާގެ ހަމަނުޖެހުމަށް އިތުރު ވަސްވާސްތައް ގެނަސްދޭ އަދި ކާބޯތަކެތީގެ ރައްކާތެރިކަމާއި ބަޔޮލޮޖިކަލް ނުރައްކާތަކާ މެދު އެމެރިކާއިން ހައްސާސް ވުމަށް މެދުވެރިވި ކަމެކެވެ.

އެމެރިކާގެ އޮފިޝަލުން ދަނީ ކުރިއަށް އޮތްތަނުގައި ކުރިމަތިވާނެ ނުރައްކާތައް ހުއްޓުވުމަށް ބޯޑަރު ޗެކްތަކާއި ބަޔޯސެކިއުރިޓީގެ ފިޔަވަޅުތައް ހަރުދަނާ ކުރަމުންނެވެ. އެގްރޯޓެރަރިޒަމްގެ ސަބަބުން ދަނޑުވެރިކަން ފަނާވެ، ކާބޯތަކެތީގެ ދަތިކަމާއި އިގްތިސާދީ ގެއްލުންތައް ކުރިމަތިވެދާނެ ކަމަށް އެމެރިކާގެ ތަޖުރިބާކާރުން ވަނީ މިކަމާ ގުޅިގެން އިންޒާރު ދޭން ފަށާފައެވެ. އަދި ބަޔޮލޮޖިކަލް މެޓީރިއަލްސް ރެގިއުލޭޓްކޮށް، އެފަދަ ތަކެތި އުފުލުމާއި ހުއްޓުވުމަށް ދުނިޔޭގެ އެއްބާރުލުމުގެ ބޭނުން ތެރިކަމަށްވެސް އެމެރިކާއިން ވަނީ ގޮވާލާފައެވެ.

ހިއްސާ ކުރައްވާ!