ޗައިނާއާ ދެކޮޅަށް އެމެރިކާއިން އެކަޑެމިކް ދާއިރާގައި ވެސް ބަންދު އަޅުވަނީ

އެކަޑަމިކް ދާއިރާ މެދުވެރިކޮށް އެމެރިކާގެ އައު ޓެކްނޮލޮޖީ ޗައިނާއަށް ބޭނުންކުރުމަށް އެމެރިކާ ސަރުކާރުން ހުރަސް އަޅައިފިއެވެ. އަދި އެމެރިކާގެ ގައުމި ސަލާމަތާ ގުޅިގެން ނެރެފައިވާ އިންޒާރާއެކު ޖާސޫސީ ކަންބޮޑުވުންތަކާ ގުޅިގެން ހާވަޑް ޔުނިވަރސިޓީން ވަނީ މިފަދަ އެއްބާރުލުން ޗައިނާގެ އެކަޑެމިކް ދާއިރާއަށް ދިނުން މަނާކޮށްފައެވެ.

މި ފިޔަވަޅަކީ އެމެރިކާއާއި ޗައިނާގެ ޓެކްނޮލޮޖީގެ ވާދަވެރިކަން ދައްކުވައިދޭ ކަމެއް ކަމަށާއި، މިއީ ސެންސިޓިވް ދިރާސާތަކުގެ ދާއިރައިން ޗައިނާގެ ނުފޫޒަށް ހުރަސްއެޅުމަށް އަމާޒުކޮށްފައިވާ ފިޔަވަޅެއް ކަމަށް އެމެރިކާ ސަރުކާރުން ބުނެއެވެ.

އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ކަންބޮޑުވަނީ ޗައިނާގެ ދިރާކުރާ ފަރާތްތަކުން ދެގައުމުގެ އެކަޑަމިކް ޕާޓްނަޝިޕްތަކުގެ ބޭނުންހިފައިގެން އެމެރިކާގެ އެންމެ ޒަމާނީ ޓެކްނޮލޮޖީ ހޯދައި، ޤައުމީ ސަލާމަތަށް ނުރައްކާތަކެއް ކުރިމަތި ކޮށްފާނެތީ އެވެ.

އެމެރިކާގެ މިފިޔަވަޅަކީ، ޚާއްޞަކޮށް އާޓިފިޝަލް އިންޓެލިޖެންސްއާއި އަޑު ދެނެގަތުމުގެ ދާއިރާއިން އެންމެ ޒަމާނީ އުފެއްދުންތައް ޗައިނާއަށް ލިބުން ހަނިކުރުމަށް އެމެރިކާއިން ކުރަމުންދާ ފުޅާ ދާއިރާއެއްގެ މަސައްކަތްތަކާ ގުޅިފައިވާ ކަމެކެވެ.

އެމެރިކާއިން ވަނީ ހާވަޑް ޔުނިވަރސިޓީގެ މި ނިންމުމަކީ އެހެން މުއައްސަސާތަކަށްވެސް ނަމޫނާއެއް ކަނޑައަޅާ ފައެވެ. އަދި މިއީ ބައިނަލްއަޤްވާމީ ދިރާސާތަކުގެ ގުޅުންތައް އިތުރަށް ބަލައި ފާރަވެރިވުމަށް މުހިންމު ފެށުމެއް ކަމަށްވެސް ބުނެއެވެ.

އެމެރިކާގެ ރައީސްކަމަށް ޓްރަމްޕް ވަޑައގަތް ފަހުން އެމެރިކާއިން އިސްކަންދެނީ އެކަޑެމިކް އެކްސްޗޭންޖަށް ވުރެން ބޮޑަށް ގައުމީ ސަލާމަތަށެވެ.

ހިއްސާ ކުރައްވާ!