އަރަބި އިސްލާމީ 20 ގައުމަކުން އިޒްރޭލު ކުށްވެރިކޮށްފި

އަރަބި އަދި އިސްލާމީ 20 ގައުމަކުން ގުޅިގެން ބަޔާނެއް ނެރެ، އީރާނާ ދެކޮޅަށް އިޒްރޭލުން ދިން އުދުވާނީ ހަމަލަ ކުށްވެރިކޮށް، މިހާރުގެ ހާލަތު ގޯސްވުމާ މެދު ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

މި ބަޔާން ނެރުނީ އިރާގު، ގަތަރު، ސައުދީ އަރަބިއްޔާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް، އޮމާން، ކުވައިތު، ބަހްރެއިން، ޖޯޑަން، މިސްރު، ސޫދާން، އަލްޖީރިއާ، ކޮމޮރޯސް، ޖިބޫޓީ، ސޯމާލިއާ، ލީބިޔާ، މޮރިޓޭނިއާ، ޕާކިސްތާން، ތުރުކީ، ޗާޑް، އަދި ބްރޫނާއީގެ ފޮރިން މިނިސްޓަރުންނެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ މި ހާލަތު ގޯސްވުމަކީ މުޅި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނެ ކަމެއް ކަމަށާއި، އީރާނާ ދެކޮޅަށް އިޒްރޭލުން ކުރިއަށް ގެންދާ ޢަދާވާތްތެރިކަން ހުއްޓުވަން ޖެހޭ ކަމަށް ބުނެފައި ވެއެވެ.

އަދި އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ އާއި ސެކިއުރިޓީ ކައުންސިލްގެ ގަރާރުތަކާ އެއްގޮތަށް އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީގެ ރައްކާތެރިކަމުގެ ދަށުގައިވާ ނިއުކްލިއާ ފެސިލިޓީތަކަށް އަމާޒު ކޮށްގެން ނުވާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

ވިހި ގައުމުގެ ޚާރިޖީ ވަޒީރުން ފާހަގަކުރެއްވި ގޮތުގައި ނިއުކްލިއާ ހަތިޔާރާއި ބޮޑެތި ގެއްލުންދޭ އެހެން ހަތިޔާރުތަކުން އަމާންވެފައިވާ ސަރަހައްދެއް، ގާއިމްކުރުން މުހިންމެވެ. އަދި ނިއުކްލިއާ ހަތިޔާރު ފެތުރުމާ ދެކޮޅު މުއާހަދާއަށް މި ސަރަހައްދުގެ ހުރިހާ ގައުމުތަކުން އަވަހަށް އެއްބަސްވާން ޖެހޭ ކަމަށް ވެސް އެގައުމުތަކުން ވަނީ ފާހަގަކޮށްފަ އެވެ.

އަދި އީރާނުގެ ނިއުކްލިއާ ޕްރޮގްރާމްގައި ދެމެހެއްޓެނިވި އެއްބަސްވުމަކަށް އައުމަށް އޮތް ހަމައެކަނި މަގަކީ މަޝްވަރާގެ މަގަށް އެނބުރި އައުން ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ. އަދި ސަރަހައްދުގައި ދިމާވާ މުސީބާތްތައް ހައްލުކުރުމަށް އޮތް އެކަނި ގޮތަކީ ބައިނަލްއަގްވާމީ ގާނޫނުގެ ގަވާއިދާއި އދ.ގެ ގަރާރުތކަށް ތަބާ ވުން ކަމަށްވެސް ބުނެފައި ވެއެވެ.

އެގޮތުން ބައިނަލްއަގްވާމީ ކަނޑުގެ މަގުތަކުގައި ދަތުރުކުރުމުގެ މިނިވަންކަމަށް އިހުތިރާމްކުރުމާއި، ބައިނަލްއަގްވާމީ ގާނޫނާއި އދގެ ގަރާރުތަކާ އެއްގޮތަށް، އަދި ބައިނަލްއަގްވާމީ ދަތުރުފަތުރުގެ ސަލާމަތަށް ބުރޫނާރާނެ ގޮތަށް އަމަލުތައް ބެހެއްޓުމަށްވެސް ގޮވާލާފައ ވެއެވެ.

ހިއްސާ ކުރައްވާ!