= ޙުސައިން ރަޝީދު އަޙްމަދު=
ދުނިޔޭގައި އުޅޭ ޝިޔަޢީންނަކީ ކޮބާ!
މީހުންގެ އިސްލާމްކަމުގެ ސިއްކަ ޖައްސަވަނީ ﷲ އާއި އެކަލާނގެ ރަސޫލާއެވެ. އެއީ އަހަރެމެން މުއްލާއިންގެ ޒިއްމާއެއް ނޫނެވެ.
ޝިޔާއިންގެ ޖުމްލަ ޢަދަދު:
ޝިޔާއިންނަކީ މުސްލިމުންގެ ޖަމާޢަތެކެވެ. ޢަޤީދާގެ ގޮތުންނާއި ފިޤުހީ ގޮތުން ސުއްނީންނާ ތަފާތުތަކެއް ހުރެއެވެ. އެއީ ސުއްނީންގެ ތެރޭންް އެކި ޖަމާޢަތްތަކުގެ މެދުގައި ތަފާތު ހުންނަ ފަދައިންނެވެ. ދުނިޔޭގައި ޝިޔާން އުޅޭކަމަށް ތަފާސް ހިސާބުތަކުން ދައްކަނީ 300 އާއި 400 އާ ދެމެދު މިލިޔަން މުސްލިމުން ކަމުގައެވެ.
ޝިޔާއިންގެ ބައެއް ޢަޤީދާ ޞައްޙައެއް ނޫނެވެ.
ޝިޔާއިންގެ ޢަޤީދާތަކުގެ ތެރޭގައި ޞައްޙަ ނޫން ޢަޤީދާތަކެއް އެބަހުއްޓެވެ. މިސަބަބާހުރެ ސުއްނީންގެ ބައެއް ޖަމާޢަތުން ޝިޔާއިން ކާފަރު ކުރެއެވެ. އެހެންނަމަވެސް އެހާރާއި މިހާރުގެ ޖުމްހޫރު ދަންނަބޭކަލުން ވިދާޅުވަނީ މުޠްލަޤުކޮށް ޝިޔާއިންނަކީ މުސްލިމުން ކަމުގައެވެ. އެއީ އަހަރެމެންގެ އެންމެންގެ އީމާންކަމުގެ ރުކުންތަކާއި އިސްލާމް ކަމުގެ ރުކުންތަކުގައި ތަފާތެއް ނެތީމައެވެ. މިގޮތުން ޝިޔާއިން ކާފަރުކުރާ ޖަމާޢަތުން ޝިޔާއިން ކާފަރުކުރާ ފަދައިން އަޞްލު ސުއްނީން ކަމުގައިވާ އަޝްޢަރީންނާއި މާތުރީދީންވެސް ކާފަރުކުރެއެވެ. ހިތާމައަކީ މިތަކްފީރީންގެ ގާތުގައި މީހުން ކާފަރު ކޮށްލުމަކީ ވަރަށް ފަސޭހަ ކަމެކެވެ. އެމީހުންގެ ގާތުގައި ހަމައަކަށް ބަލާނެ ވަކި އުޞޫލެއް ނެތީމަކަން ނޭގެއެވެ. މިގޮތުން މިބައިމީހުން އިމާމު ބައިހަޤީއާއި ނަވަވީއާއި އިބްނި ޙަޖަރު ފަދަ ދީނުގެ ޢިލްމީ ބޮޑެތި ތަނބުތައް ވެސް ކާފުކުރެއެވެ.
ޝިޔަޢީންގެ މެޖޯރިޓީ އޮތް ޤައުމުތައް:
އިސްލާމީ ދުނިޔޭގެ ބައެއް ޤައުމުތަކުގައި ޝިޔަޢީންގެ އަޣުލަބިއްޔަތު އޮވެއެވެ. އެޤައުމުތަކުގެ ތެރޭގައި ހިމެނެނީ އިރާނާއި ޢިރާޤާއި އަޒަރުބައިޖާނާއި ބަޙުރައިނެވެ. މިޤައުމުތަކުގައި ގިނައީ ޝިޔަޢީންނެވެ.
ޝިޔަޢީންގެ ބޮޑު މައިނޯރިޓީ އޮތް ޤައުމުތައް:
ބަޔާންވެދިޔަ ޤައުމުތައް ފިޔަވައި ޝިޔަޢީން ގިނަ ނިސްބަތަކަށް އުޅޭ ޤައުމުތަކަކީ، ލެބްނާނާއި ޔަމަނާއި ސީރިޔާއާއި ޕާކިސްތާނާއި އަފްޣަނިސްތާނާއި ތުރުކީއެވެ. އީރާނާއި ޢިރާޤާއި އަޒަރުބައިޖާނާއި ޕާކިސްތާނުގައި (ބައެއް ފަހަރު) ވެރިކަން ކުރަނީ ޝިޔަޢީންނެވެ. މިހާރުވެސް ޕާކިސްތާނުގެ ރައީސަކީ ޝިޔާއެކެވެ.
ޝިޔަޢީންގެ ކުޑަ މައިނޯރިޓީ އޮތް ޤައުމުތައް:
މީގެ އިތުރުން ބައެއް ޤައުމުތަކުގައި ޝިޔާން މަދު ނިސްބަތަކުން އުޅެއެވެ. އެއީ ސަޢޫދީ ޢަރަބިޔާއާއި ކުވައިތާއި އެމިރޭޓްސްއާއި ޢޮމާނާއި ޤަޠަރާއި އަލްބާނިޔާއާއި އިންޑިޔާއެވެ. މިތަންތާގައި ޝިޔަޢީން އުޅެނީ ކުޑަ މައިނޯރިޓީއެއްގައެވެ. މީގެ އިތުރުން އެފްރިކާގެ ބައެއް ޤައުމުތަކުގައްޔާއި މޮރޯކޯއާއި އަލްޖީރިޔާއާއި ޗެޗެނިޔާއާއި ސިރީލަންކާއާއި މެލޭޝިޔާއާއި އެނޫންތަންތާގައި ވެސް ނިސްބަތުން ކޮންމެވެސް ވަރަކަށް ޝިޔާން އުޅެއެވެ.
ގޯސް ޢަޤީދާ
ޝިޔާންގެ ޢަޤީދާގެ ތެރޭން އެންމެ ގޯސް ޢަޤީދާއަކީ ޢަލީގެފާނާއި ފާޠިމަތުގެފާނުންގެ ނަސްލުން ވަޑައިގަތް ތިއްބެވި، އެމީހުންގެ 12 އިމާމުންނަކީ މަޢުޞޫމުން ކަމުގައި ދުށުމެވެ. މި 12 އިމާމުންނަކީ ސުއްނީންވެސް ޤަބޫލުކުރާ އަދި އިޙްތިރާމުކުރާ ބޭކަލުންނެވެ. ބޮޑެތި ޢިލްމުވެރިންނެވެ. ނަމަވެސް އަޅުގަނޑުމެން ދެކޭގޮތުގައި މިއުއްމަތުގައި ކީރިތި ރަސޫލާ ފިޔަވައި އެހެން އެއްވެސް މީހަކީ މަޢުޞޫމެއް ނޫނެވެ. (މިއީ ބާލިޣު ނުވާ ކުޑަކުދީން ފިޔަވައެވެ.)
އަޞްލު ސުއްނީންވެސް ކާފަރުކުރުން:
ކުރީން ބުނިހެން ސުންނީންގެ ތެރޭގައިވެސް ބައެއް ކަންކަމުގައި ޢަޤީދާގެ ތަފާތެއް އެބަހުއްޓެވެ. އެހެންނަމަވެސް އެއަކީ މާބޮޑު މައްސަލައެއް އޮތްކަމެއް ކަމަކަށް ޢިލްމުވެރިން ދެކެވަޑައިގެންފައި ނުވެއެވެ. ނަމަވެސް މިޒަމާނުގައި ޢަޤީދާގެ ބޮޑު މައްސަލަތަކެއް ބައެއް މީހުންގެ ކިބައިން ފެންނާން ފަށައިފިއެވެ. އެއީ ﷲގެ ބައެއް ސިފަފުޅުތައް މާއްދިއްޔަތާ ގުޅުވައިގެންނެވެ. ޙަޤީޤަތުގައި މިބައިމީހުން ﷲ އަށް ހަށިގަނޑެއް ވާކަމަށް ދެކެނީއެވެ. އެމީހުން ދަޢުވާ ކުރާ ގޮތުން ﷲ ވަނީ ޢަރުޝީގައި އިށީގެ ވޮޑިގެންނެވެ. ﷲ އަށް މޫނާއި ދެލޮލާއި ދެއަތާއި ދެފަޔާއި ދެކަށިމަތި ވެއެވެ. ﷲ ހިނގައި ދުވެ، ފުމެ ހައްދަވައެވެ. އެއްތަނުން އަނެއް ތަނަށް ނަގުލުވެއެވެ. މިއީ އަހުލު ސުއްނަތު ވަލްޖަމާޢަތުގެ ޢިލްމުވެރިން ވިދާޅުވާ ގޮތުން ޞައްޙަ ޢަޤީދާއެއް ނޫނެވެ. މިޢަޤީދާ ޤަބޫލުކުރާ މީހުން އެނޫން މީހުން ކާފަރު ކުރެއެވެ.
އީރާނުގެ ޕޮޕިއުލޭޝަން:
ކޮންމެއަކަސް ދުނިޔޭގައި ޝަހާދަތް ކިޔާ (2) ދެ ބިލިޔަން މުސްލިމުން އެބައުޅެއެވެ. މިގޮތުން މުސްލިމުން ކާފަރުކުރާ މީހުންގެ އަންދާޒާއަށް ބަލާނަމަ މުޅި ދުނިޔޭގައި އެމީހުންގެ ތެރޭގައި އުޅެނީ ގާތްގަނޑަކަށް އޮނަތިރީހަކަށް މިލިޔަން މީހުންނެވެ. އެހެންކަމުން މިބައިމީހުންގެ ފަތުވާގެ ދަށުން ކުފުރުގެ ލޭބަލް ނުޖެހި ދުނިޔޭގައި އުޅެނީ މުސްލިމުންގެ މިދެންނެވި 29 އަކަށް މިލިޔަން މީހުންނެވެ. މިބައިމީހުން އީރާނު މީހުން ކާފަރުކުރަނީ މިބުނެވުނު އުޞޫލުގެ ދަށުންނެވެ. އެހެންނާ އީރާނުގައި ޖުމްލަ ޕޮޕިއުލޭޝާނަކީ 92 މިލިޔަން ކަމަށްވާއިރު، އޭގެ ތެރޭން ސުއްނީން އެބަހީ ޝާފިޢީންނާއި ޙަނަފީންގެ ޢަދަދު 30 މިލިއަނަށް އަރައެވެ. އަދި 30 ހާސް ޔަހޫދީންނާއި ދިހަ ހާސްވަރަކަށް ނަޞާރާއިން ވެސް އުޅޭކަމަށް ވެއެވެ.
މުސްލިމަކީ ކޮބައިތޯ؟
މީހާއަކީ މުސްލިމެއްތޯ ނޫންތޯ ސިއްކަ ޖެއްސެވުމުގެ އިޚްތިޔާރު އޮތީ ހަމައެކަނި ﷲ އާއި އެއިލާހުގެ ރަސޫލާއަށެވެ. އެނޫންމީހުންނަށް ކުފުރުގެ ހުކުމްކުރާކަށް މީހުންގެ ހިތެއް ނޭގޭނެއެވެ. رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީސް ކުރަށްވާފައި ވެއެވެ. مَنْ صَلَّى الْبَرْدَيْنِ دَخَلَ الْجَنَّةَ (البخاري- مسلم) (މާނައީ: ފަތިސްނަމާދާއި ޢަޞުރުނަމާދު ކުރާ މީހާ ސުވަރުގެ ވަންނާނެއެވެ.) އަދިވެސް ކީރިތި ރަސޫލާ ޙަދީސް ކުރަށްވާފައި ވެއެވެ. مَنْ قَالَ لَا إِلَهَ إِلَّا اللَّهُ مِنْ قَلْبِهِ دَخَلَ الْجَنَّةَ (مسلم) (މާނައީ: ތިމާގެ ހިތުގެ އަޑިން ' لَا إِلَهَ إِلَّا اللَّهُ ' ކިޔައިފި މީހާ ސުވަރުގެ ވަންނާނެއެވެ.) އަދިވެސް ލޮބުވެތި ރަސޫލާ ޙަދީސް ކުރަށްވާފައި ވެއެވެ. مَنْ صَلَّى صَلَاتَنَا وَاسْتَقْبَلَ قِبْلَتَنَا وَأَكَلَ ذَبِيحَتَنَا فَذَلِكَ الْمُسْلِمُ الَّذِي لَهُ ذِمَّةُ اللَّهِ وَذِمَّةُ رَسُولِهِ فَلَا تُخْفِرُوا اللَّهَ فِي ذِمَّتِهِ (بخاري، مسلم، نسائي وغيرهم) (މާނައީ: އަހަރެމެންގެ ނަމާދު ކުރާ، އަހަރެމެންގެ ޤިބްލައަށް ކުރިމަތިލާ، އަދި އަހަރެމެން މުސްލިމުން ކަތިލާ ތަކެތި ކައިއުޅޭ މީހާ، އެއީ މުސްލިމެކެވެ. އޭނާއަށް ﷲގެ ޙިމާޔަތާއި ރައްކާތެރިކަން ލިބިގެންވެއެވެ. އަދި އެކަލާނގެ ރަސޫލާގެ ޙިމާޔަތާއި ރައްކާތެރިކަން ލިބިގެންވެއެވެ. ފަހެ، އެފަދަ މީހުންނާމެދު ﷲ ދެއްވާފައިވާ ޙިމާޔަތާއި ރައްކާތެރިކަމާމެދު ތިޔައިން އެކަކުވެސް ﷲއަށް ޣަދަރުވެރިނުވާށެވެ.) އަދިވެސް ކީރިތި ރަސޫލާ ޙަދީސް ކުރަށްވާފައި ވެއެވެ. فَقَالَ مَا مِنْ عَبْدٍ قَالَ لَا إِلَهَ إِلَّا اللَّهُ ثُمَّ مَاتَ عَلَى ذَلِكَ إِلَّا دَخَلَ الْجَنَّةَ قُلْتُ وَإِنْ زَنَى وَإِنْ سَرَقَ قَالَ وَإِنْ زَنَى وَإِنْ سَرَقَ قُلْتُ وَإِنْ زَنَى وَإِنْ سَرَقَ قَالَ وَإِنْ زَنَى وَإِنْ سَرَقَ قُلْتُ وَإِنْ زَنَى وَإِنْ سَرَقَ قَالَ وَإِنْ زَنَى وَإِنْ سَرَقَ عَلَى رَغْمِ أَنْفِ أَبِي ذَرٍّ (بخاري- مسلم) (މާނައީ: لَا إِلَهَ إِلَّا اللَّهُ މިކަލިމަ ކިޔައި، އެގޮތުގައި ދެމިހުރެ މަރުވެއްޖެ މީހާ ޔަޤީނުން ސުވަރުގެ ވަންނާނެއެވެ. އަބޫ ޛައްރު ވިދާޅުވަނީ، ތިމަން ދެންނެވީމެވެ: އޭނާ ޒިނޭކުރި ކަމުގައި ވިޔަސް އަދި ވައްކަންކުރި ކަމުގައި ވިޔަސްތޯއެވެ؟ އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: އާނއެކެވެ! އޭނާ ޒިނޭކުރި ކަމުގައި ވިޔަސް އަދި ވައްކަންކުރި ކަމުގައި ވިޔަސްމެއެވެ. އަނެއްކާ ތިމަން ދެންނެވީމެވެ: އޭނާ ޒިނޭކުރި ކަމުގައި ވިޔަސް އަދި ވައްކަންކުރި ކަމުގައި ވިޔަސްތޯއެވެ؟ އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: އާނއެކެވެ! އޭނާ ޒިނޭކުރި ކަމުގައި ވިޔަސް އަދި ވައްކަންކުރި ކަމުގައި ވިޔަސްމެއެވެ. އަނެއްކާވެސް ތިމަން ދެންނެވީމެވެ: އޭނާ ޒިނޭކުރި ކަމުގައި ވިޔަސް އަދި ވައްކަންކުރި ކަމުގައި ވިޔަސްތޯއެވެ؟ އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: އާނއެކެވެ! އަބޫ ޛައްރު ކިތަންމެ ނުރުހެވުނު ކަމުގައި ވިއަސް، އޭނާ ޒިނޭކުރި ކަމުގައި ވިޔަސް އަދި ވައްކަންކުރި ކަމުގައި ވިޔަސް އެއީ މުސްލިމެކެވެ.)
ދެން އަޅުގަނޑުމެން ދީނުން ދެތިން އަކުރު ކިޔަވައިގެން ތިބެ ދީނުގެ ނަމުގައި ހިތުހުރި މީހަކު ކާފަރުކުރާނީ ކިހިނަކުންތޯއެވެ. ތެދެކެވެ! މީހަކު ދީނުން ބޭރުވާ ފަދަ ކަމެއް ކޮއްފިނަމަ އޭނާގެ މައްސަލަ ޢަދުލުވެރި މުސްލިމު ކޯޓަކަށް ހުށަހަޅައި މައްސަލަ ތަޙްޤީޤުކޮށް ބެލުމަށްފަހު އެކޯޓުން އޭނާއާމެދު ޙުކުމެއް ކުރެވިދާނެއެވެ. އެނޫންގޮތަކަށް މީހުން ދީނުން ބޭރުކޮށް ދީނަށް ވެއްދުމުގެ ޙައްޤެއް އެކަކަށް އިސްލާމް ދީން ދީފައި ނުވެއެވެ.







