އީރާނުން އެމެރިކާއާ ދެކޮޅަށް ހޯދީ ބޮޑު ކާމިޔާބިއެއް

އެމެރިކާގެ މައްޗަށް އީރާނުން ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ކަމަށް ސުޕްރީމް ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވެއްޖެއެވެ. ޚާމަނާއި ވަނީ އީރާނުން ދުވަހަކުވެސް އެމެރިކާއަށް ބޯ ލަނބާނުލާނެ ކަމަށް ވިދާޅުވެފައެވެ. ޚާމަނާއީގެ މިވާހަކަތައް ހާމަކުރެއްވީ ހަމަލަތައް ހުއްޓާލިފަހުން ދެއްވި ފުރަތަމަ ތަގްރީރުގައެވެ.

"އަޅުގަނޑުގެ ދެވަނަ ތަހުނިޔާ ފޮވަން އޮތީ، އެމެރިކާގެ ވެރިކަމުގެ މައްޗަށް އަޅުގަނޑުމެންގެ ލޯބިވާ އީރާނުން ހޯދި ކާމިޔާބީއަށް. އެމެރިކާއިން ސީދާ މި ހަނގުރާމައިގެ ތެރެއަށް ވަދެގަތީ، އެގައުމުގެ ތަދައްޚުލުވުމެއް ނެތްނަމަ، ޒަޔަނިސްޓް ވެރިކަމަށް މުޅިން ރޫޅިދާނެ ކަމުގެ ބިރު އޮތުމުން" ޚާމަނާއީގެ ތަގްރީރުގައި ވިދާޅިވިއެވެ.

އީރާނުގެ ލީޑަރު ވިދާޅުވި ގޮތުގައި ވޮޝިންޓަނުން ވަނީ އެމެރިކާގެ އުދުވާނުން އީރާނަށް ދިން ގެއްލުމުގެ ވާހަކަ މާބޮޑުކޮށްގެން ދައްކާފައެވެ. ނަމަވެސް "މި ހަނގުރާމައިގައި އެމެރިކާއަށް އެއްވެސް މަގްސަދެއް ހާސިލެއް ނުވި" ކަމަށް ވިދާޅުވިއެވެ.

މީގެ ކުރިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޖޫން މަހުގެ 22 ވަނަ ދުވަހު އެމެރިކާގެ ބޮން އަޅާ ބޯޓުތަކުން ދިން ހަމަލާގައި އީރާނުގެ ނިއުކްލިއާ ފެސިލިޓީތައް މުޅިން ހަލާކުވެފައިވާ ކަމަށް ވިދާޅުވެ އިތުރުފުޅު ހައްދަވާފައެވެ.'

ޚާމަނާއީ ވިދާޅުވެފައި ވަނީ އީރާންގެ ނިއުކްލިއަރ ޕްރޮގްރާމު އަދިވެސް އޮތީ ބަދަހިކޮށް ކަމަށެވެ.

އިޒްރޭލުން އީރާނާ ދެކޮޅަށް ޖޫން މަހުގެ 13 ވަނަ ދުވަހު ޓެރަރިސްޓް ހަމަލަތައް ދޭން ފެށުމާއެކު އީރާނުން ވަނީ އިޒްރޭލާ ދެކޮޅަށް ބަދަލު ހިފުމުގެ ހަމަލާތައް ދެމުން ގޮސްފައެވެ. އީރާނުން ވަނީ ޓެލްއަވީވްގެ ތިންބައިކުޅަ އެއްބައި ޣައްޒާއަށް ހަދާލަފައެވެ. އަދި އިޒްރޭލުގެ އެންމެ މުހިންމު 3 އަސްކަރި މަރުކަޒަށް މިސައިލު ހަމަލަ ދީފައެވެ.

އިޒްރޭލުން ވަނީ އީރާންގެ މިސައިލް ހަމަލަތަކުން ލިބުނު ގެއްލުން ސިއްރުކޮށްފައެވެ.

އިޒްރޭލުން ދެމުން ދިޔަ ޓެރަރިސްޓް ހަމަލައަށް ބަދަލު ހިފުމަށް އީރާނުން ކުރިއަށް ގެންދިޔަ ހަމަލަތައް ކާމިޔާބު ވަމުން ދިއުމާ ގުޅިގެން އެމެރިކާއިން ވަނީ 9 ދުވަސް ފަހުން ޖޫން މަހުގެ 22 ވަނަ ދުވަހު އީރާނުގެ ތިން ނިއުކްލިއާ މަރުކަޒަކަށް ހަމަލާދީފަ އެވެ.

އެއަށްފަހު، ޖެހިގެން އައި ޖޫން މަހުގެ 23 ވަނަ ދުވަހުގެ ހަވީރު ތެހެރާނުން ވަނީ މެދުއިރުމަތީގައި އޮންނަ އެމެރިކާގެ އެންމެ ބޮޑު ވައިގެ ސިފައިންގެ މަރުކަޒު ކަމަށްވާ ގަތަރުގައި ހުންނަ އަލްއުދައިދު ވައިގެ މަރުކަޒަށް މިސައިލް ހަމަލާތަކެއް ދީފައެވެ. އެހަމަލައަށް ފަހު ވަގުތުން ގަލްފްގެ ވެރިންނާއި ޓްރަމްޕް ވަނީ ހަމަލަތައް ހުއްޓާލާތޯ މަސައްކަތް ފަށްޓަވާފައެވެ.

ޖޫން މަހުގެ 24 ވަނަ ދުވަހު ހަމަލަތައް ހުއްޓާލަން އެއްބަސްވިއެވެ.

ހިއްސާ ކުރައްވާ!