ފުޓުބޯޅައިގެ ދުނިޔޭގެ މަޝްހޫރު ތަރި، ޕޯޗުގަލްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ، ސައުދީ އަރަބިއްޔާގެ ފުޓުބޯޅަ ކްލަބް އައްނަޞްރާއެކު ކޮންޓްރެކްޓް އާކުރުމަށް އެއްބަސްވެއްޖެ ކަމަށް، އެ ކްލަބްގެ ޕްރެސް އޮފީހުން ރިޕޯޓްކޮށްފިއެވެ.
އައްނަޞްރް ކްލަބް ކޮމްޕެނީން އެމީހުންގެ ސޯޝަލް ނެޓްވޯކް އެކައުންޓްގައި ބުނެފައިވަނީ، "އައްނަޞްރް ކްލަބް ކޮމްޕެނީން ކްރިސްޓިއާނޯ ރޮނާލްޑޯއާ އެކު ކޮންޓްރެކްޓް އާކޮށް، ރަސްމީކޮށް ސޮއިކޮށްފި" ކަމަށެވެ.
އުމުރުން 40 އަހަރުގެ ރޮނާލްޑޯ 2023 ވަނަ އަހަރުން ފެށިގެން އައްނަޞްރަށް ކުޅެމުންދާއިރު، އޭނާގެ މިހާރުގެ ކޮންޓްރެކްޓް ޖޫން 30 ގައި ހަމަވާނެއެވެ. އާ ކޮންޓްރެކްޓްގެ މުއްދަތު ދެ އަހަރަށް އިތުރުކުރެވިފައިވާ ކަމަށް ނޫސް ބަޔާނުގައި ބުނެފައިވީ ނަމަވެސް، އާ ކޮންޓްރެކްޓްގެ މާލީ ޝަރުޠުތައް ހާމަކޮށްފައެއް ނުވެއެވެ.
މިކަމާ ގުޅިގެން ރޮނާލްޑޯ އޭނާގެ އިންސްޓަގްރާމްގައި ވަނީ، "އާ ބާބެއް ފެށިއްޖެ. އެއް ފޯރި، އެއް ހުވަފެނެއް. އެކުގައި ތާރީޚު ލިޔެލަން" މިހެންނެވެ.
ޕޯޗުގަލްގެ މި ކުޅުންތެރިޔާ އަކީ ފުޓުބޯޅައިގެ ތާރީޚުގައި ފެނިފައިވާ އެންމެ މޮޅު އެއް ކުޅުންތެރިޔާގެ ގޮތުގައި ފާހަގަވެފައިވާ ފަރާތެކެވެ. އޭނާ ވަނީ ފަސް ބެލޮންޑޯ އެވޯޑާއި، ރެކޯޑެއްގެ ގޮތުގައި ތިން ޔޫއެފާ މެންސް ޕްލޭޔަރ އޮފް ދަ އިޔަރ އެވޯޑާއި، ހަތަރު ޔޫރަޕިއަން ގޯލްޑަން ޝޫ ހާސިލްކޮށްފައެވެ. އަދި ފީފާއިން ފަސް ފަހަރު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ރޮނާލްޑޯ ހޮވާފައިވެއެވެ.
ރޮނާލްޑޯ އޭނާގެ ކެރިއަރުގައި 34 ޓްރޮފީ ހޯދާފައިވާއިރު، އޭގެ ތެރޭގައި ހަތް ލީގު ތަށި، ފަސް ޔޫއެފާ ޗެމްޕިއަންސް ލީގު އަދި ޔޫއެފާ ޔޫރަޕިއަން ޗެމްޕިއަންޝިޕް ހިމެނެއެވެ.
އައްނަޞްރާއެކު ރޮނާލްޑޯ 2022 ވަނަ އަހަރުގެ ޑިސެމްބަރު 30 ގައި ސޮއިކުރި ތިން އަހަރުގެ ކުރީގެ ކޮންޓްރެކްޓުގައި އަހަރަކު 200 މިލިއަން ޔޫރޯ (234.640 މިލިއަން ޑޮލަރަށް ވުރެ ގިނަ) ގެ ރެކޯޑް އަގެއް ކަނޑައަޅާފައިވެއެވެ. ޕޯޗުގަލް ގައުމީ ޓީމުގެ ކެޕްޓަން ރޮނާލްޑޯ އަކީ، ރަސްމީ މެޗުތަކުގައި 900 ގޯލް ޖެހި ފުޓުބޯޅައިގެ ތާރީޚުގައި ފެނިގން ދިޔަ ފުރަތަމަ ކުޅުންތެރިޔާ ވެސް މެއެވެ.






