އިޒްރޭލުގެ ޖެނެރަލަކާ ދެކޮޅަށް ބައިނަލްއަޤްވާމީ ޖިނާއީ ކޯޓަށް ޝަކުވާ ހުށަހަޅައިފި

ބެލްޖިއަމްގައި ގާއިމުކޮށްފައިވާ ހިންދު ރަޖަބް ފައުންޑޭޝަނުން، އިޒްރޭލުގެ ބްރިގޭޑިއަރ ޖެނެރަލް ޔެހޫދާ ވާކްއާ ދެކޮޅަށް ބައިނަލްއަޤްވާމީ ޖިނާއީ ކޯޓަށް ރަސްމީ ޝަކުވާއެއް ހުށަހަޅައިފިއެވެ. މި ޝަކުވާ ހުށަހަޅާފައިވަނީ ޣައްޒާގައި އޭނާ ހިންގާފައިވާ ހަނގުރާމައިގެ ޖަރީމާތަކާ ގުޅިގެންނެވެ.

2024 ވަނަ އަހަރު އުފައްދާފައިވާ ހިންދު ރަޖަބް ފައުންޑޭޝަނަކީ އިޒްރޭލުގެ ސިފައިންގެ އަމިއްލަ ސޯޝަލް މީޑިއާ އެކައުންޓުތަކުން ހިއްސާކޮށްފައިވާ ކޮންޓެންތްގެ މައްޗަށް ބިނާކޮށް، އެ މީހުންނާ ދެކޮޅަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ވަކީލުންނާއި އެކްޓިވިސްޓުން ޤާނޫނީ މައްސަލަތައް ތައްޔާރުކުރުމަށް އެހީވާ ޖަމިއްޔާއެކެވެ.

ހިންދު ރަޖަބް އިން ބުނާ ގޮތުގައި، ޖެނެރަލް ވާކް އިސްކޮށް ހުރެ، ޣައްޒާގެ ނެޓްޒަރިމް ކޮރިޑޯ ސަރަޙައްދުގައި ޤާނޫނާ ޚިލާފަށް މީހުން މެރުމަށް ޚާއްސަ ސަރަހައްދެއް ގާއިމުކޮށްފައި ވެއެވެ. މި ސަރަޙައްދު ސިފަކޮށްފައި ވަނީ، ވާކްގެ އޯޑަރަށް ހަރަކާތްތެރިވާ ސްނައިޕަރުންގެ ޓީމްތަކާއި ސިފައިން އިތުރު ވިސްނުމަކާ ނުލައި ފަލަސްޠީނު ރައްޔިތުންނަށް، ޚާއްސަކޮށް ކުޑަކުދިންނަށް، އަމާޒުކޮށް ހަމަލާދީ މަރައިލާ ސަރަޙައްދެއްގެ ގޮތުގައެވެ.

ހިންދު ރަޖަބް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޖެނެރަލް ވާކްގެ ސިފައިން ޝަހީދުކޮށްފައިވާ ފަލަސްތީނު ދެ ކުއްޖެއްގެ އާއިލާއިން މިޝަކުވާގައި ބައިވެރިވާ ކަމަށެވެ. އަދި އެދިފައި ވަނީ ވާކްއާ ދެކޮޅަށް ބައިނަލްއަޤްވާމީ ފެންވަރުގައި ޖިނާއީ ތަޙުޤީޤެއް ފަށައި ދިނުމަށެވެ.

ހިއްސާ ކުރައްވާ!