އޮކްސްފޯޑް މިސްކިތަށް އިންޒާރު ދީފި

އިނގިރޭސިވިލާތުގެ އޮކްސްފޯޑްގައި ހުންނަ ސެންޓްރަލް އޮކްސްފޯޑް މިސްކިތުގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން، ފަލަސްތީނާއި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުމާ ގުޅޭގޮތުން ހިއްސާކުރި ބައެއް ޕޯސްޓްތަކާ ގުޅިގެން، އިނގިރޭސިވިލާތުގެ ޗެރިޓީ ކޮމިޝަނުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ޕޯސްޓްތަކުގެ ސަބަބުން މުޖުތަމަޢުގެ ތެރޭގައި ބައިބައިވުމާއި ހަމަނުޖެހުން އުފެދިދާނެ ކަމަށް ކޮމިޝަނުން ވަނީ ކަނޑައަޅާފައެވެ.

މި މައްސަލަ ކުރިމަތިވީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު އިސްރާއީލަށް ހަމާސްއިން ދިން ހަމަލާއަށްފަހު، އޮކްސްފޯޑް މިސްކިތުގެ ޗެރިޓީގެ ސޯޝަލް މީޑިއާގައި ފަލަސްޠީނަށް ސަޕޯޓު ކުރާ ގޮތަށް ހިއްސާކުރި ޕޯސްޓްތަކަކާ ގުޅިގެންނެވެ.

ޗެރިޓީ ކޮމިޝަނުން ނެރުނު ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، މިސްކިތުގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން ވަނީ ފަލަސްޠީނަށް ތާއީދުކޮށް ބާއްވާ މުޒާހަރާއެއްގައި މީހަކު ހައްޔަރުކޮށްފިނަމަ ކަން ކުރާނެ ގޮތުގެ މައުލޫމާތު ހިމަނާފައިވެއެވެ. އެގޮތުން ގުޅަން ޖެހޭ ވަކި ވަކީލެއްގެ މައުލޫމާތުގެ އިޝްތިހާރުތައް ވެސް މިސްކިތުން ވަނީ ޖަހާފައެވެ.

ހަމާސްގެ ހަމަލާތަކަށްފަހު އިސްރާއީލާއި ޣައްޒާގެ ހަމަލާތައް މީޑިއާގައ ރިޕޯޓްކުރާ ގޮތަށް ފާޑުކިޔާ ކަމަށް ދޭހަވާފަދަ ގްރެފިކް ކާޓޫންތަކެއް ދައްކާފައިވާ އިތުރު ދެ ޕޯސްޓެއް ވެސް މިސްކިތުގެ މީސްމީޑިއާ އެކައުންޓުން ހިއްސާކޮށްފައިވާ ކަމަށް ބުނެއެވެ.

އެ ކޮމިޝަނަށް ނިންމި ގޮތުގައި، މި ޕޯސްޓްތަކުގެ ސަބަބުން "މުޖުތަމަޢުގައި ހަމަނުޖެހުންތައް އުފެދިދާނެ" ކަމަށާއި، އެފަދަ ވާހަކަތައް ހިއްސާ ކުރުމަކީ މިސްކިތުގެ މަސައްކަތުން ބޭރުގައި ހިމެނޭ ކަމެއް ކަމަށެވެ.

އަދި މިސްކިތުގެ މީސްމީޑިއާ ސަފްހާގައި ސޯޝަލް މީޑިއާ ޕޮލިސީއެއް ނެތް ކަމަށް ވެސް ފާހަގަކޮށްފައި ވެއެވެ. އަދި މި ޕޯސްޓްތަކަކީ "ޗެރިޓީގެ މަގުސަދުން ބޭރުގައި" ލިޔެފައިވާ ޕޯސްޓްތަކެއް ކަމަށާއި، ޚާއްސަކޮށް އެ ދެ ޕޯސްޓަކީ "ބައިބައިވުން ބޮޑު އަދި ދެކޮޅުވެރިކަން އުފައްދައިދޭ ފަދަ" ޕޯސްޓްތަކެއް ކަމަށެވެ.

ޗެރިޓީ ކޮމިޝަނުގެ ޑިރެކްޓަރ އޮފް އޮޕަރޭޝަންސް، ސްޓީވަން ރޯކޭ ވިދާޅުވީ، "މެދުއިރުމަތީގައި ފަހަކަށް އައިސް ހިނގި ކަންތައްތަކަކީ ޖަޒުބާތީ އަދި ހާސްކަން ބޮޑު ކަންތައްތަކެއްކަން އަޅުގަނޑުމެން ދެނެގަންނަން." ކަމަށެވެ. ނަމަވެސް އެފަދަ ވާހަކަތައް ފާޅު ކުރުމަކީ މިސްކިތުން ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ބުނެއެވެ.

ހިއްސާ ކުރައްވާ!