ހާފިޒުންގެ އަގު ވަޒަންކޮށް އެލަވަންސް 4000 ރުފިޔާއަށް އިތުރުކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، ހާފިޒުންނަށް ދެމުން އައި 2000 ރުފިޔާގެ އެލަވަންސް 4000 ރުފިޔާއަށް އިތުރުކުރުމަށް ސަރުކާރުން ނިންމައިފިއެވެ. މީގެ އިތުރުން ޤުރުއާނާ ބެހޭ މަރުކަޒާއި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އާ ގުޅިގެން ޤުރުއާން ހިތުދަސްކުރާ ދަރިވަރުންނަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދީފިއެވެ.

މި ބަދަލުތަކުގެ ތެރޭގައި، އައިޔޫއެމުން ޤުރުއާން ހިތުދަސްކުރާ ދަރިވަރުންނަށް ޤުރުއާނާބެހޭ މަރުކަޒުގެ އިމްތިހާން ނުހަދާ ސަނަދު ދެވޭނެ ގޮތަށް އުސޫލު ބަދަލުކުރުން ހިމެނެއެވެ. އަދި ހާފިޒުންނަށް ދޫކުރާ ސަނަދަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ޤަބޫލުކުރާ ލެވެލް 4 ގެ ސަނަދެއްގެ ގޮތުގައި ހަމަޖެއްސުމަށްވެސް ވަނީ ނިންމާފައެވެ.

ސަރުކާރުން ވަނީ ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުމަށް ޚާއްސަ އިސްކަމެއް ދިނުމުގެ ގޮތުން، މާލީ އަދި ވަސީލަތްތަކުގެ ގޮތުން އެހީތެރިކަން އިތުރުކުރުމަށް ނިންމާފައެވެ. މި ނިންމުމަކީ ޤުރުއާން ހިތުދަސްކުރާ ދަރިވަރުންނާއި ހާފިޒުންގެ އަގު ވަޒަންކޮށް، އެފަރާތްތަކަށް އިތުރު ހިތްވަރެއް ދިނުމަށް ސަރުކާރުން އަޅާ މުހިންމު ފިޔަވަޅެކެވެ.

މި ބަދަލުތަކާއެކު، ހާފިޒުންނަށް ލިބޭ އެލަވަންސް އިތުރުކޮށް، ތަޢުލީމީ ސަނަދުގެ ފެންވަރު މަތިކޮށް، ޤުރުއާން ހިތުދަސްކުރުމުގެ ދާއިރާއަށް އިތުރު ޝައުޤުވެރިކަމެއް އުފެއްދުމަށް ހިތްވަރުދިނުން ހިމެނެއެވެ.

ވަޒީރުންގެ މަޖިލީހުގައި ހާފިޒުންގެ އެލަވަންސް ބޮޑު ކުރުމަށް މަޝްވަރާ ކުރެއްވުމަށް ފަހު ރައީސް އެކަން އިޢުލާންކުރެއްވީ މިދިޔަ ޖޫންމަހުގެ 24 ވަނަ ދުވަހުގައެވެ.

ހިއްސާ ކުރައްވާ!