އިނގިރޭސި ނޫސް ކަމުގައިވާ ފައިނޭންޝަލް ޓައިމްސްގައި ޝާއިޢުކުރި ލިޔުމެއްގައި، ޔަހޫދީ ލިޔުންތެރިޔާ ގިޑިއަން ރަޝްމަން ބުނަނީ ސައޫދީ އަރަބިއްޔާގައި ޔަހޫދީންނާއި ހިންދީންގެ ފައްޅިތައް އަޅަން ހުއްދަ ދޭންވާނެ ކަމަށެވެ. ނޫންނަމަ ހުޅަނގުގެ ގައުމުތަކުގެ މިސްކިތްތަކަށް ސައޫދީ ސަރުކާރުން ޚަރަދުކޮށްގެން ނުވާނެ ކަމަށެވެ.
މި ލިޔުންތެރިޔާ ވަނީ ޔަހޫދީން މުސްލިމުންނަށް ފުރައްސާރަ ކުރަން އުފެއްދި ދާއިޝް ނޫނީ އައިސިސްއަކީ ސައޫދީގެ އުފެއްދުމެއް ކަމަށް ބުނެ ސައޫދީ އަރަބިއްޔާ ބަދުނާމު ކޮށްފައެވެ.
ރަޝްމަން އޭނާގެ ލިޔުމުގައި، ދަ އޮބްޒާވަރ އާއި ބީބީސީގައި ޝާއިއުކޮށްފައިވާ ބައެއް ލިޔުންތަކުގެ އިތުރުން، އެމެރިކާގެ މަޝްހޫރު ލިޔުންތެރިޔާ (ޔަހޫދީ) ތޯމަސް ފްރީޑްމަންގެ ލިޔުމަކަށްވެސް ސައޫދީ އަރަބިއްޔާއާ ދެކޮޅަށް ރިފަރެންސް ދީފައިވެއެވެ. އަދި ޖަރުމަނުގެ ވައިސް ޗާންސެލަރ އާއި އިނގިރޭސިވިލާތުގެ ލިބަރަލް ޑިމޮކްރެޓުންގެ ކުރީގެ ލީޑަރު ލޯޑް އެޝްޑައުންގެ ބައެއް ބަސްތައްވެސް ނަގުލުކޮށްފައިވެއެވެ.
ލިޔުންތެރިޔާ ވަނީ ސައޫދީ އަރަބިއްޔާގެ އިންސާނީ ހައްގަށް ފާޑުކިޔައި އެގައުމުން މީހުން ދަންޖައްސަމުންދާތީ އެކަމާ ދެކޮޅަށްވެސް ވާހަކަ ދައްކާފައެވެ.
އޭނާ ވަނީ އެކުވެރި އަރަބި އިމާރާތުގައި ޔަހޫދީންނާއި ހިންދީންގެ ފައްޅި އެޅުމަށް ހުއްދަދީ، އެކަމަށް ހިތްވަރު ދޭތީ ޔޫއޭއީގެ ލީޑަރުންނަށް ތައުރީފުކޮށްފައެވެ.







