ނޮވެމްބަރު މަސް: ޔާސިރު އަރަފާތާ ގުޅިފައިވާ ޚާއްސަ މަހެއް

އަބޫ އައްމާރުގެ ނަމުން މަޝްހޫރު ޔާސިރު އަރަފާތު އުފަންވެ ވަޑައިގަތީ، އޮގަސްޓް 24، 1929 އެވެ. އަދި އަވަހާރަވީ، 11 ނޮވެމްބަރު 2004 ގައެވެ.

ޔާސިރު އަރަފާތަކީ، ފަލަސްތީނުގެ މިނިވަންކަމުގެ ހަނގުރާމައަށް ބިނާވެފައިވާ މުހިންމު ޝަޚްސިއްޔަތެކެވެ. އޭނާއަކީ ލީޑަރޝިޕް ދެއްކެވި ބޭފުޅެކެވެ. އަދި ވިދާޅުވާ ބަސްތަކުން ފަހަތަށް ޖެހިވަޑައި ނުގަންނަވާ ބޭފުޅެކެވެ.

ފަލަސްތީނުގެ ރައްޔިތުން އެއްބައިވަންތަ ކޮށްދެއްވިއެވެ. ހަނގުރާމަވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވެ ވަޑައިގަތެވެ. އަދި ސުލްހަ ގާއިމް ކުރައްވާ ލީޑަރެއްގެ ލަގަބުވެސް ހޯއްދެވިއެވެ.

އަރަފާތުގެ ފޮޓޯއަކީ ފަލަސްޠީނުގެ ކޮންމެ ގެއެއްގެ ސިޓިންރޫމް ޒީނަތްތެރި ކުރެވޭ ފޮޓޯގަނޑެވެ. މިއަދުވެސް އޭނާއަކީ، ފަލަސްޠީނު މީހުންނަށް އުންމީދެކެވެ. ހިތްވަރެކެވެ.

ލޯބިން ކުޑަކުދިން ވެސް އޭނާއަށް ކިޔަނީ "އަބޫ އައްމާރު" އެވެ.

އަބޫ ޢައްމާރު އެންމެނަށް އުންމީދެއް ދެއްވިއެވެ. ފަގީރުންނަށް އޭނާއަކީ ބަރޯސާއެކެވެ. ޔަހޫދީންގެ އުންޑަތަކުން ޒަޚަމްވާ މީހުންނަށް ފަރުވާއެކެވެ. ޝަހީދުންގެ އާއިލާތަކާއި ދަރިވަރުންނާއި ޒުވާނުންގެ ކެކުޅުންތައް ޙިއްސާކޮށް އެމީހުންގެ މާޔޫސީގެ ބައިވެރިޔާއެވެ.

ނޮވެމްބަރ 13، 1974 – ދުނިޔެ ބަދަލުކޮށްލި ތަޤްރީރު

ނޮވެމްބަރު 13، 1974 ގައި ޔާސިރު ޢަރަފާތު ވަނީ ޔަހޫދީން ބިން ފޭރިގަނެފައިވާ އެތައް މިލިއަން މީހުންނަށް ދައުލަތެއް ލިބެން ޖެހޭނެ ކަން ދުނިޔެއަށް އިއްވަވާފައެވެ. އދގައި 13 ނޮވެމްބަރުގައި އަރަފާތު ދެއްވި ތަގްރީރަކީ ތާރީޚުގައި ފަވާލެވޭ ތަޤްރީރެކެވެ.

އޭނާގެ ބާރުގަދަ ބަސްފުޅުތަކުގައި ވިދާޅުވިއެވެ.

"އަޅުގަނޑު މިތަނަށް އައިސްފައި މިހިރީ އެއް އަތުގައި ޒައިތޫނި ގޮފިގަނޑެއް އަދި އަނެއް އަތުގައި މިނިވަންކަމުގެ ހަނގުރާމަވެރިންގެ ފިސްތޯލައެއް ހިފައިގެންނެވެ. އަޅުގަނޑުގެ އަތުން ޒައިތޫނި ގޮފި ވެއްޓިޔަ ނުދާށެވެ." ފަލަސްތީނުގެ މައްސަލަ ދުނިޔޭގެ ސަމާލުކަމަށް ގެނަސްދެއްވި އަސަރުގަދަ ބާރުގަދަ އިބާރާތެކެވެ.

ޔާސިރު އަރަފާތުގެ މި ތަޤްރީރަކީ، ފަލަސްތީނުގެ މީހުންގެ ޤައުމީ ޝަޚުޞިއްޔަތު ކަށަވަރުކޮށްދިން ތަޤްރީރެކެވެ.

އެ ތަޤްރީރުގެ ކާމިޔާބީއަކީ، އެ މަހުގެ 22 ވަނަ ދުވަހު އދގައި ޕީއެލްއޯއަށް އޮބްޒަރވަރ ސްޓޭޓަސް ކަށަވަރު ވެގެން ދިއުމެވެ.

ނޮވެމްބަރު 15، 1988 – ފަލަސްތީނުގެ ދައުލަތެއް އިއުލާންކުރުން

ޕީއެލްއޯ އިސްވެ އޮވެގެން ޔާސިރު ޢަރަފާތު އަލްޖީރިއާގައި ފަލަސްތީނުގެ މިނިވަން ދައުލަތް އިއުލާން ކުރެއްވީ، ނޮވެމްބަރު 15، 1988 ގައެވެ.

ކެރިގެން އަރަފާތު އެޅުއްވި މި ފިޔަވަޅަކީ، އދގެ ޤަރާރު 181 އާއި ސަލާމަތީ މަޖިލީހުގެ ޤަރާރު 242 އަދި 338، ގަބޫލު ކުރައްވައި ހިފާފައިވާ ފަލަސްޠިނުގެ ބިމުގައި ގާއިމް ކޮށްފައިވާ ޔަހޫދީންގެ ދައުލަތް ވުޖޫދުވާކަމަށް ގަބޫލު ކުރެއްވުމުގެ ނިންމެވުމެކެވެ.

ޔާސިރް އަރަފާތު މިއުޒިއަމަށް ޒިޔާރަތް ކުރެއްވުމަށް މި ފޮޓޯއަށް ފިއްތަވާ ލައްވާ

ނޮވެމްބަރ–ޑިސެމްބަރ 1995 – ފަލަސްތީނުގެ ސިޓީތައް މިނިވަންކުރުން

ނޮވެމްބަރ 1995 އިން ޑިސެމްބަރ 1995 އަށް ޢަރަފާތު ވަނީ ޖެނިންއަށް (ނޮވެމްބަރ 5)، ރަމަاللهއަށް (ޑިސެމްބަރ 12)، އަދި ނާބްލުސްއަށް (ޑިސެމްބަރ 14) ގައި ޒިޔާރަތް ކުރައްވާފައެވެ.

އެތަންތަނަށް ޒިޔާރަތް ކުރައްވައި އަރަފާތު ވަނީ އޮސްލޯ މުއާހަދާގެ ދަށުން އެތަންތަން އިޒްރޭލުގެ އަތްދަށުން "މިނިވަންވެއްޖެ" ކަމަށް އިއުލާން ކުރައްވާފައެވެ.

މި ނިންމުމަކީ، ފަލަސްތީނުގެ ޒާތީ ސިޔާދަތާއި އަމިއްލަ ވަންތަ ވެރިކަމަށް ކުރެވޭ އުއްމީދާއި ކުރިއެރުން ރަމްޒުކޮށްދޭ ދަތުރެއްގެ މޭލުގަލަކަށް ވާސިލު ވުމެކެވެ.

އަރަފާތު އަބަދުވެސް މަސައްކަތް ކުރެއްވީ ފަލަސްޠީނު މީހުން އެއްބައިވަންތަ ކުރެއްވުމުގައެވެ.

ނޮވެމްބަރ 11، 2004 – މަރާއި ދިގުދެމިގެންދާ އަސަރު

އަރަފާތު އަވަހާރަވީ 2004 ވަނަ އަހަރުގެ 11 ނޮވެމްބަރުގައި ފްރާންސްގެ ކްލެމާޓްގެ އަސްކަރީ ހޮސްޕިޓަލްގައި އުމުރުން 75 އަހަރުގައެވެ. ލޭގެ މައްސަލަތަކެއް ދިމާވެ ސްޓްރޯކެއް ޖެހި ވަޑައިގެންނެވެ. އަރަފާތުއަށް ވިހަލީ ކަމަށްވެސް ޝައްކު ކުރެވެއެވެ.، ނަމަވެސް އޮޓޮޕްސީއެއް ނުހެދުމުން ޝައްކުތަކަށް ފިލުވައެއް ނުލެވެއެވެ. ފްރާންސް އަދި ރަޝިޔާގެ ރިޕޯޓްތަކުގައި ގުދުރަތީ ސަބަބުތައް ކަމަށް ބުނެއެވެ. އެހެންނަމަވެސް 2012ގެ ނޮވެމްބަރު 27ގެ ސުއިސް ރިޕޯޓެއްގައި ވިހައިގެ އަސަރު ކޮށްފައިވާނެ ކަމަށް ބުނެފައި ވެއެވެ.

އަރަފާތު ފަސްދާނު ލާފައި ވަނީ ރާމަﷲގައެވެ.

 

ހިއްސާ ކުރައްވާ!