އިނގިރޭސި ރަދުންނަށް ކުރުނީސްކުރުން ގްރެނާޑާއިން ހުއްޓާލަނީ

އިނގިރޭސި ރަދުންނަށް ކުރުނީސްކޮށ،ް އަދަބު ތައުޒީމު އަދާކުރުން ހުއްޓާލުމަށް، ގްރެނާޑާގެ ސަރުކާރާއި އިދިކޮޅު ފަރާތްތައް އެއްބަސްވެއްޖެއެވެ. އެގޮތުން އެ ޤައުމުގެ ޤާނޫނުއަސާސީ އިސްލާހު ކޮށް، އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިންވަނައަށް ކުރަންޖެހޭ ވަފާތެރިކަމުގެ ހުވާ އުވާލުމަށް ވެސް ދެފަރާތުން އެއްބަސްވެއްޖެއެވެ.

މި އިސްލާހާ އެކު، ރަސްމީ ހުވާތަކުގައި ހިމެނޭ "ހިޒް މެޖެސްޓީ ކިންގް ޗާލްސް ދަ ތާޑް، ހިޒް އެއަރޒް އެންޑް ސަކްސެސަރޒް" މި ޢިބާރާތުގެ ބަދަލުގައި ދެން ބޭނުން ކުރާނީ "ގްރެނާޑާ" މި ލަފުޒު އެވެ. މިކަމާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ގްރެނާޑާގެ ބޮޑުވަޒީރު ޑިކޮން މިޗެލް ވިދާޅުވީ، އަމިއްލަ ޤައުމީ ކަންކަމުގައި ބޭރު ޤައުމެއްގެ ވެރިއަކަށް ވަފާތެރިވުމަކީ އެކަށީގެންވާ ކަމެއް ނޫން ކަމަށެވެ.

ގްރެނާޑާ ބޮޑުވަޒީރު އިތުރަށް ވިދާޅުވި ގޮތުގައި، މިނިވަން ޤައުމުތަކަށް އެހެން ޤައުމުތަކާއެކު ޑިޕްލޮމެޓިކް ގުޅުން ބޭއްވޭނީ އެ ޤައުމުތަކުގެ އެންމެ އިސްވެރިންނަށް ވަފާތެރިވުމުގެ ހުވާ ކުރުމަކާ ނުލައެވެ. މި ނިންމުން ނިންމުމަށް މަގުފަހިވި އެއް ސަބަބަކީ، އިނގިރޭސި ރަސްގެފާނު ޖޯޖް 4ވަނަ ގްރެނާޑާގައި އޮތް އަޅުން ގެންގުޅުމުގެ ނިޒާމުން ފައިދާ ނަންގަވާފައިވާކަން ދައްކުވައިދޭ އައު ހޯދުންތަކެއް ފެންމަތިވެގެން ނެވެ.

ގްރެނާޑާގެ މީހުން އަޅުދާސްކޮށްގެން އުޅނނު އުޅުމަށް ބަދަލު ހޯދުމަށް އެކުލަވާލާފައިވާ ރެޕަރޭޝަންސް ކޮމިޝަންގެ އިސްވެރިޔާ އާލީ ގިލް ވިދާޅުވެފައިވަނީ، އިނގިރޭސި ރަދުން ގްރެނާޑާގައި ހިންގި އަނިޔާވެރި ޢަމަލުތަކަށް މަޢާފަށް އެދި، ބަދަލު ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ ޤައުމުގައި އަނިޔާވެރި ޢަމަލުތައް ހިންގި ޢާއިލާއެއް، އެ ޤައުމުގެ އެންމެ އިސް ވެރިންގެ މަޤާމުގައި ބެހެއްޓުމަކީ އަޚުލާގީ ގޮތުން އެކަށީގެންވާ ކަމެއް ނޫން ކަމަށެވެ. މި ބަދަލާއެކު ގްރެނާޑާއިން އިތުރު ފިޔަވަޅުތަކެއް އަޅައި، ޖުމްހޫރީ ވެރިކަމަކަށް ބަދަލުވުމަށް މަގުފަހިވެގެންދާނެ އެވެ.

ހިއްސާ ކުރައްވާ!