ޖަލަށް ނުކަތާ ވަރަށް ފަލަސްޓީނުގެ ސަޕޯޓަރުން ހައްޔަރުކޮށްފި

ލަންޑަނުގެ ޕާލިމެންޓް މައިދާނުގައި ބޭއްވި ފަލަސްޓީނު އެކްޝަން ގްރޫޕްގެ މުޒާހަރާއަކުން 365 މީހުން ހައްޔަރުކޮށްފިއެވެ. މިއީ އެ ގްރޫޕް ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ސަރުކާރުން އިއުލާނުކުރި ފަހުން އެންމެ ގިނަ އަދަދެއްގެ މީހުން ހައްޔަރުކުރި މުޒާހަރާއެވެ.

"އަހަރަމެންގެ ޔަހޫދީން ޙިމާޔަތް ކުރޭ" މިޝިއާރުގެ ދަށުން ފަލަސްޠީނަށް ސަޕޯޓު ކުރާ ޔަހޫދީންނާ އެމީހުންނާ ގުޅޭ ބަޔަކު އިންތިޒާމްކުރި މުޒާހަރާގައި 500 އާއި 600 އާ ދެމެދުގެ އަދަދެއްގެ މީހުން ބައިވެރިވިއެވެ. މުޒާހަރާގެ ބައިވެރިން ހިފައިގެން ތިބި ބެނާތަކުގައި "އަހަރެން ޖެނޮސައިޑްއާ ދެކޮޅު، އަހަރެން ފަލަސްޓީން އެކްޝަނަށް ތާއީދުކުރަން" ފަދަ އިބާރާތްތައް ލިޔެފައި ހުއްޓެވެ.

ލަންޑަންގެ ފުލުހުން ބުނާ ގޮތުގައި މުޒާހަރާގައި ގިނަ އަދަދެއްގެ މީހުން ހައްޔަރުކުރަން ޖެހިދާނެކަމަށް ލަފާކުރެވުނު ކަމަށްޓަކައި އެހެން ސަރަހައްދުތަކުގެ ފުލުހުންގެ ވެސް އެހީތެރިކަން ވަނީ ހޯދާފައެވެ. މުޒާހަރާގެ މާހައުލު އޮތީ ހަމަޖެހުމާއެކު ކަމަށް ވީނަމަވެސް، ނޫސްވެރިންނާ ވާހަކަދައްކަމުން ދިޔައިރުވެސް އުމުރުން ދުވަސްވީ ބައެއް މީހުން ފުލުހުން ދިޔައީ ހައްޔަރު ކުރަމުންނެވެ.

"މެސިވް އެޓެކް"ގެ ރޮބަޓް ޑެލް ނަޖާ ވެސް މި މުޒާހަރާގައި ބައިވެރިވެ، މަދަނީ މިނިވަންކަން ނިގުޅައިގަތުމާމެދު ކަންބޮޑުވުން ފާޅުކުރިއެވެ. އަދި "ޔަހޫދީން އަގެއިންސްޓް ޖެނޮސައިޑް" ފަދަ ފޮތިގަނޑު ބަނދެގެން ތިބި ބައިވެރިން، ޣައްޒާގެ ހަނގުރާމައާ ދެކޮޅަށް އެކި ފަރާތްތަކުން ކުރާ އިހުތިޖާޖުތައް ފާހަގަކޮށްފައިވެއެވެ.

ފަލަސްޓީން އެކްޝަން ގްރޫޕް މަނާކުރުމާ ގުޅިގެން، އެ ގްރޫޕަށް ތާއީދުކުރުމުގެ ކުށުގައި މިހާތަނަށް ތިން މީހަކަށް ޓެރަރިޒަމް ގާނޫނުގެ ދަށުން ދައުވާ އުފުލާފައިވެއެވެ. މި ގްރޫޕަށް ތާއީދުކުރުމުގެ އަދަބަކީ 14 އަހަރުގެ ޖަލު ޙުކުމެކެވެ. ނަމަވެސް ދާޚިލީ ވުޒާރާއިން ބުނާ ގޮތުގައި މި މަނާކުރުން އަމާޒުވަނީ އެ ޖަމާއަތަށް އެކަންޏެވެ. އާންމުކޮށް ފަލަސްޓީނަށް ތާއީދުކޮށް ކުރާ މުޒާހަރާތަކަށް ނޫނެވެ.

ހިއްސާ ކުރައްވާ!