ޣައްޒާގެ ހަނގުރާމަ ހުއްޓާލުމަށާއި ހަނގުރާމައިގެ އަސީރުން ބަދަލުކުރުމުގެ އެއްބަސްވުމަކަށް ވާސިލުވުމަށް ގޮވާލައި ތެލްއަވީވްގައި ބޭއްވި މުޒާހަރާތަކުގައި ފުލުހުންނާއި މުޒާހަރާކުރި ފަރާތްތަކާ ދެމެދު ކުރިމަތިލުންތަކެއް ހިނގައިފިއެވެ. މުޒާހަރާކުރި ފަރާތްތަކުން ވަނީ ތެލްއަވީވްގެ މައި މަގު، އަޔަލޮން މަގު ބަންދުކޮށް، ނަތަންޔާހޫއާއި ސަރުކާރާ ދެކޮޅަށް އިހުތިޖާޖު ކުރުމުގެ ގޮތުން ޓަޔަރުތަކެއް އަންދާލާފައެވެ.
ޔަހޫދީންގެ 13 ވަނަ ޗެނަލްގެ މަޝްހޫރު ޕްރޮގްރާމެއް ފޮނުވަމުންދަނިކޮށް، ރުޅިއައިސްފައި ތިބި މުޒާހަރާކުރި ބަޔަކު ވަނީ ސްޓޫޑިއޯ ތެރެއަށް ވަދެ، ހަނގުރާމަ ހުއްޓާލައި އަސީރުން ބަދަލުކުރުމަށް ގޮވާލާފައެވެ. އަދި ނަތަންޔާހޫއާއ ިނަތަންޔާހޫގެ އަންހެނުންނަށް ނިސްބަތް ކޮށް އެއްޗެތި ކިޔާފައެވެ. މީގެ އިތުރުން، ތެލްއަވީވްގެ މައި މަގުތައް ބަންދުކުރުން ހުއްޓުވުމަށް ފުލުހުންގެ އަސްވާރުން ވަނީ މުޒާހަރާކުރި ފަރާތްތަކުގެ ފަހަތުން ދުއްވާފައެވެ.
އަސީރުންގެ މައިންގެ ތެރެއިން ބަޔަކު ވަނީ ނަތަންޔާހޫއަށް އިންޒާރުދީ، ޣައްޒާގެ ބާކީ އޮތް ސަރަޙައްދު ހިފަން އުޅުމުގެ ޕްލޭން ކުރިއަށް ގެންގޮސްފިނަމަ، އެކަމުގެ ސަބަބުން ހަމާސްގެ މެހުމާނުންގެ ގޮތުގައި ތިބި އެމީހުންގެ ދަރިން މަރުވެދާނެތީ، ޤާނޫނީ ފިޔަވަޅު އަޅާނެކަމަށް ބުނެފައެވެ.
"ޣައްޒާ ހިފައި އަސީރުން މަރާލައިފިނަމަ، އަހަރުމެން ކަލޭގެ ފަހަތުން ދުވާނަން. އަސީރުން ބަދަލުކުރމުގެ އެއްބަސްވުމަކަށް ވާސިލުވުމުގެ ބަދަލުގައި އެމީހުން މަރާލަން ކަލޭ ނިންމިކަން އިސްރާއީލުގެ ރައްޔިތުންނަށް ކޮންމެ ދުވަހަކު ހަނދާން ކޮށްދޭނަން،" އަސީރު މަތާން ޒެންގަވްކަރުގެ މަންމަ ބުންޏެވެ.
ނަތަންއާ ދެކޮޅު ހަރަކާތްތައް އިތުރުވަމުން މިދަނީ ޔަހޫދީ ސަރުކާރުން ޣައްޒާ މުޅިން ހިފަން ނަތަންޔާހޫ ހުށަހެޅި ޕްލޭނެއް ފާސްކުރުމަށްފަހުގައެވެ. މި ޕްލޭންގައި ޣައްޒާ ސިޓީގެ ނަސްލު ސާފުކޮށްލުމަށް ފަހު، އެ ސިޓީ ހިސާރަކޮށް މީހުން ދިރިއުޅޭ ސަރަޙައްދުތަކަށް ވަނުމާއި، ދެވަނަ ފިޔަވަހީގައި ޣައްޒާގެ މެދުތެރޭގައި ހުރި ރެފިއުޖީ ކޭމްޕްތައް ހުސްކޮށްލުން ހިމެނެއެވެ.






