އިންޑޮނޭޝިއާގެ 80 ވަނަ މިނިވަން ދުވަސް ފާހަގަކުރުމާ ދިމާކޮށް، ގައުމީ ދިދައިގެ ބަދަލުގައި ކަނޑުފޭރޭ މީހުން ގެންގުޅޭ ވައްތަރުގެ ދިދަ ނަގައިގެން ރައްޔިތުން ދަނީ އިހުތިޖާޖު ކުރަމުންނެވެ. މި އިހުތިޖާޖުތަކަކީ ސަރުކާރުގެ ބަޖެޓް އުނިކުރުމާއި، ކޮރަޕްޝަނާއި ވަޒީފާ ނުލިބުމާއި އަތްމަތި ދަތިވުމުގެ ސަބަބުންނާއި އަސްކަރީ ނުފޫޒު އިތުރުވަމުން ދިއުމާ ދެކޮޅަށް ކުރެވޭ އިހުތިޖާޖުތަކެކެވެ.
ރައީސް ޕްރަބޯވޯ ސުބިއާންތޯ ރައްޔިތުންނަށް ގޮވާލައްވާފައިވަނީ ރަތާއި ހުދު ކުލައިގެ ގައުމީ ދިދަ މިނިވަން ދުވަހު ނެގުމަށެވެ. ނަމަވެސް ގިނަ އިންޑޮނޭޝިއާ ރައްޔިތުން މިހާރު ދަނީ ކަނޑުފޭރޭ މީހުންގެ ދިދަ ނަގަމުންނެވެ. އަދި މަދި މަަގުތަކުގައި ކުރަހަމުންވެސް ދެއެވެ.
މި އިހުތިޖާޖީ ހަރަކާތް ފެށިގެން އައީ "ޑާކް އިންޑޮނޭޝިއާ" ގެ ނަމުގައި ސޯޝަލް މީޑިއާގައި ކިޔަވާ ކުދިން ފެށި އިހުތިޖާޖުތަކާ ގުޅިގެންނެވެ. މިހާރު މި ދިދަ ފެންނަމުންދަނީ ގްރެފިޓީގެ ގޮތުގައާއި، ކާރުތަކުގައި އަދި ގޭގޭގެ ބެލްކަނީތަކުގައެވެ. އިހުތިޖާޖު ކުރާ ފަރާތްތަކުން މި ދިދަ ބޭނުންކުރަނީ ކޮރަޕްޝަނާއި، ވަޒީފާގެ ފުރުސަތު ނެތުމާއި، ސަރުކާރުން ރައްޔިތުންގެ އަޑުއެހުމަށް ސަމާލުކަން ނުދޭކަން އެންގުމުގެ ގޮތުންނެވެ.
ސަރުކާރުގެ އިސް ފަރާތްތަކުން މި ހަރަކާތް ކުށްވެރިކޮށް، މިއީ ގައުމަށް ޣައްދާރުވުމުގެ ޢަމަލެއް ކަމުގައި ސިފަކޮށްފައި ވެއެވެ. އީސްޓް ޖާވާގެ މަސްއޫލުވެރިން ވަނީ މި ދިދަތައް އަތުލައިގަނެފައެވެ. މި ދިދަތައް ފޭރިގަތުމަށް އެމްނެސްޓީ އިންޓަނޭޝަނަލްއިން ވަނީ ފާޑުކިޔާފައެވެ. އިންޑޮނޭޝިއާގެ ރައީސް އޮފީހުން ދިދަ އަތުލައިގަތުމުގައި ބައިވެރިވި ކަމަށް ބުނާ ވާހަކަތަކަށް ދެކޮޅު ހަދާފައިވެއެވެ. އަދި ސެކިއުރިޓީ މިނިސްޓަރު ވަނީ ޕައިރެޓުންގެ ދިދަ ނަގާ މީހުންނާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅޭނެ ކަމަށް އިންޒާރުދީފައެވެ.
ސޯޝިއޮލޮޖިސްޓުންގެ ދެކޭ ގޮތުގައި މި ދިދައަކީ އިހުތިޖާޖުގެ ނިޝާނެކެވެ. ބަޣާވާތުގެ ނިޝާނެއް ނޫނެވެ. ދަރިވަރުންނާއި ރައްޔިތުން ދެކޭ ގޮތުގައި މިއީ ސަރުކާރުން ރައްޔިތުންގެ އަޑު އަހަން ޖެހޭކަން ދައްކުވައިދޭ ނިޝާނެކެވެ. އަދިީ ގައުމީ އެއްބައިވަންތަކަމަށް ނުރައްކަލެއް ނޫނެވެ.







