ގައްޒާ ސިޓީ ކޮންޓްރޯލް ކުރުމަށް އިސްރާއީލުގެ ސަރުކާރުން ނިންމި ނިންމުމަކީ "ހަނގުރާމައިގެ އަނެއް ނުރައްކާތެރި ބާބު" ކަމަށް ބުނެ އދ. ގެ އިސް ވެރިންނާއި ސަލާމަތީ މަޖިލީހުގެ މެންބަރު ޤައުމުތަކުގެ މަންދޫބުން އިންޒާރު ދީފިއެވެ.
އދ. ގެ ސިޔާސީ އަދި ސުލްހަ ބިނާކުރުމުގެ ކަންކަމާ ބެހޭ ޔޫރަޕުގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް މިރޮސްލަވް ޖެންކާ ވިދާޅުވީ، އިސްރާއީލު ސަރުކާރުގެ މި އެންމެ ފަހުގެ ނިންމުމަކީ މި ހަނގުރާމައިގެ އިތުރު ނުރައްކާތެރި ބާބެއް ފެށިގެން ދިއުމުގެ ބިރުވެރިކަން އޮތް ކަމެއް ކަމަށެވެ. އަދި މީގެ ނޭދެވޭ އަސަރު އިސްރާއީލާއި ފަލަސްތީނުގެ ސަރަހައްދުން ބޭރަށްވެސް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އިސްރާއީލުގެ މީޑިއާ ރިޕޯޓުތަކުގައިވާ ގޮތުން، ހޮލޮކޯސްތްގެ އައު ބާބުގައި ޣައްޒާގެ އެންމެހާ މަދަނީ ރައްޔިތުން ސާފުކުރުމަށް ޔަހޫދީ ސަރުކާރުން ރާވާފައިވާ ކަމަށް ޖެންކާ ފާހަގަކުރެއްވިއެވެ. މިކަމުގެ ސަބަބުން ގާތްގަނޑަކަށް 800،000 މީހުންނަށް އަސަރުކުރާނެ ކަމަށާއި، މީގެ ތެރެއިން ގިނަ ބަޔަކީ ކުރިންވެސް ހިޖުރަކޮށްފައިވާ މީހުން ކަމަށް އޭނާ ވިދާޅުވިއެވެ.
ކުވެއިތުގެ ދާއިމީ މަންދޫބު، ގަލްފް ކޯޕަރޭޝަން ކައުންސިލްގެ ފަރާތުން ވާހަކަދައްކަވަމުން ވިދާޅުވީ، ޣައްޒާ އުތުރު ސަރަހައްދު މުޅިން ހިފުމަށް އިސްރާއީލުން ނިންމި ނިންމުމަކީ މުޅި ސަރަހައްދު އިތުރު ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިދާނެ ކަމެއް ކަމަށެވެ.
ފަލަސްޠީނުގެ މަންދޫބު ވިދާޅުވީ މަގު ފޭރޭ މީހުން އުޅޭ ވައްތަރަށް އިސްރާއީލުން އުޅެން ދިމާކޮށްފައިވާ ކަމަށެވެ. އދި އދގެ ގަރާރުތަކަށް ބޯލަނބާ ނުލާ ގައުމަކަށް އދގެ މެމްބަރަކަށް ކުރެވޭނީ ކިހިނެއްތޯ އޭނާ ސުއާލު ކުރައްވައެވެ.
ފްރާންސް އަދި ބްރިޓެންގެ މަންދޫބުންވެސް އިސްރާއީލުގެ މި ނިންމުމާމެދު ކަންބޮޑުވުން ފާޅުކޮށް، މި ނިންމުން އަނބުރާ ގެންދިއުމަށް ގޮވާލާފައިވެއެވެ. އަދި މިފަދަ ހަރުކަށި ފިޔަވަޅުތަކަކީ އިސްރާއީލުގެ ސަލާމަތަށް އެއްވެސް ފައިދާއެއް ކުރާނެ ކަމެއް ނޫން ކަމަށް އެ ޤައުމުތަކުގެ މަންދޫބުން ފާހަގަކުރައްވާފައިވެއެވެ.






