ޣައްޒާގައި އިސްރާއީލުން ހިންގާ އަސްކަރީ އޮޕަރޭޝަން އިތުރަށް ފުޅާކުރަން ނިންމި ނިންމުމާމެދު ފްރާންސްގެ ރައީސް އިމާނުއެލް މެކްރޯން ފާޑުވިދާޅުވެ، އެ ސަރަހައްދުގެ ހަމަޖެހުން ގާއިމުކުރުމަށް އދ. ގެ ބެލުމުގެ ދަށުން ބައިނަލްއަގުވާމީ ލަޝްކަރެއް އުފެއްދުމަށް ހުށަހަޅުއްވައިފިއެވެ.
މި މަހުގެ ކުރީކޮޅު އިސްރާއީލުގެ ސިޔާސީ އަދި ސަލާމަތީ "ކެބިނެޓް"ން ވަނީ ޣައްޒާ އެއްކޮށް ހިފައި ނަސްލު ސާފު ކުރުމަށް ނިންމާފައެވެ. މިއީ އިސްރާއީލުގެ ޗީފް އޮފް ސްޓާފް އެޔާލް ޒަމީރު އެކަމަށް އިއުތިރާޒުކުރާ އޭގެ ނުރައްކާތެރިކަމާމެދު އިންޒާރު ދީފައިވާ އޮޕަރޭޝަނެކެވެ.
މިއަދު ހޯމަ ދުވަހު ވާހަކަފުޅު ދައްކަވަމުން ފްރާންސްގެ ރައީސް މެކްރޯން ވިދާޅުވީ އިސްރާއީލުގެ އަސްކަރީ އޮޕަރޭޝަން އިތުރަށް ފުޅާކުރުމަކީ "މިހާތަނަށް ދުނިޔެ ދެކެފައިނުވާ ފަދަ ހާދިސާއަކަށް މަގުފަހިވެދާނެ" ކަމެއް ކަމަށެވެ. އަދި މިއީ "ނުނިމޭނެ ހަނގުރާމައަކާ ދިމާއަށް އެޅޭ ފިޔަވަޅެއް" ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން މެކްރޯން ވިދާޅުވީ މި އިސްތިރާޖީގެ މައިގަނޑު ޝިކާރައަކަށް ވެގެންދާނީ އިސްރާއީލުގެ ހަނގުރާމައިގެ އަސިރުންނާއި ޣައްޒާގެ އާންމު ރައްޔިތުން ކަމަށެވެ.
ފްރާންސްގެ ރައީސްގެ މި ފާޑުކިޔުން އަމާޒުވެފައިވަނީ އިސްރާއީލުގެ ހަނގުރާމައިގެ އަީިރުންނާއި ޣައްޒާގެ އާންމު ރައްޔިތުންގެ ރައްކާތެރިކަމަށް ކަމަށް ސިޔާސީ މާހިރުން ފާހަގަކުރެއެވެ.






