ނިއުޒިލެންޑުން ފަލަސްޠީނުގެ ދައުލަތް ބަލައި ގަންނާނެ

ނިއުޒިލެންޑްގެ ފޮރިން މިނިސްޓަރ ވިންސްޓަން ޕީޓަރސް ވިދާޅުވެފައިވަނީ ފަލަސްޠީން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމާ މެދު ނިއުޒިލެންޑުން ދިރާސާކުރަމުންދާ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ބޮޑުވަޒީރު ކްރިސްޓޯފަރ ލަކްސަންގެ ސަރުކާރުން މިކަމާ ގުޅޭ ރަސްމީ ނިންމުމެއް ނިންމާނީ ސެޕްޓެމްބަރު މަހުގައެވެ. އަދި އެ ގައުމުގެ އަމަލީ ސިޔާސަތު ހާމަކުރާނީ އދ. ގެ އާންމު މަޖިލީހުގައެވެ.

ފާއިތުވި ހަފްތާތަކުގެ ތެރޭގައި އޮސްޓްރޭލިއާ، ބްރިޓެން އަދި ކެނެޑާ ފަދަ ގައުމުތަކުން ވަނީ ސެޕްޓެމްބަރު މަހު ބޭއްވޭ އދ. ގެ ޖެނެރަލް އެސެމްބްލީގައި ފަލަސްޠީން ދައުލަތެއްގެ ގޮތުގައި ބަލައިގަންނާނެ ކަމަށް އިއުލާނުކޮށްފައެވެ.

ޕީޓަރސް ވިދާޅުވި ގޮތުގައި ނިއުޒިލެންޑްގެ ގާތް ބައެއް ބައިވެރިން ފަލަސްޠީން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ނިންމާފައިވީ ނަމަވެސް، ނިއުޒިލެންޑްގެ މިނިވަން ފޮރިން ޕޮލިސީއެއް އޮންނާނެއެވެ. "އަޅުގަނޑުމެން ގަސްދުކުރަނީ މިކަން ރަނގަޅަށް ދިރާސާކުރުމަށްފަހު، ނިއުޒިލެންޑްގެ އުސޫލުތަކާއި، އަގުތަކާއި އަދި ގައުމީ މަސްލަހަތާ އެއްގޮތްވާ ގޮތުގެ މަތިން އަމަލުކުރުމަށް،" ޕީޓަރސް ބަޔާނެއްގައި ވިދާޅުވިއެވެ.

ފަލަސްޠީނީ ސަރަހައްދުތައް ދެމެހެއްޓެނިވި އަދި ގާނޫނީ ދައުލަތަކަށް ވުމަށް އެކަށީގެންވާ ކުރިއެރުމެއް ލިބިފައިވޭތޯ ބެލުމަށްފަހު މެނުވީ ނިއުޒިލެންޑުން އެ ދައުލަތް ބަލައިނުގަންނާނެ ކަމަށް ސަރުކާރުން ބުނެއެވެ. "ނިއުޒިލެންޑުން ކުރީއްސުރެ ސާފުކޮށް ބުނެފައިވާނެ ފަދައިން، ފަލަސްޠީން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަކީ ސުވާލެއް އުފެދޭ ކަމެއް ނޫނެވެ. މިއީ ހަމައެކަނި ވަގުތުގެ މައްސަލައެކެވެ،" ޕީޓަރސް ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!