އިންޑޮނޭޝިއާގެ ރައީސް ޕްރަބޯ ސުބިއާންތޯ ވަނީ ޗައިނާއަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރުފުޅު މިއަދު ކެންސަލް ކުރައްވައިފައެވެ. މިހާރު އިންޑޮނޭޝިއާގައި ހިނގަމުންދާ އިހުތިޖާޖުތައް އިތުރަށް ފުޅާވެ، އިތުރު ސަރަހައްދުތަކަށް ފެތުރި، އެކި ޕްރޮވިންސްގައި ޕާލަމެންޓް އިމާރާތްތަކުގައި ހުޅުޖެހުން ވަނީ އާންމު ވެފައެވެ.
ދެވަނަ ބޮޑު ހަނގުރާމަ ނިމުނުތާ 80 އަހަރު ފުރުމުގެ މުނާސަބަތާގައި ޗައިނާގައި ބޭއްވުމަށް ހަމަޖެހިފައިވާ އަސްކަރީ ޕެރޭޑުގައި ރައީސް ޕްރަބޯ ބައިވެރިވުމަށް ހަމަޖެހިފައެވެ. ރިޔާސީ ގަނޑުވަރުން ތަރުޖަމާނު ޕްރަސެޓިއޯ ހާދީ ވިދާޅުވި ގޮތުގައި ރައީސް ބޭނުންފުޅުވަނީ އިންޑޮނޭޝިއާގެ ހާލަތު ބައްލަވަމުން ގެންދެވުމަށާއި ހަމަނުޖެހުމަށް ހައްލެއް ހޯއްދެވުމަށެވެ.
އިހުތިޖާޖުތައް ފެށިފައިވަނީ އިގްތިސާދީ ދަތި ދުވަސްވަރެއްގައި މަޖިލިސް މެންބަރުން މުސާރަ ބޮޑު ކުރުމާ ގުޅިގެންނެވެ. އަދި ހުކުރު ދުވަހު ފުލުހުންގެ ކާރަކުންޖެހި ސައުކަލެއްގައ އިން މީހަކު މަރުވުމާ ގުޅިގެން އިހުތިޖާޖުތައް ވަނީ އިތުރަށް ހޫނު ވެފައެވެ.
މިހާތަނަށް މުޒާހަރާތަކުގައި މަދުވެގެން ތިން މީހަކު ވަނީ މަރުވެފައެވެ. މި އިހުތިޖާޖުތަކާ ގުޅިގެން އިންޑޮނޭޝިއާގައި ޓިކްޓޮކްގެ ލައިވް ސްޓްރީމިންގ ވަގުތީ ގޮތުން ވަނީ ހުއްޓާލާފައެވެ. އަދި ސަރުކާރުން ވަނީ އެފްބީގެ މެޓާ ޕްލެޓްފޯމްސް އާއި ޓިކްޓޮކް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ އިސްވެރިންނަށް ދޮގު މައުލޫމާތު ފެތުރިޔަ ނުދިނުމަށް މަސައްކަތް ކުރުމަށް އަންގާފައެވެ.







