އަފްޣާނިސްތާނުގައި ޗައިނާގެ އިންވެސްޓްމަންޓެއް ނާކާމިޔާބުވެއްޖެ

އަފްޣާނިސްތާނުގެ ތެޔޮ ދަނޑުތައް ތަރައްޤީ ކުރުމަށް ޗައިނާގެ ކުންފުންޏަކާއެކު ވެފައިވާ އެއްބަސްވުން ޠާލިބާން ސަރުކާރުން ކުއްލިއަކަށް އުވާލައިފިއެވެ. ޗައިނައަކީ، އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފައިބައިގެން ދިއުމަށްފަހު އެ ޤައުމު އަލުން ބިނާކުރުމަށް އެހީވެ ދިނުމުގައި އެންމެ ކުރީ ސަފުގައި އުޅުނު ގައުމެކެވެ. ތާލިބާން ސަރުކާރުން މި އެއްބަސްވުން އުވާލާފައި ވަނީ ދެފަރާތުން އެއްބަޔަކު އަނެއް ބަޔަކަށް ތުހުމަތުތައް ކޮށް، ގުޅުން ގޯސްފައި ވަނިކޮށެވެ.

ޗައިނާގެ ކުންފުނިން ބުނާ ގޮތުގައި ޠާލިބާން ސަރުކާރުން ވަނީ އެ ކުންފުނީގެ މުވައްޒަފުންތަކެެއް ރަހީނުކޮށްފައެވެ. އަދި މިކަމުން މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމާއި ޠާލިބާން ސަރުކާރުގެ ހިންގުންތެރިކަމާމެދު ސުވާލު އުފެދިފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ. ނަމަވެސް އަފްޣާން އޮފިޝަލުން ބުނާ ގޮތުގައި އެއްބަސްވުމާ ޚިލާފުވެފައިވަނީ ޗައިނާގެ ކުންފުނިންނެވެ. އެހެންނަމަވެސް މި މައްސަލައިގެ ތަފްސީލު މީޑިއާއަށް އަދިވެސް މުޅިން ސާފެއް ނޫނެވެ.

މިއީ ޗައިނާއިން އަފްޣާނިސްތާންގައި އިންވެސްޓް ކޮށް އެގައުމު ތަރައްގީ ކުރުމަށް ފަށާފައިޥާ މަސައްކަތަށް ދިމާވާނެ ބޮޑު ގޮން ޖެހުމެއް ކަމަށް ބެލެވެއެވެ. އަދި ޠާލިބާން ވެރިކަމުގައި ބޭރުގެ އިންވެސްޓްމަންޓްތަކަށް ހުރި ގޮންޖެހުންތައް ވެސް މިކަމުން ހާމަވެގެން ދާ ކަމަށް ބެލެވެއެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި މި ހާދިސާގެ ސަބަބުން ކުރިއަށް އޮތްތަނުގައި ބައިނަލްއަޤްވާމީ އިންވެސްޓަރުން އަފްޣާނިސްތާނަށް އިންވެސްޓް ކުރުމަށް ފަސްޖެހޭނެއެވެ. އަދި އެ ޤައުމުގެ އިޤްތިޞާދީ އެކަހެރިކަން އިތުރުވެގެން ހިނގައިދާނެއެވެ.

އަފްޣާނިސްތާނުގެ އިޤްތިޞާދީ ކުރިއެރުމަށް ބޭރުގެ އިންވެސްޓްމަންޓްތަކުގެ މުހިންމުކަން ފާހަގަކުރެވޭ މި ދަނޑިވަޅުގައި މި އެއްބަސްވުން ނިމުމަކަށް އައުމަކީ އެ ޤައުމަށް ލިބުނު ނޭދެވޭ އަސަރެކެވެ. އަދި މިކަމުގެ ސަބަބުން ޗައިނާ އާއި އަފްޣާނިސްތާނުގެ ދެމެދުގައި އޮތް ގުޅުމަށްވެސް އަސަރުކުރާނެ ކަމަށް ބެލެވެއެވެ. ބެލެވޭ ގޮތުގައި ކުރިއަށް އޮތް ހަފްތާގައި މަޝްވަރާއަށް އަފްޣާނިސްތާންގެ ޚާރިޖީ ވަޒީރާއި އިސް ވަފްދެއް އިންޑިއާއަށް ޒިޔާރަތް ކުރައްވާނެއެވެ. މ،ި މަޝްވަރާތަކުގައި އިންޑިއާއިން ތާލިބާންގެ ސަރުކާރު ބަލައި ގަތުމާއި އިންޑިއާގެ އިންވެސްޓްމެންޓްތައް އަފްޣާނިސްތާންގައި ކުރިއަށް ގެންދިއުމަށް މަޝްވަރާ ކުރުން ހިމެނޭނެއެވެ.

ހިއްސާ ކުރައްވާ!