ސިނިއްމާރަށް ދެވުނު އިނާމު!

ލިޔުނީ: ޙަސަން ލަޠީފް މޫސާ
————
ސިނިއްމާރަކީ އިހު ޒަމާނުގައި އުޅުނު، ޢިމާރާތް ކުރުމުގެ ފަންނުގައި ދެވަނައެއްނެތް ރޫމީންގެ ފަންނުވެރިއެކެވެ. އެ ދުވަސްވަރު ޢިރާޤުގެ ޙީރާ ގައި ހުންނެވި ރަސްގެފާނުގެ ނަންފުޅަކީ ނުޢްމާނު އެވެ. ކޮންމެއަކަސް ނުޢްމާނު ރަސްގެފާނު، އެ ރަސްގެފާނު ހުންނެވުމަށް ވަރަށް ފުރިހަމަ ގަނޑުވަރެއް އަޅުއްވަން ބޭނުންފުޅުވެ ވަޑައިގަތެވެ. އަދި މި މަސައްކަތް ސިނިއްމާރާ ޙަވާލު ކުރެއްވިއެވެ.
ނުޢްމާނު ރަސްގެފާނަށް، ސިނިއްމާރު އަޅައިދިން ގަނޑުވަރަކީ، އެފަދަ ދެވަނައެއް ނެތް، ލާމަސީލު ގަނޑުވަރެކެވެ. އެހެންކަމުން، ސިނިއްމާރު ހީކޮށްގެން ހުރީ، އެ ބުރަ މަސައްކަތަށް، ރަސްގެފާނުގެ ފަރާތްޕުޅުން ވަރަށް ދީލަތި ބަދަލެއް ލިބޭނެ ކަމަށެވެ. އެހެނީ، ރަސްގެފާނު ހުންނެވީ، ގަނޑުވަރުގެ ފުރިހަމަ ކަމުން ޙައިރާންވެ، އަންތަރީސްވެ ވަޑައިގެންފައެވެ. އަދި ރަސްގެފާނު، ސިނިއްމާރުގެ މި ބުރަ މަސައްކަތަށްޓަކާ އޭނާއަށް ޝުކުރު އަދާކުރެއްވިއެވެ.
ގަނޑުވަރު އަޅައި ނިމުމާއެކު، ގަނޑުވަރުގެ ހުރިހާ ބައިތަކެއް ބައްލަވައިލެއްވުމަށް ރަސްގެފާނާ އެކު ބުރެއް ޖަހާލުމަށް، ސިނިއްމާރުގެ ކައިރިން، ރަސްގެފާނު އެދިވަޑައިގަތެވެ. ރަސްގެފާނުގެ މި އެދިވަޑައިގަތުމުގެ މަތިން، ރަސްގެފާނަށް، ގަނޑުވަރުގެ ހުރިހާ ކޮޓަރިތަކާއި ހޯލްތައް ތަޢާރަފު ކޮށްއަރުވައި ނިމުމުން، ދެން އަރައިވަޑައިގަތީ ގަނޑުވަރުގެ އެންމެ މައްޗަށެވެ. އެއީ ގަނޑުވަރުގެ ޓެރަސް އެވެ. އެތަނަށް އަރައިވަޑައިގަތުމަށްފަހު، ރަސްގެފާނު ސިނިއްމާރާއި ސުއާލު ކުރެއްވިއެވެ. [މިފަދަ ގަނޑުވަރެއް ބިނާ ކުރެވޭނެ ދެވަނަ މީހަކު ހުންނާނެހެއްޔެވެ؟] ޖަވާބުގައި ސިނިއްމާރު ދެންނެވިއެވެ. [ނުހުންނާނެއެވެ.] އެހިނދު ރަސްގެފާނުގެ ހިތްޕުޅަށް އަރާވަޑައިގަތެވެ. މި ފަންނުވެރިޔާ ދުނިޔޭގައި ހުރެއްޖެނަމަ، މިއަށްވުރެ ރީތި ގަނޑުވަރުތައް ބިނާ ކުރާނެއެވެ. މިހެން ހިތްޕުޅަށް އަރާ ވަޑައިގަތުމާއެކު، ގަނޑުވަރުގެ އެންމެ މަތިން ސިނިއްމާރު ވައްޓާލުމަށް، ސިފައިންނަށް އަމުރުކުރެއްވިއެވެ. ސިފައިން ރަސްގެފާނުގެ މި އަމުރުފުޅު ވަގުތުން ތަންފީޒުކޮށް ސިނިންމާރު މަރާލައިފިއެވެ.
އެހެންކަމުން، ހެޔޮކަމުގެ ބަދަލުގައި ދެވޭ ނުބައިކަމަށް، ޖެހޭ މިސާލު ބަހަކަށް ޢަރަބި ބަހުގައި "جَزَاءُ سِنِمَّار" (ސިނިއްމާރުގެ ޖަޒާ) ވެގެން ހިނގައްޖެއެވެ.
ނުޢްމާނު ރަސްގެފާނު މި ބޮޑު ފާފައަށް އަރައިވަޑައިގަތީ ކީއްވެތޯ، އަޅުގަނޑުގެ އަމިއްލަ ނަފްސާ ސުއާލު ކޮށްލުމުން ވިސްނެނީ، ޝައިޠާނާ، ރަސްގެފާނު ހެއްލުންތެރި ކުރުވާފައިވާ މިންވަރެވެ. ދުނިޔޭގެ ޒީނަތްތެރިކަމާއި އަރާމާއި ޖާހާއި ޢިއްޒަތަށް ރަސްގެފާނު ފެންބޮވައިގެންފައިވާ މިންވަރުގެ ބޮޑުކަމެވެ. ސުވަރުގޭގެ ދާއިމަށް ދެމިހުންނަނިވި ނިޢްމަތްތަކުގެ ބަދަލުގައި، ދާދި އަވަހަށް ފަނާވެ ދަނިވި ތަކެއްޗަށް ހެއްލުންތެރިވެ ދަހިވެތި ވެވަޑައިގެންފައިވާ މިންވަރުގެ ބޮޑުކަމެވެ.
ވީމާ، މިފަދަ ވާހަކަތަކާއި ހަރުބަސްތަކަކީ، ހަމަ އެކަނި މުނިފޫހި ފިލުވާލައްވަން ކިޔުއްވާ ތަކެތި ކަމުގައި ނުހައްދަވައި، މިފަދަ ކޮންމެ ވާހަކައަކުންވެސް ޢިބްރަތް ޙާޞިލުކުރައްވައި، ދުނިޔޭގެ ދަޅަތަކަށް ހެއްލިވަޑައިނުގެން، އާޚިރަތް ބާއްޖަވެރި ކުރެއްވުމަށް ގަދައަޅައި މަސައްކަތް ކުރެއްވުމަށް ހަނދުމަފުޅުކޮށްއަރުވަމެވެ. ދުޢާއަކީ ﷲ ތަޢާލާ އަޅުގަނޑަށާއި ތިޔަ ބޭފުޅުންނަށް، އެކަމުގެ ތައުފީޤު ދެއްވުމެވެ.
ހިއްސާ ކުރައްވާ!