ފަލަސްތީނުގެ ފަސް އަހަރުގެ ކުޑަކުއްޖެއް ކަމަށްވާ ޔަހޫދީން ބަޑިޖަހައި ޝަހީދުކޮށްލި ހިންދު ރަޖަބްގެ އެންމެ ފަހު ވަގުތުތައް ކިޔައިދޭ ފިލްމެއް ވެނިސް ފިލްމް ފެސްޓިވަލްގައި ދައްކާލައިފިއެވެ. މި ފިލްމަށް މަރުހަބާ ކިޔުމަށް 23 މިނެޓު ވަންދެން ހަފްލާގެ ބައިވެރިން ވަނީ ކޮއްޅަށް ތިބެފައެވެ. "ދަ ވޮއިސް އޮފް ހިންދު ރަޖަބް" ގެ ނަމުގައި ނެރެފައިވާ މި ފިލްމުގައި ދައްކައިދެނީ މިއަހަރުގެ ކުރީކޮޅު ޣައްޒާގައި އޭނާގެ އާއިލާގެ ކާރަށް ޔަހޫދީން ދިން ހަމަލާއަށް ފަހު އޭނާ އެހީއަށް އެދި ގޮވި އެންމެ ފަހުގެ ވަގުތުތަކެވެ.
ފްރާންސާއި ޓިއުނީޝިއާގެ ފިލްމް ޑައިރެކްޓަރު ކައުސަރު ބެން ހަނިއްޔާ ޑައިރެކްޓް ކޮށްފައިވާ މި ފިލްމުގައި، ހިންދު ރަޖަބްގެ އެހީއަށް އެދި ގޮވި އަޑުތައް ބޭނުންކޮށްފައި ވެއވެ. އަދި މިއަޑު ތަކާއެކު އޭނާ ވަނީ ހަނގުރާމައިގައި އިންސާނީ އަސަރު ވަރަށް ފުންކޮށް ދައްކުވައިދޭ މަންޒަރެއް ގެނަސްދީފައެވެ. މި ފިލްމުގައި ސަޖާ ކިލާނީ، ކްލާރާ ކޫރީ، އާމިރު ހްލެހެލް އަދި މުއުތަޒް މަލްހީސް ފަދަ ތަރިން ވަނީ ބައިވެރިވެފައެވެ. އަދި ބްރެޑް ޕިޓް، ހުއަކިން ފީނިކްސް، ރޫނީ މާރާ، އަލްފޮންސޯ ކުއަރޯން އަދި ޖޮނަތަން ގްލޭޒަރު ފަދަ ބޮޑެތި ނަންނަމުގެ ތަރިން ވަނީ އެގްޒެކެޓިވް ޕްރޮޑިއުސަރުންގެ ގޮތުގައި މަސައްކަތްކޮށްފައެވެ.
ފިލްމު ދެއްކުމަށްފަހު، ހޯލުގައި ތިބި ފަރާތްތަކުން ވަނީ ފަލަސްތީނުގެ ދިދަ ނަގައި، "ފްރީ ފަލަސްތީން" ގޮވަމުން ޝުއޫރުތައް ފާޅުކޮށްފައެވެ. ފިލްމު ދެއްކުމުގައި ހިންދު ރަޖަބްގެ މަންމަ، ވިސާމް ހަމާދާ ވެސް ބައިވެރިވިއެވެ. އަދި ޣައްޒާގައި ހިނގަމުންދާ އަނިޔާވެރިކަން ހުއްޓުވުމަށް މި ފިލްމުން އެހީތެރިވެދާނެ ކަމުގެ އުންމީދު ކުރާ ކަމަށް ބުނެ ބަޔާނެއް ދިނެވެ.
ބެން ހަނިއްޔާ ވަނީ 10 އަހަރު ވަންދެން މަސައްކަތް ކުރަމުން އައި ޕްރޮޖެކްޓެއްގެ މަސައްކަތް ހުއްޓާލައި ހިންފު ރަޖަބްގެ ވާހަކަ ކިޔައިދިނުމަށް އިސްކަންދީފައެވެ. "އަހަރެން ހިންދުގެ އަޑު އެހި ވަގުތު، ހިތަށް އެރީ އެއީ ހަމައެކަނި އޭނާގެ އަޑެއް ނޫން ކަމަށް – އެއީ އެހީއަށް އެދި ގޮވާ ޣައްޒާގެ އަޑު ކަމަށް،" އޭނާ ބުންޏެވެ. މިހާރު މި ފިލްމަކީ ގޯލްޑަން ލަޔަން އެވޯޑަށް ވާދަކުރާ އެންމެ ވަރުގަދަ ފިލްމުތަކުގެ ތެރެއިން އެއް ފިލްމެވެ.






