އިސްލާމީ އަދި އަރަބި ޤައުމުތަކުގެ ކުއްލި ބައްދަލުވުމެއް ދޯހާގައި

އިސްރާއީލުން ޤަތަރަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން މަޝްވަރާކުރުމަށް އާދީއްތަ އަދި ހޯމަ ދުވަހު ދޯހާގައި އިސްލާމީ އަދި އަރަބި ޤައުމުތަކުގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.

ޤަތަރުގެ ބޮޑުވަޒީރު މުހައްމަދު ބިން އަބްދުއްރަހްމާން ބުދަ ދުވަހު ވިދާޅުވި ގޮތުގައި އިސްރާއީލްގެ ޓެރަރިސްޓް އަމަލުތައް ހުއްޓުވުމަށް އެކުގައި މަސައްކަތްކުރުމުގެ މަގެއް ކަނޑައެޅުމަށް ކުރިއަށް އޮތް ދުވަސްތަކުގައި ދޯހާގައި އިސްލާމީ އަދި އަރަބި ޤައުމުތަކުގެ ބައްދަލުވުމެއް ބޭއްވޭނެއެވެ. މި ވާހަކަތައް ބޮޑުވަޒީރު އިއުލާން ކުރެއްވީ އެމެރިކާގެ ސީއެންއެން ނެޓްވޯކަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ. މި އިންޓަވިއު ދެއްވާފައިވަނީ އަންގާރަ ދުވަހު ދޯހާގައި މަޝްވަރާތކުގައި އުޅުނު ހަމާސްގެ ވަފުދަށް އިސްރާއީލުން ހަމަލާދިނުމަށް ފަހުގައެވެ.

ދޯހާއަށް އިސްރާއީލުން ދިން ހަމަލާ ބޮޑުވަޒީރު މުހައްމަދު ބިން އަބްދުއްރަހްމާން ސިފަކުރައްވާފައިވަނީ "ދައުލަތުގެ ޓެރަރިޒަމް" ގެ ގޮތުގައެވެ. "މި ޢަމަލާމެދު އަޅުގަނޑުމެން ކަންބޮޑުވާ މިންވަރު ބަޔާންކުރާނެ ބަހެއް ނެތް… މިއީ ދައުލަތުގެ ޓެރަރިޒަމް. އަޅުގަނޑުމެންނަށް ޔަހޫދީން ޣަދަރު ވެރިވެއްޖެ" ބޮޑުވަޒީރު ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!