އަޔަލެންޑްގެ ޓެލެވިޜަން އަދި ރޭޑިއޯ (އާރްޓީއީ) އިން ބުނެފައިވާ ގޮތުގައި، އިޒްރޭލަށް 2026 ވަނަ އަހަރުގެ ޔޫރޯވިޜަން މިއުޒިކް ކޮމްޕެޓިޝަންގައި ބައިވެރިވުމުގެ ފުރުސަތު ދީފިނަމަ، އެ މުބާރާތުގައި އަޔަލެންޑުން ބައިވެރިއެއް ނުވާނެއެވެ. ޣައްޒާގައި ހިނގަމުންދާ ހޮލޮކޯސްޓް ހަނގުރާމައިގެ ސަބަބުން އިޒްރޭލްގެ ބައިވެރިވުން ބަލައި ނުގަނެވޭނެ ކަމަށް އެ ފަރާތުން ބުނެފައިވެއެވެ.
އާރްޓީއީ އިން ހާމަކޮށްފައިވާ ގޮތުގައި، މިދިޔަ ޖުލައި މަހު ބޭއްވި ޔޫރަޕިއަން ބްރޯޑްކާސްޓިންގ ޔޫނިއަންގެ ބައްދަލުވުމެއްގައި ބައެއް މެމްބަރުން ވަނީ އިޒްރޭލްގެ ބައިވެރިވުމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.
އާރްޓީއީގެ ބަޔާނުގައި ބުނެފައިވަނީ "ޣައްޒާގައި މިހާރުވެސް ކުރިއަށްދާ އިންސާނީ ގެއްލުންތަކުގެ ސަބަބުން އަޔަލެންޑްގެ ބައިވެރިވުމަކީ ބަލައިގަނެވޭނެ ކަމަކަށް ނުވާނެ" ކަމަށެވެ.

މީގެއިތުރުން، "ޣައްޒާގައި ނޫސްވެރިންނަށް އަމާޒުކޮށް ގަތުލު ކުރުމާއި މެރުމާއި، ބައިނަލްއަޤްވާމީ ނޫސްވެރިންނަށް ޣައްޒާއަށް ނުވަދެވޭ ގޮތްހަދައި ތަން ބަންދުކުރުމާއި، އަދި ރަހީނުންގެ ގޮތުގައި ތިބި މީހުންގެ ހާލަތާ މެދު އާރްޓީއީ އިން ވަރަށް ބޮޑަށް ކަންބޮޑުވާ" ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
އޮސްޓްރިއާގެ ވެރިރަށް ވިއެނާގައި ބޭއްވުމަށް ހަމަޖެހިފައިވާ 2026 ވަނަ އަހަރުގެ މުބާރާތުގައި އަޔަލެންޑުން ބައިވެރިވާނެ ގޮތާ މެދު ނިންމުން ނިންމާނީ، ޔޫރަޕިއަން ބްރޯޑްކާސްޓިންގ ޔޫނިއަނުން އިޒްރޭލްގެ ބައިވެރިވުމާ މެދު ގޮތެއް ނިންމުމުންކަމަށް އާރްޓީއީ އިން ބުނެފައިވެއެވެ.






