އިޒްރޭލާ މެދު ޔޫރަޕިއަން ޔޫނިއަނުން އެއްވެސް ފިޔަވަޅެއް އަޅައިފިނަމަ، އެކަށީގެންވާ ޖަވާބެއް ދޭނެ ކަމަށް އިޒްރޭލްގެ ފޮރިން މިނިސްޓަރު ގިޑޯން ސާރް މިއަދު ބުނެފިއެވެ. މީޑިއާއިން ލަފާ ކުރާ ގޮތުގައި ސާރްގެ އިންޒާރަކީ ޔޫރަޕަށް އިޒްރޭލުން ބޮން އަޅަން ޖެހިދާނެ ކަމަށް ބުނެ ދީފައިވާ އިންޒާރެކެވެ.
މިއީ ޔަހޫދީންގެ ނަސްލު ނައްތާލުމުގެ އަމަލުތަކާއި ހެދި ޔޫރަޕުން އިޒްރޭލާއެކު ވެފައިވާ ވިޔަފާރީގެ އެއްބަސްވުންތަކަށް ހުރަސްތަކެއް އަޅައި، އިޒްރޭލްގެ ދެ މިނިސްޓަރަކާ މެދު ފިޔަވަޅު އެޅުމަށް ހުށަހެޅުމާ ގުޅިގެން ދީފައިވާ އިންޒާރެކެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް "އެކްސް" ގައި ކޮށްފައިވާ ޕޯސްޓެއްގައި ސާރް ބުނެފައި ވަނީ އުރުސުލާ ވޮން ޑަ ލައިންގެ ދަށުން ހިނގާ ޔޫރަޕިއަން ކޮމިޝަނުގެ ހުށަހެޅުންތަކަކީ އަޚްލާޤީ އަދި ސިޔާސީ ގޮތުން ކުށްވެރި ކުރަން ޖެހޭފަދަ ކަންތަކެއް ކަމަށެވެ. އަދި އިޒްރޭލާ ދެކޮޅަށް އަޅާ ކޮންމެ ފިޔަވަޅަކުން ޔޫރަޕްގެ ސަލާމަތަށާއި މަސްލަހަތުތަކަށް ގެއްލުން ލިބޭނެ ކަމަށް އޭނާ ބުނެއެވެ. އަދި އެފަދަ ފިޔަވަޅުތަކަށް އެކަށީގެންވާ ޖަވާބެއް ދިނުމަށް އިޒްރޭލަށް މަޖުބޫރު ވާނެ ކަމަށްވެސް ބުނެފައި ވެއެވެ.
ޔޫރަޕިއަން ކޮމިޝަނުން ހުށަހަޅާފައިވަނީ ޣައްޒާގައި ހިނގަމުންދާ ހޮލޮކޯސްޓް ހަނގުރާމައާ ގުޅިގެން އިޒްރޭލުގެ މުދާ އެތެރެ ކުރުމާ ގުޅޭ މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް ހުއްޓާލުމަށެވެ. ނަމަވެސް މި ފިޔަވަޅު އެޅުމަށް މިވަގުތު ޔޫރަޕިއަން ޔޫނިއަންގެ މެންބަރު ގައުމުތަކުގެ ފުރިހަމަ ތާއީދު ލިބިފައެއް ނުވެއެވެ.
މީގެއިތުރުން، ޔޫރަޕިއަން ޔޫނިއަންގެ ފޮރިން ޕޮލިސީ ވެރިޔާ ކާޔާ ކަލާސް ވަނީ އިޒްރޭލްގެ ހަރުކަށި މިނިސްޓަރުން ކަމަށްވާ މާލީ ވަޒީރު ސްމޮޓްރިޗް އަދި އިޓަމާރު ބެން ގްވިރްއާ މެދު ފިޔަވަޅު އެޅުމަށާއި، ހަމާސް މެންބަރުންނާއި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އަނިޔާވެރި ޢަމަލުތައް ހިންގާފައިވާ ޔަހޫދީ ޒަޔަނިސްޓު ސެޓްލަރުންނާ މެދުވެސް ފިޔަވަޅު އެޅުމަށް ހުށަހަޅާފައެވެ.
ޖަރުމަނު ސަރުކާރުގެ ތަރުޖަމާނެއް މިއަދު ވިދާޅުވި ގޮތުގައި، ޣައްޒާގައި ހިނގަމުންދާ ހޮލޮކޯސްޓް ހަނގުރާމައާ ގުޅިގެން އިޒްރޭލާ މެދު ފިޔަވަޅު އެޅުމަށް ޔޫރަޕިއަން ޔޫނިއަނުން ހުށަހަޅާފައިވާ ހުށަހެޅުންތަކާ މެދު ޖަރުމަނު ސަރުކާރުން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.





