މަސްއޫދު އަޒުހަރުގެ ޓެރަރިސްޓް ހަރަކާތްތަކުގެ ސިއްރު ހާމަކޮށްފި

ޕާކިސްތާންގައި ޓެރަރިސްޓް ޖަމާއަތެއް ކަމަށް ކަނޑައަޅާފައިވާ ޖައިޝޭ މުހައްމަދު ގެ އިސް ކޮމާންޑަރެއް ކަމުގައިވާ މަސްއޫދު އިލިޔާސް ކަޝްމީރީ ވަނީ އެ ޖަމާއަތުގެ ބާނީ މަސްއޫދު އަޒުހަރު، ގެ ޓެރަރިސްޓް ހަރަކާތްތަކާ ބެހޭ މައުލޫމާތު ހާމަކޮށްފައެވެ. އޭނާ ވަނީ ދިއްލީ އަދި މުންބާއީގައި މަސްއޫދު އަޒުހަރު ހިންގި ޓެރަރިސްޓް ހަމަލާތަކުގެ މައުލޫމާތު ހާމަކޮށްފައެވެ. މި ވާހަކަތަކާއެކު ޕާކިސްތާންގައި ހިންގާ ޖަމާއަތަކުން އަވަށްޓެރި ގައުމާ ދެކޮޅަށް ނޭދެވޭ ހަމަލާތައް ދޭކަން ސާބިތު ވާކަމަށް އިންޑިއާގެ މީޑިއާއިން ވަނީ ރިޕޯޓު ކޮށްފައެވެ.

އިންޑިއާ ޓުޑޭ ޓީވީން ގެނަސްދީފައިވާ ވީޑިއޯ ބަޔާނެއްގައި ކަޝްމީރީ ބުނެފައި ވަނީ، އަޒުހަރު ވަނީ ދިއްލީގެ ތިހާރު ޖަލުން މިނިވަން ވުމަށްފަހު، ޕާކިސްތާނުގެ ބާލާކޯޓުގައި މަރުކަޒެއް ޤާއިމުކޮށް ފައެވެ. އަދި، އޭނާ ހަމަލަތައް ރާފައި ވަނީ  އެތަނުން ކަމަށް ބުނެފައި ވެއެވެ. "އަމީރުލް މުޖާހިދީން މައުލާނާ މަސްއޫދު އަޒުހަރު ތިހާރު ޖަލުން މިނިވަން ވުމަށްފަހު ޕާކިސްތާނަށް އައިސް، ބަލަކޯޓުގެ ފަސްގަނޑުގައި އޭނާގެ ވިޝަން، މިޝަން އަދި ޕްރޮގްރާމް – ދިއްލީ އަދި ބޮންބޭގެ ހަމަލަތައް – ކުރިއަށް ގެންދިއުމަށް މަގުފަހިވެގެން ދިޔައީ،" ކަޝްމީރީއާ ހަވާލާދީ ރިޕޯޓްއ ކޮށްފައި ވެއެވެ.

މަސްއޫދު އަޒްހަރަކީ، 1999 ވަނަ އަހަރު އެއާ އިންޑިއާގެ އައިސީ-814 މަތިންދާބޯޓު ވައިފޭރިގަތް މައްސަލައިގައި ހައްޔަރު ކުރުމަށްފަހު މިނިވަން ކޮށްފައިވާ މީހެކެވެ. އިންޑިއާއިން އަބަދުވެސް ބުނަމުން ގޮސްފައި ވަނީ، މަސްއޫދު އަޒްހަރަކީ ފަހުގެ ޓެރަރިސްޓް ހަމަލަތަކުގެ އަޑީގައި ހުރި މީހެއް ކަމަށެވެ. އަދި މީޑިއާއިން ބުނެފައި ވަނީ ކަޝްމީރީގެ މިވާހަކަތަކުން އިންޑިއާގެ ތުހުމަތުތަކާ ދިމާވާ ކަމަށެވެ. ކަޝްމީރުގެ ޕުލްވާމާގައި ދިން ހަމަލާއަށްފަހު 2019 ގައި އިންޑިއާއިން ވަނީ ބާލާކޯޓުގައި ހުރި މަސްއޫދު އަޒުހަރުގެ މަރުކަޒަށް ވައިގެ ހަމަލާއެއް ދީފައެވެ.

ޕާކިސްތާނުން ވަނީ ކުރީގެ ބޮޑު ވަޒީރު އިމްރާން ޚާންގެ ވެރިކަމުގައި މަސްއޫދު އަޒުހަރާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅައި އޭނާގެ އެކައުންޓްތައް ފްރީޒްކޮށް އޭނާގެ ޖަމާއަތްތަކުގެ އޮފީސްތައް ބަންދުކޮށްފައެވެ.

ހިއްސާ ކުރައްވާ!