މައްކާގައި އެންމެ މުހިންމު އަދި ރޫހާނީ ތަންތަނުގެ ތެރެއިން ތަނެއް ކަމުގައިވާ ޙިރާ ފަރުބަދައަށް ޒިޔާރަތްކުރާ ފަރާތްތަކަށް ފަސޭހަކަމާއެކު އަރާފޭބުމަށްޓަކައި ކޭބަލް ކާރެއް ޤާއިމްކުރުމަށް ސަޢޫދީ ސަރުކާރުން ނިންމައިފިއެވެ. މި މަޝްރޫޢު ނިމޭނެ ކަމަށް ލަފާކުރެވެނީ 2025 ވަނަ އަހަރުގެ ފަހުކޮޅުގައެވެ.
މި މަޝްރޫޢުގެ ދަށުން ޤާއިމްކުރެވޭ ބިއްލޫރި ކޭބަލް ކާރުގެ ޚިދުމަތް ފެށޭނީ "ޙިރާ ޘަޤާފީ މަޖުމަޢު" އިންނެވެ. މި ކޮމްޕްލެކްސްއަކީ 67،000 އަކަމީޓަރުގެ ސަރަހައްދެއްގައި ތަރައްޤީކުރެވޭ، މަޢުރަޒުތަކާއި، ތަޢުލީމީ ވަސީލަތްތަކާއި، އެހެނިހެން ޚިދުމަތްތައް ހިމެނޭ މަރުކަޒެކެވެ. މި ކޭބަލް ކާރުގެ ސަބަބުން މިހާރު ފަރުބަދައަށް އަރަން ނަގާ ދެ ގަޑިއިރުގެ ވަގުތު 10 މިނެޓަށް ކުރުވެގެންދާނެއެވެ.
މި މަޝްރޫޢަކީ ސަޢޫދީ ވިޝަން 2030 ގެ ދަށުން މައްކާއާއި މަދީނާގެ ދީނީ އަދި ފަތުރުވެރިކަމުގެ ވަސީލަތްތައް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން ބައެކެވެ. މީގެ މައިގަނޑު މަޤްޞަދަކީ ދޮށީ އުމުރު މީހުންނާއި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު މި މުޤައްދަސް ތަނަށް ޒިޔާރަތްކުރެވޭނެ މަގު ތަނަވަސް ކޮށްދިނުމެވެ.
ނަމަވެސް މި މަޝްރޫޢާ ގުޅޭގޮތުން ޚިޔާލުތައް ތަފާތު ވެފައި ވެއެވެ. ސަޢޫދީ ޢަރަބިއްޔާގެ މާހިރު އަޙްމަދު އައްސުބައިޢީ ވިދާޅުވި ގޮތުގައި "މި މަޝްރޫޢުގެ ސަބަބުން ޒިޔާރަތްކުރުން ފަސޭހަވެ، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ޙިރާ ފަރުބަދައިގެ ރޫޙާނީ މުހިންމުކަން އިތުރަށް ދެނެގަނެވޭނެ" އެވެ. އެހެންނަމަވެސް އިންޑޮނޭޝިއާގެ ދިރާސާވެރިއެއް ކަމުގައިވާ ނަޞްރުއްދީން ޙަބީބް ވިދާޅުވި ގޮތުގައި "މިފަދަ ފަސޭހަތަކުގެ ސަބަބުން ފަރުބަދައަށް އަރައި ފޭބުމުން ލިބޭ ރޫޙާނީ ތަޖުރިބާ ގެއްލިގެން ހިނގައިދާނެ" އެވެ.
މި މަޝްރޫޢަކީ ސަޢޫދީ ސަރުކާރުގެ ވިޝަން 2030 ގެ ދަށުން ދީނީ ސިޔާޙީ ފަތުރުވެރިކަން ކުރިއެރުވުމަށާއި، ތެލަށް ބަރޯސާނުވާ އާމްދަނީ އިތުރުކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ތެރެއިން އެއް މަޝްރޫޢެވެ. މާހިރުން ލަފާދެއްވާފައިވަނީ އާންމު ގޮތުގައި ފަރުބަދައަށް އަރާ މަގު ވެސް ރަނގަޅު ފެންވަރެއްގައި ބަލަހައްޓައި، އެ މަގުގައި ސަލާމަތީ އަދި އެހެނިހެން ޚިދުމަތްތައް ޤާއިމްކޮށް، ކީރިތި ރަސޫލާގެ ޒިކުރާތައް ދަމަހައްޓަން ޖެހޭނެ ކަމަށެވެ.