މިހާރު ފަލަސްތީނު ރަސްމީކޮށް ބަލައިގަތް ޤައުމުތަކުގެ އަދަދު 153 އަށް އަރައިފި

އިތުރު 5 ޤައުމަކުން އިސްރާއީލާ ދެކޮޅަށް ސިޔާސީ ހަރަކާތެއް ދައްކައި ފަލަސްތީނު ދައުލަތެއްގެ ގޮތުގައި ރަސްމީކޮށް ބަލައިގަނެފައި ވެއެވެ.

މި ބައިނަލްއަޤްވާމީ ފިޔަވަޅު އެޅުމުގައި އިސްނެންގެވި ފަރާތަކީ ފްރާންސްގެ ރައީސް އިމާނުއެލް މެކްރޯން އާއި ސައޫދީ ވަލީ ޢަހުދު މުޙައްމަދު ބިން ސަލްމާނެވެ. އދ ގައި ބޭއްވި ފްރެންޗް-ސައުދީ ކޮންފަރެންސްގައި މޯލްޓާ އަދި ޔޫރަޕްގެ އިތުރު 3 ކުޑަ ގައުމެއް ކަމަށްވާ މޮނާކޯ، ލަކްސެމްބާގް އަދި ސަން މެރީނޯ ވަނީ ބައިވެރި ވެފައެވެ.

ބެލްޖިއަމް އަދި އެންޑޯރާވެސް ވަނީ ރަސްމީކޮށް ފަލަސްޠީނުގެ ދައުލަތް ބަލައިގަތްކަން އިއުލާނު ކޮށްފައެވެ. ނަމަވެސް، އެގައުމުތަކުން ޝަރުތު ކޮށްފައި ވަނީ ހަމާސްގެ މެހުމާނުންގެ ގޮތުގައި ތިބި ހަނގުރާމައިގެ ޔަހޫދީ އަސީރުން މިނިވަން ކޮށްދިނުމަށެވެ.

އަންގާރަ ދުވަހު އިނގިރޭސިވިލާތާއި ކެނެޑާ، އޮސްޓްރޭލިއާ އަދި ޕޯޗުގަލްވެސް ވަނީ ފަލަސްތީނު ދައުލަތެއްގެ ގޮތުގައި ބަލައިގަތްކަން އިއުލާނު ކޮށްފައެވެ. މިހާރު ފަލަސްތީނު ރަސްމީކޮށް ބަލައިގަތް ޤައުމުތަކުގެ އަދަދު 153 އަށް އަރައިފިއެވެ. މިއީ އދ ގެ 193 މެމްބަރު ޤައުމުތަކުގެ ތެރެއިން 80 އިންސައްތަ އެވެ.

މެކްރޯން ވިދާޅުވެފައި ވަނީ ޔަހޫދީ ހަނގުރާމައިގެ އަސީރުން ދޫކޮށްލުމުން ފަލަސްތީނުގެ ދައުލަތުގައި ފްރާންސްގެ އެމްބަސީއެއް ހުޅުވާނެ ކަމަށެވެ.

މި ބަދަލުތަކާއެކު، ރައީސް މަހުމޫދު އައްބާސް ވަނީ ފަލަސްތީނުގެ ވެރިކަމުގެ ނިޒާމަށް އަސާސީ އިސްލާހުތަކެއް ގެނައުމަށް ވައުދުވެ ވަޑައިގެން ފައެވެ.

ފްރާންސްއިން އެދިފައި ވަނީ އެހެން ގައުމުތަކުންވެސް ފަލަސްޠީނުގެ ދައުލަތް ބަލައި ގަތުމަށެވެ.

ދުނިޔޭގެ 80 އިންސައްތަ ގައުމުތަކުން ފަލަސްޠީނު ދައުލަތެއްގެ ގޮތުގައި ބަލައިގަތަސް އދގެ ސަލާމަތީ މަޖިލީހުގައި އެމެރިކާ އިން ފަލަސްޠީނާ ދެކޮޅަށް ގެންގުޅޭ އުދުވާނީ ސިޔާސަތު ދޫކޮށްނުލާ ހައި ހިނދަކު ފަލަސްތީނު ދައުލަތް އަދިވެސް އދ ގެ ފުރިހަމަ މެންބަރަކަށް ނުވާނެއެވެ.

ފަލަސްތީނަށް އެފަދަ މަގާމެއް ލިބުމަށް، ފަލަސްތީނުން ސެކިއުރިޓީ ކައުންސިލްގެ މަދުވެގެން 9 މެންބަރުންގެ ވޯޓު ހޯދަންޖެހޭނެއެވެ. އަދި ކައުންސިލްގެ ދާއިމީ މެންބަރު ކަމަށްވާ އެމެރިކާގެ ވީޓޯ ގެ ބާރު ބޭނުންކުރުން ހުއްޓުވަންޖެހޭނެއެވެ. ނަމަވެސް އެއީ ވާނެ ކަމެއް ނޫނެވެ.

ހިއްސާ ކުރައްވާ!