އދގެ އާންމު ޖަލްސާގައި ވީޑިއޯ ލިންކަކުން ފަލަސްޠީނުގެ ރައީސް މަޙުމޫދު އައްބާސް ދެއްވި ތަގްރީރުގައި މުހިންމު ތިން ކަމެއް އުނިކުރައްވާފައިވާތީ އެކަމަށް ފާޑު ކިޔައިފިއެވެ.
ފަލަސްތީނުގެ ނޭޝަނަލް އިނިޝިއޭޓިވްގެ ސެކްރެޓަރީ ޖެނެރަލް މުސްތަފާ ބަރުޣޫތީ، ވިދާޅުވީ އައްބާސްގެ ތަޤްރީރަކީ ޣައްޒާ އާއި ހުޅަނގު އައްސޭރީގައި އިޒްރޭލުން ހިންގާ ޖަރީމާތައް ކުށްވެރިކުރުމުގައި ވަރަށް ބާރުގަދަ ބަސްތައް ބޭނުން ކުރައްވާފައިވާ ތަޤްރީރެއް ކަމަށެވެ. ނަމަވެސް، އެ ތަޤްރީރުގައި މުހިންމު ތިން ކަމަކަށް އަލިއަޅުވާލާފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.
ބަރުޣޫތީ ވިދާޅުވި ގޮތުގައި، ރައީސް އައްބާސްގެ ތަޤްރީރުގައި ހިމެނިފައިނުވާ ތިން މުހިންމު ކަމަކީ:
އދ.ގެ ބައްދަލުވުންތަކުގައި ފަލަސްތީނަށް ނިސްބަތްވާ ފަރާތްތައް އެމެރިކާއިން ބައިވެރިނުކުރުން: ނިއުޔޯކުގައި އޮތް އދ.ގެ 80 ވަން އާންމު ޖަލްސާގައި އައްބާސް އާއި ފަލަސްތީނުގެ އެހެން ފަރާތްތަކަށް ބައިވެރިވިޔަ ނުދިނުމަށް އެމެރިކާގެ ރައީސް ވަނީ ނިންމާފައެވެ. އަދި މިއީ "ޖަމާއީ އަދަބެއް" ކަމަށް ބަރުޣޫތީ ސިފަކުރެއްވިއެވެ.
ބެއިޖިންގ އިޢުލާނުގެ ހާލަތު: 2024 ވަނަ އަހަރުގެ ޖުލައި މަހު ޙަމާސް އާއި ފަތަޙް ޖަމާއަތް ހިމެނޭ ގޮތަށް ފަލަސްތީނުގެ 14 ޖަމާއަތަކުން ސޮއިކުރި ގައުމީ އެއްބައިވަންތަކަމުގެ އެއްބަސްވުމަށް އައްބާސް އަލިއަޅުވާލައްވާފައެއް ނުވެއެވެ.
އިޒްރޭލަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ މުހިންމުކަން: ބަރުޣޫތީ ފާހަގަކުރެއްވި ގޮތުގައި، ބައިނަލްއަޤްވާމީ ގޮތުން ފަލަސްތީނު ދައުލަތެއްގެ ގޮތުގައި ބަލައިގަތުން އަދި ނުފުދެއެވެ. އިޒްރޭލުން ހިންގަމުންދާ ހޮލޮކޯސްޓް އަމަލުތައް ހުއްޓުވުމަށް ދުނިޔެއިން ޔަހޫދީ ގަައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ފަލަސްތީނުގެ މަދަނީ ޖަމާއަތްތަކާއި ފަލަސްތީނަށް ތާއީދުކުރާ އެހެނިހެން ޖަމާއަތްތަކުން ގޮވާލާކަމަށް އޭނާ ވިދާޅުވިއެވެ.
ޣައްޒާގެ ކަންތައްތަކުގެ ޒިންމާ ފަލަސްތީނުގެ އޮތޯރިޓީ (ޕީ.އޭ) އާ ހަވާލުކުރުމަށް ރައީސް އައްބާސް ދެކެވަޑައިގަންނަވާ ގޮތާ ބެހޭގޮތުން ބަރުޣޫތީ ވިދާޅުވީ، އެކަމަށް ޙަމާސްގެ ފަރާތުން ކުރިމަތިވާނެ ގޮންޖެހުންތަކަށްވުރެ ބޮޑަށް، އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫގެ ފަރާތުން މާބޮޑު ދެކޮޅުވެރި ކަމެއް ކުރިމަތިވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ނަތަންޔާހޫގެ މަޤްޞަދަކީ ފަލަސްތީނު އެއްވެސް ޖަމާއަތަކަށް ޣައްޒާގެ ވެރިކަން ހިންގިޔަ ނުދިނުމެވެ.






