ޔަހޫދީ ކަލޭގެ ވާހަކަ ދައްކަން ފެށުމުން އަޑުގަދަ ކުރަމުން މަންދޫބުން މާލަމުން ބޭރުވެއްޖެ

ޣައްޒާގައި ޔަހޫދީން ހިންގާ ހޮލޮކޯސްޓް ހަނގުރާމައިގެ ޖަރީމާތަކަށް ޔަހޫދީންގެ ބޮޑު ވަޒީރު ނަތަންޔާހޫ ޖަވާބުދާރީ ކުރުވަން ޖެހޭނެ ކަމަށް ބުނެ ނިއުޔޯކު ރައްޔިތުން މުޒާހަރާ ކޮށްފިއެވެ. ނިއުޔޯކު މީހުން ވަނީ ޔަހޫދީ ކަލޭގެ އެސިޓީގައި ހުންނަން ނޭދޭ ކަމަށް ބުނެ އޭނާ ހައްޔަރު ކުރުމަށް ގޮވާލާފައެވެ. ހުކުރު ދުވަހު ޓައިމްސް މައިދާންގައި އެތައްހާސް ބަޔަކު ބައިވެރިވި މުޒާހަރާ ފުލުހުން ވަނީ ރޫޅާލާފައެވެ.

ޔަހޫދީ ކަލޭގެ އދގެ 80 ވަނަ އާންމު ޖަލްސާގައި ތަގްރީރު ކުރަން ތެދުވުމާއެކު އަޑުގަދަ ކުރަމުން ގައުމުތަކުގެ މަންދޫބުން ވަނީ ގަނޑުކޮށް ހޯލުން ނިކުމެފައެވެ. އަދި ހޯލުގައި އަޑުގަދަ ވުމުން ރިއާސަތުން ދިޔައީ ހިމޭން ވުމަށް އަންގަމުންނެވެ. ގިނަ އަދަދަކަށް މީހުން ނިކުމެ އަޑުގަދަ ކުރަމުން ދިއުމުން ޔަހޫދީ ކަލޭގެ ހުރީ ރަކިވެފައ،ި ބަލަހައްޓައިގެންނެވެ.

މުޒާހަރާ ކުރި މީހުން ބުނީ ޔަހޫދީންގެ ލީޑަރު އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ)ގައި ދައުވާއަށް ޖަވާބު ދާރީވާން ގޮސް ހުންނަން ޖެހޭ ކަމަށެވެ. ނަތަންޔާހޫ ނިއުޔޯކަށް ގޮސްފައި ވަނީ އެއްވެސް ގައުމެއްގެ ސަރަހައްދަކަށް ނާރާ ގޮތަށް ސިއްރު ސިއްރުންނެވެ. އޭނާގެ ބިރަކީ އޭނާ ހައްޔަރުކޮށްފާނެތީއެވެ.

ޑިމޮކްރެޓިކް ޕާޓީން ނިއުޔޯކުގެ މޭޔަރު ކަމަށް ވާދަކުރައްވާ ޒަހްރާން މަމްދާނީ ވެސް ވަނީ އޭނާ އިންތިޚާބު ވެއްޖެނަމަ، ނަތަންޔާހޫ ހައްޔަރު ކުރުމަށް އައިސީސީން ނެރެފައިވާ އަމުރު ތަންފީޒު ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ. ނަމަވެސް އެމެރިކާއަކީ އައިސީސީގެ މެމްބަރެއް ނޫންކަން ގާނޫނީ ތަޖުރިބާކާރުން ފާހަގަކުރާއިރު، އެ އަމުރަށް އަމަލުކުރުމުގެ އިހްތިސާސް ނިއުޔޯކް ޕޮލިސް ޑިޕާޓްމަންޓަށް ލިބިފައިވޭތޯ ސުވާލު އުފެދެ އެވެ.

ޓައިމްސް މައިދާނުގައި މުޒާހަރާ ކުރި މީހުން ވަނީ އެމެރިކާއިން ހަނގުރާމައިގެ މުޖުރިމަކަށް ރަތް ދޫލައުިގެ މަރުހަބާއެއް ކިޔާފައިވާތީ އެކަމާވެސް ދެކޮޅު ހަދާފައވެ.

މުޒާހަރާ ކުރި މީހުންގެ ތެރޭގައި ފަލަސްތީނާއި އަރަބި އަދި ޔަހޫދީ އެކްޓިވިސްޓުން ހިމެނެއެވެ. އެމީހުން ގޮވާލާފައި ވަނީ ޔަހޫދީންގެ ދައުލަތަށް ހަނގުރާމައިގެ ޖަރީމާތައް ހިންގުމަށް އެމެރިކާއިން ދޭ ހަތިޔާރު ދިނުން މަނާކުރުމަށާއި "ފަލަސްތީނު މީހުންނާ ދެކޮޅަށް އިސްރާއީލުން ހިންގާ ނަސްލު ނައްތާލުމުގެ އަމަލުތައް ހުއްޓުވައި" ހަގީގީ ނަތީޖާތަކެއް ނެރެދިނުމަށެވެ.

އެމެރިކާ މީހުންގެ މެދުގައި ދާދި ފަހުން ކުރި ސާވޭއަކުން ދައްކާ ގޮތުގައި އެމެރިކާގެ 84 ޕަސެންޓަށް ވުރެ ގިނަ މީހުން ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ތާއީދު ކުރެ އެވެ.

އދގެ މަޖިލީހުން ގައުމުތަކުގެ މަންދޫބުން ގަނޑުކޮށް ބޭރުވެގެން ދިއުމުން ފަލަސްޠީނުގެ މިނިވަންކަމަށް މަސައްކަތް ކުޜާ ހަމާސް ޖަމާއަތުން ވަނީ އެކަމަށް މަރުޙަބާ ކިޔާފައެވެ. ހަމާސްގެ ތަރުޖަމާނު ތާހިރު އަލް ނޫނޫ ސިފަކުރެއްވި ގޮތުގައި ޔަހޫދީ ކަލޭގެ ރަކިކޮށްލައި މެމްބަރުން މާލަމުން ބޭރުވުމަކީ "އިސްރާއީލު އެކަހެރިވުމާއި ނަސްލު ނައްތާލުމުގެ ހަނގުރާމައިގެ ނަތީޖާ ދައްކުވައިދިނުމެއް" ކަމަށެވެ.

ހިއްސާ ކުރައްވާ!