އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ، ޤަޠަރުގެ ބޮޑުވަޒީރު މުހައްމަދު ބިން އަބްދުއްރަހްމާން އާލް ޘާނީއަށް، ފޯނުން ގުޅައިގެން ވާހަކަ ދައްކަމުން ޤަތަރަށް ދިން ޓެރަރިސްޓް ހަމަލާގައި ޤަތަރު މީހާ މަރުވެފައިވާތީ މައާފަށް އެދެފިއެވެ. ޔަހޫދީ ކަލޭގެ މައާފަށް އެދިފައި ވަނީ ދިން ހަމަލައަކަށް ނޫނެވެ. ނަމަވެސް ހަމަލާގައި ޤަތަރު މީހަކު މަރުވެފައިވާތީއެވެ.
މި ފޯނު ކޯލަކީ ވައިޓް ހައުސްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ބައްދަލުކުރުމަށްފަހު އޭނާގެ ބާރުގެ އެޅުމުގެ މަތިން ޔަހޫދީ ކަލޭގެ ކޮށްފައިވާ ފޯނު ކޯލެކެވެ.
ޑިޕްލޮމެޓިކް މަސްދަރުތަކުން ބުނާ ގޮތުގައި، އިޒްރޭލާއި ޤަޠަރުގެ ގުޅުން އަލުން ރަނގަޅުކޮށް، ހަނގުރާމަ ހުއްޓުވުމާއި ހަމާސްގެ މެހުމާންދާރީގައި ތިބި ޔަހޫދީ ހަނގުރާމަވެރި އަސީރުން ދޫކުރުމުގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށްޓަކައި، މައާފަށް އެދުމަށް ޓްރަމްޕް ނާތަންޔާހޫއަށް އެންގީ އެވެ.
ޤަތަރަކީ ފަލަސްޠީނު މީހުން ބަނޑަށް މަރުވަމުންދާއިރު، ޓްރަމްޕަށް ހަދިޔާއަކަށް އެތައް މިލިއަން ޑޮލަރުގެ އުދުހޭ ގަނޑުވަރެއް ހަދިޔާ ކުރި ގައުމެވެ. އެމެރިކާގެ މީޑިއާއާއި އިދިކޮޅު ފަރާތްތަކުން ބުނެފައި ވަނީ އެފަދަ ހަދިޔާއެއް ޓްރަމްޕް ބަލައި ގަތުމަކީ މަގާމުގެ ހައިސިއްޔަތުން އޭނާއާ އެކަށީގެންވާ ކަމެއް ނޫން ކަމަށެވެ.
ޔަހޫދީ ކަލޭގެ މަފާއަށް އެދުމުން ހަރުކަށި ޔަހޫދީން ވަނީ ފާޑު ކިޔާފައެވެ. ޔަހޫދީންގެ އެންމެ ހަރުކަށި އަދި ޓެރަރިސްޓް ހަމަލަތަކަށް ހިތްވަރު ދޭ މާލީ ވަޒީރު ސްމޯރިޗް ސިފަ ކުރީ މި މައާފަށް އެދުމަކީ "ދެރަވަރު މައާފެއް" ކަމަށް ބުނެއެވެ. އަދި މިއީ "ލަދުވެތި ކަމެއް" ގެ ގޮތުގައި އޭނާ ސިފަ ކުރިއެވެ.
އިޒްރޭލުގެ ނެޝަނަލް ސެކިއުރިޓީ މިނިސްޓަރު ބެން-ގްވިރް ވެސް ވަނީ ދޯހާއަށް ހަމަލަ ދޭން ޖެހޭނެ ކަމަށް ބުނެފައެވެ. އޭނާ ބުނީ ޤަތަރަކީ "ޓެރަރިޒަމަށް ފައިސާ ދީ އެކަމަށް ހިތްވަރުދޭ ޤައުމެއް ކަމަށްވާތީ ޤަޠަރުގައި ތިބި އޮކްޓޯބަރު 7 ގެ ހަމަލަ ހިންގި ފަރާތްތަކަށް އަމާޒުކުރެވުނު ހަމަލާއަކީ ވަރަށް މުހިންމު، އިންސާފުވެރި އަދި އަޚްލާޤީ ގޮތުން ރަނގަޅު ހަމަލައެއް" ކަމަށެވެ.






